މިކުރެވެނީ މާބޮޑު ފާފައެއް ނޫންކަމަށް ބަލައި ކަންކަންކުރާ މީހުން ވަރަށް ގިނައެވެ. އަދި ވިސްނައިލުމެއްވެސް ނެތި ގިނަ ފާފަތަކެއް ކުރަމުންވެސް ގެންދެއެވެ. އެމީހުންނަށް ވިސްނެނީ އެންމެ ބޮޑެތި ފާފަތައް ނުކުރާނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ.
ނަމަވެސް އެއީ އެހާފަސޭހައިން ނިމެން އޮތް ކަމެއް ނޫނެވެ. އެއީ ފާފައެއް ނޫންކަމަށް ބަލައި ކުރެވުނު ފާފަތަކާއި ނުއެނގިހުރެ ކުރެވިފައިވާ ފާފަތައްވެސް އެކަމުގެ ވަޤުތުގައި މީޒާނުން ފެންނާނެއެވެ. އެމީހަކަށް ދައްކަވާނެތެވެ. އެވަޤުތު ގަންނަ ބިރުން މީހާ ފުނޑުފުނޑުވާވަރުވާނެއެވެ. އަދި އިންތިހާއަށް ޙައިރާންވެސް ވާނެއެވެ.
ވީހައި ގިނައިން އިސްތިޣްފާރުކުރަންވީވެސް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަންވީވެސް ހަމައެސަބަބަށްޓަކައެވެ. އެހެނީ ކޮންމެ މީހަކަށްވެސް އެތައް ބައިވަރު ފާފަތަކެއް ކުރެވިފައިހުންނާނެއެވެ. މީޒާނުގައި ޢަމަލުތައް ކިރުއްވަވާ ވަޤުތުގައި އެކަން އެނގިގެންދާނެތެވެ.
މީސްތަކުންނޭވެ! މިހެން ބުނުމުން މާޔޫސްވާންވީއެއް ނޫނެވެ! ކޮންމެ މީހަކަށްވެސް ފާފަތައް ކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މަސައްކަތްކުރަންވީ ކުރާ ހެޔޮ ޢަމަލުތައް ގިނަކުރެވޭތޯއެވެ! ކުރެވޭ ފާފަތައް ފުއްސަވައި ދެއްވަވާތޯއެވެ.
ކުރަން ފުރުޞަތުލިބޭ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއްނަމަވެސް ނުކޮށް ދޫކޮށްނުލަންވީ އެހެންވެގެންނެވެ. އަދި އެޢަމަލަކީ ކިތަންމެ ކުޑަކުޑަ ފާފައަކަށްވީނަމަވެސް ނުކުރަންވީވެސް އެހެންވެގެންނެވެ. ކިތަންމެ ކުޑަ ފާފައެއް ކުރެވުނަސް ތައުބާވުމަށާއި ވިއްދައިގެން ހެޔޮ ޢަމަލެއް ކުރަންވީވެސް އެހެންވެގެންނެވެ.
އެންމެ ކުޑަމިނުން ބަލައިގެން ނުވާނެ ތަނަކަށް ބަލައިލެވުނަސް، ބުނެގެން ނުވާނެ ބަހެއް ބުނެވުނަސް ވިއްދައިގެން ޘަވާބު ލިބޭނެ ހެޔޮ ޢަމަލެއް ކުރަން އަވަސްވެގަންނާށެވެ. އެއީ ކުރަން އެހައި ބޮޑުކަމެއް ނޫނެވެ. އަސްތަޣްފިރުﷲ ކިޔާށެވެ. ޝަހާދަތް ނުވަތަ އަލްޙަމްދުލިﷲ ފަދަ ކިތަންމެ ކުރު ޛިކުރެއް ނަމަވެސް ކިޔައިލާށެވެ. ކުރެވޭ ޢަމަލުތަކުގެ ހިސާބު މިފަދަ މަގަކުން ކުރެވޭނަމަ މީޒާން ބުރަވާނީ އެމީހެއްގެ ކޮޅަށެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން