މަރުވުމުން ދެލޯމެރި ނިދިފައި އޮތްކަމަށް ވިސްނުނަސް މަރާއިމެދު ޣާފިލުވިމީހުންގެ ވަށައިގެންވާ ބިރުވެރިކަމުގެ ބޮޑުކަން ދިރިތިބި މީހުންނަށް ނުވެސް ވިސްނޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
މަރުވުމުން ދެލޯމެރި ނިދިފައި އޮތްކަމަށް ވިސްނުނަސް މަރާއިމެދު ޣާފިލުވިމީހުންގެ ވަށައިގެންވާ ބިރުވެރިކަމުގެ ބޮޑުކަން ދިރިތިބި މީހުންނަށް ނުވެސް ވިސްނޭނެ!

ﷲ ތަޢާލާ އެއްވެސް އިންސާނެއްގެ ފުރާނަ އަޅުއްވަވައިފިނަމަ އެފުރާނައަށް ނިމުމެއް ނުވެއެވެ. ދުނިޔެއަށް އުފަންނުވެ މަރުވިޔަސް ސުވަރުގޭގައިވާނެއެވެ. އަދި ދުނިޔެއަށް އުފަންވުމަށްފަހު މަރުވެއްޖެނަމަ އެމީހެއްގެ މައްޗަށް އޮތީ ދެގޮތެވެ. އޭނާ ބާލިޣްވުމުގެ ކުރިން މަރުވެއްޖެނަމަ އެއްވެސް ތަކްލީފެއް އުފުލާކަށް ނުޖެހޭނެއެވެ. ނަމަވެސް ބާލިޣްވުމަށްފަހު އެމީހަކު ކުރި ކަމެއްގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ.  

މަރުވުމާއިމެދު ގިނަ ބައަކަށް ވިސްނިފައި އޮންނަނީ އެއީ އިންސާނާގެ ނިމުން ކަމަށެވެ. އެކަން އެގޮތަށް ދިމާވާނީ އިންސާނާއަކީ ހަށިގަނޑު ކަމަށް ބަލައިފިނަމައެވެ. ނަމަވެސް އިންސާނާއަކީ ތިމާގެ ފުރާނަ ކަމަށް ބަލައިފިނަމަ އެކަން މުޅިން ތަފާތުވާނެއެވެ. 

އެހެނީ ޙަޤީޤަތުގައި އިންސާނާއަކީ އޭނާގެ ފުރާނައެވެ. ހަށިގަނޑަކީ އެ ފުރާނަ ދުނިޔޭގައި ހޭދަކުރާ ޙަޔާތުގައި ފުރާނައިގެ ލިބާހެވެ. އެފުރާނައިގެ ދުނިޔަވީ ޙަޔާތް ނިމުމުން އެ ލިބާސް ދޫކޮށްލައި ފުރާނަ ބޭރުވެގެންދަނީއެވެ. ހަށިގަނޑުން ފުރާނަ ނުކުންނަނީއެވެ. ދެން އެދަނީ ނިމުމެއް ނުވާ ދާއިމީ ޙަޔާތަށެވެ. އެ ޙަޔާތުގައި އެފުރާނައަށް ނިމުމެއް ނުވެއެވެ.  

މިކަން އެނގިގެންދާ އެއް ސަބަބަކީ މީހާ މަރުވީ ހަށިގަނޑު ފުނޑުފުނޑުވެގެންކަމުގައިވެފައި ހަށިގަނޑު ވަޅު ނުލެވުނު ނަމަވެސް ކައްވަޅުގައި ކުރެވޭ ސުވާލުތައް އެ ފުރާނައާއި ކުރެވޭ ކަމެވެ. ކައްވަޅުގައި ލިބުން ޙައްޤު ޢަޛާބާއި ނިޢްމަތް ފުރާނައަށް ލިބިގެންދާ ކަމެވެ. ހަށިގަނޑު ވަޅުލެވުނު ކަމުގައިވީނަމަވެސް ދާދިއަވަހަށް ހަށިގަނޑު ކުނިވެ ނެތިގެންދެއެވެ. ނަމަވެސް ފުރާމައަށް ލިބެންވާ ޢަޛާބާއި ނިޢްމަތް ލިބުމުގައި ޤިޔާމަތާއި ހަމައަށް އެއްވެސް ބަދަލެއް ނާދެއެވެ.  

ބައެއް ޢިލްމުވެރިން ފުރާނަ އާއި ހަށިގަނޑު ސިފަކުރައްވަނީ ކަރަންޓާއި ބޮތްކެއްގެ މިސާލުގައެވެ. އެއިގެ މުއްދަތު ހަމަވުމުން ބޮޑި އަނދައެވެ. ނަމަވެސް ކަރަންޓް ދެމިހުރެއެވެ. ބޮކި އެނދި ނަމަވެސް ކަރަންޓް ނެތިގެން ނުދާކަން އަހަރެމެން ޤަބޫލުކުރަމުއެވެ. ވީމާ ދުނިޔޭގެ ޙަޔާތް ނިމުމުން ފުރާނަ ހަށިގަނޑުން ނުކުމެގެން ދިއުމަކީ ބޮކީގެ މުއްދަތުހަމަވެގެން ނުވަތަ އެނޫންވެސް ގޮތަކުން ބޮކި އެނދުންފަދަ ކަމެކެވެ. އެއްވެސް ޙާލެއްގައި ބޮކި އެނދުމަކުން ކަރަންޓް ނެތިގެނެއް ނުދެއެވެ. އެހެން ބޮތްކެއް ޖަހާއިރަށް ދިއްލޭނެއެވެ. ފުރާނައަށްވެސް މެދުވެރިވަނީ ހަމައެފަދަ ގޮތެކެވެ.  

ﷲ ތަޢާލާ ވަޙިކުރައްވަވާފައިވެއެވެ.  

"އެއުރެން ހެނދުނާއި ހަވީރު އަލިފާނަށް (އެބަހީ: ކައްވަޅުގެ ޢަޛާބަށް) ހުށަހަޅުއްވަވާނެތެވެ. އަދި ޤިޔާމަތުގެ ވަޤުތު އަންނަ ދުވަހު (މަލާއިކަތުންނަށް އަންގަވާނެތެވެ.) ފިރުއަޢުނެ މީހުން އެންމެ ގަދަފަދަވެގެންވާ ޢަޖާބަށް (އެބަހީ: ނަރަކައަށް) ވައްދަވާށެވެ! (އަލްމުއްމިން: 46) 

މިއާޔަތުން އެނގިގެން މިދަނީ އެމީހުންނަށް ޤިޔާމަތްދުވަހާއި ހަމައަށް ކައްވަޅުގައި ޢަޛާބުލިބެމުންދާނެއެވެ. ހަމަ އެއާއިއެކު ކައްވަޅު އެއްބައަކަށް ވާހުށީ ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއަކަށް ކަމަށާއި އަނެއް ބައަކަސްވާހުށީ ނަރަކައިގެ ވަތްގަނޑުތަކުން ވަތްގަނޑަކަށްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!  

މިކަންކަމުންވެސް އެނގި ޔަޤީންވެގެން މިދަނީ ދުނިޔެއަށް އުފަންވި އެއްވެސް ފުރާނައެއް ދުވަހަކުވެސް ނެތިގެން ނުދާނެކަމެވެ. ދާއިމަށް ދެމިގެންވާނެކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން