ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް އެކުވެރިންނަށް ކިޔައިދިނުމެވެ. އެއީ ހަމަ އެއްގޮތަކަށްވެސް ކުރަން ފައިދާހުރި ކަމެއް ނޫނެވެ. ގިނަ ފަހަރު ލިބޭނީ ގެއްލުމެވެ.
ބުއްދިވެރިންނަކީ ކުރިމަތިވާ ކަންކަން އަމިއްލައަށް ޙައްލުކުރަން މަސައްކަތްކުރާ މީހުންނެވެ. އަމިއްލައަށް ޙައްލުނުކުރެވިދާނެ ކަމަށް ވިސްނޭނަމަ އެކުވެރިންނާއި ޙިއްޞާ ކުރުމުގެ ބަދަލުގައި އިތުބާރުކުރެވޭ ޢިލްމީ މާހިރަކާއި މަޝްވަރާކުރާށެވެ! އެމީހުންދޭ އިރުޝާދަށް ޢަމަލުކުރާށެވެ!
ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް އެކުވެރިންނަށް ޙިއްޞާނުކުރަންވީ އެންމެ ބޮޑު ސަބަބަކީ އެމީހުންގެ ނިޔަތް ޔަޤީން ނުކުރެވޭ ކަމެވެ. ކޮންމެ އެކުވެރިއަކަށް އިތުބާރުކޮށްގެން ނުވާނެއެވެ. އަދި ކަންކަން ޙައްލުކުރުމުގެ ތަޖުރިބާ ނެތި ދޭ މަޝްވަރާއަށް ޢަމަލުކުރުމުން ގިނަ ފަހަރު ކަންކަން ދާނީ ގޯހުން ގޯހަށެވެ.
ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތަކެއް ހުންނާނެއެވެ. ކަންކަން އަބަދުވެސް ކުރިމަތިވާނެއެވެ. އެކަންކަމަށް ދެމަފިރިން މަޝްވަރާކުރާށެވެ! ކުށް ޤަބޫލުކުރަންޖެހޭ ޙާލަތުގައި ކުށް ޤަބޫލުކުރާށެވެ! މާފަށް އެދެން އަވަސްވެގަންނާށެވެ! އަދި އަނެކާއަށް މާފުކުރަންޖެހޭ ޙާލަތުގައި ދީލަތިވާށެވެ! މާފުކުރަން ބޮޑާނުހާކާށެވެ!
އެކުވެރިންގެ ގާތުގައި ވާހަކަ ދެއްކުމުގައި އިންތަކެއް ބަހައްޓާށެވެ! ބޭކާރު ވާހަކަ ނުދައްކާށެވެ! ގިނަ ފަހަރަށް ދެމަފިރިންގެ މެދުގައި ހުންނަ ކަންކަމުގެ ތެރެއިން ސިއްރު ހިފަހައްޓަންޖެހޭ ކަންކަމުގެ ވާހަކަ ދެއްކެނީ މާގިނަ ވާހަކަ ދައްކަން ހަދައިގެންނެވެ.
އެއްވެސް މީހަކީ އެމީހަކަށް ކުރެވޭ ނުރަނގަޅު ކަންކަން އެހެން މީހަކަށް އެނގެން ބޭނުންވާނެ މީހެއް ނޫނެވެ. ވީމާ ބައިވެރިޔާއަށް ކުރެވޭ ނުރަނގަޅު ކަންކަން އެންމެ ގާތް އެކުވެރިއަކަށް ނަމަވެސް ޙިއްޞާކުރެވުމުން އެކަމަށް ނަފްރަތުކުރެވުން އޮންނާނީ ދާދި ގާތުގައެވެ. ނަތީޖާއަކަށްވާނީ ކަންކަން ޙައްލުކުރެވުމުގެ ބަދަލުގައި އިތުރަށް ގޯސްވުމެވެ.
މިއީ ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދިނުން ވަރަށް މުހިންމު ކަންކަމެވެ. ސަމާލުކަން ދީފިނަމަ ފައިދާކުރާނެއެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން