ތަނަވަސްކަން ހުރިނަމަވެސް މަތީ މަޤާމެއްގައި ހުރިނަމަވެސް ތިމާއަކީ އެއްވެސް މީހަކަށްވުރެ މޮޅު، ބާރުހުރި މީހެއްކަމަށް ޤަބޫލުކުރެވުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ތަނަވަސްކަން ހުރިނަމަވެސް މަތީ މަޤާމެއްގައި ހުރިނަމަވެސް ތިމާއަކީ އެއްވެސް މީހަކަށްވުރެ މޮޅު، ބާރުހުރި މީހެއްކަމަށް ޤަބޫލުކުރެވުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެއް!

ބައެއް މީހުންނަށް ތަނަވަސްކަން ލިބުމުން ނުވަތަ މަތީ މަޤާމެއް ލިބުމުން ތިމާއަކީ އެހެން މީހުންނަށްވުރެ މާމޮޅު، މާމަތީގައި ހުރި މީހަކު ކަމަށް ޤަބޫލުކުރެވެއެވެ. އެފަދަ މީހުން އެވަނީ ވަރަށް ބޮޑު ގެއްލުމާއި ހަލާކުގެ ތެރޭގައެވެ.  

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވަނީ މިފަދައިންނެވެ.  

"ތިއަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތަނުގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ." (އަލްޣާފިރު: 76) 

އެއީ ތިމާގެ އަނބިމީހާ ކަމުގައިވީނަމަވެސް ފިރިމީހާކަމުގައިވީނަމަވެސް ގެންގުޅޭ މުވައްޒިފެއް ނަމަވެސް އެއްވެސް މީހަކީ ތިމާއަށްވުރެ ދަށު ދަރަޖައިގެ، ނިކަމެތި މީހެއްކަމަށް ޤަބޫލުކުރުމަކީ ވަރަށް ބޮޑު ފާފައެކެވެ. އެންމެ ބޮޑު އެއް ފާފައެވެ. އެހެނީ އެކަން ހިމެނިގެންދާނީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ތެރެއިންނެވެ. އެއީ ބޮޑާ، ކިބުރުވެރި މީހުންގެ ސިފައެކެވެ.   

އެހެންވެ އިބްން ޘައިމިއްޔާ ސިފަކުރައްވަވާފައިވަނީ ބޮޑާ، ކިބުރުވެރި މީހުންގެ ނުބައިކަން ޝިރުކުރާ ބައެއް މީހުންނަށްވުރެ ވެސް ނުބައި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ޝިރުކުރުކުރާ ބައެއް މީހުން ބައެއް ފަހަރު ﷲ ތަޢާލާއަށް ބިރުވެތިވެ އަޅުކަންވެސް ކުރާކަމަށާއި ނަމަވެސް ބޮޑާ ކިބުރުވެރި މީހުންނަކީ އެމީހުންގެ އެކަންކަމުގެ ތެރެއަށް ވަދެވި ހުސްވެފައިވާ ބައެއް ކަމަށެވެ.  

އެމީހާގެ ކިބައިގައި ބޮޑާކަމާއި ކިބުރުވެރިކަން ހުރި މީހަކަށް ﷲ ތަޢާލާއަށް ބިރުވެތިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ މީހުން އަބަދުވެސް ތިބޭނީ އެމީހުންގެ މޮޅުކަމަށް ފަޚުރުވެރިވުންމަތީގައެވެ.  

މިއާޔަތަށްވެސް ވިސްނައިލާށެވެ! 

"ޙައްޤަކާއި ނުލައި ބިމުގައި ބޮޑާވެގެން އުޅޭ މީހުން، ތިމަންރަސްކަލާނގެ އާޔަތްތަކުން އެއްކިބާ ކުރައްވަވާހުށީމެވެ! އެއުރެންނަށް ކޮންމެ އާޔަތެއް ފެނުނަސް، އެއަކަށް އެއުރެންނެއް އީމާނެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް އެއީ މަގެއް ކަމުގައި އެއުރެން ނުހިފަތެވެ! އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެ ނަމަ އެއީ މަގެއް ކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމްން ﷲ ގެ އާޔަތްތައް ދޮގުކޮށް، އަދި އެއާޔަތްތަކާއިމެދު ޣާފިލުވެގެންވާ ބައަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ." (އަލްއަޢްރާފް: 146)  

ބޮޑާ ކިބުރުވެރިންނަށް ނިޞްބަތްކުރައްވަވައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ދާއިމަށް އެތަނުގައި ތިބުމަށްޓަކައި އެމީހުން (ބޮޑާކިބުރުވެރިވިމީހުން) ނަރަކައަށް ވައްދަވާނެ ކަމަށެވެ.  

"ތިއަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތަނުގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ." (އަލްޣާފިރު: 76) 

ކިބުރުވެރިކަމާ ބޮޑާކަމުގެ އެންމެ ޢާންމު އެއް ސިފައަކީ ކަންކަމުގެ ޙަޤީޤަތް ޤަބޫލުނުކުރުމެވެ. އެންމެ މޮޅު، ރަނގަޅު ގޮތަކީ އެމީހަކަށް ޤަބޫލުކުރެވޭ ގޮތްކަމަށް ދުށުމެވެ. މީހުން ދައްކާ ރަނގަޅު ވާހަކަތަކާ ދޭ ހެޔޮ ނަޞޭޙަތް ޤަބޫލުނުކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ގުޅުންހުރި ލިޔުމެއް:

https://www.arabnews.com/news/465949

 

މިއަދު އޮންލައިން