ޚަދީޖަތުގެފާނު 6: މާތް ރަސޫލާ ޞޢޥ ޚަދީޖަތުގެފާނާ ކައިވެނިފުޅު ބެއްލެވުން-

ކިޔުމަށް ހޭދަވާނީ 9މ 50ސ
ޚަދީޖަތުގެފާނު 6: މާތް ރަސޫލާ ޞޢޥ ޚަދީޖަތުގެފާނާ ކައިވެނިފުޅު ބެއްލެވުން-

ޢަލީ އިޙްޞާން ފިރާޤް

 

ކާވެނިފުޅު:  

މައިސަރާގެ ވާހަކަތަކުންނާއި، ورقة بن نوفل ގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ހެޔޮ ޚަބަރުތަކުގެ ސަބަބުން خديجة ގެފާނަށް، މުޙައްމަދު صلّى اللّـه عليه وسلّم، ގެ شرافت ގެ މައްޗަށް ވަރަށް ބޮޑަށް ޔަޤީންކަމެއް ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީ ޔަޤީނުންވެސް މާތްކަމާއި މަތިވެރިކަމުގެ ނާދިރު މިސާލެއްކަން އެނގިވަޑައިގެންނެވިއެވެ. އެހެން ކަމުން އެކަމަނާ ގަސްތު ކުރެއްވީ އެކަލޭގެފާނާ ކައިވެނީގެ މަތިވެރި ގުޅުމުން ގުޅިވަޑައިގެންނެވުމަށެވެ. 

ނަބިއްޔާ صلّى اللّـه عليه وسلّم، ޝާމުކަރައިން ވަޑައިގެންނެވުމުގެ ބަރާބަރު ތިން މަސްދުވަސް ފަހުން، خديجة ގެފާނު، އެކަމަނާގެ އެކުވެރި ބޭކަނބަލެއް ކަމުގައިވާ نفيسة މެދުވެރި ކުރައްވައި ނަބިއްޔާއަށް އެކަމަނާ އެކަލޭގެފާނާ ކައިވެނި ބައްލަވައި ގަންނަނަވަން ބޭނުންފުޅުވާ ވާހަކަ ވިދާޅުވެ ދެއްވިއެވެ. ގިނަ މުއައްރިޚުންނާއި، ސީރަތުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ކާވެނިފުޅު ކުރައްވަން އިސްނަންގަވައި، އެކަލޭގެފާނުގެ އަރިހަށް ނަފީސާ ފޮނުއްވީ ޚުދު خديجة ގެފާނެވެ. އަންހެނަކު އިސްވެ، ފިރިހެނަކު ކުރެން ކާވެނީގެ ގޮތުން ގުޅެން އެހުމަކީ، އޭރުގެ ޢަރަބި މުޖުތަމަޢުގައި، އައިބު ކަމެއް ނޫނެވެ. 

خديجة ގެފާނު ވިދާޅުވި ކަންތައްތަކާގެން نفيسة ވަޑައިގެންނެވި އިރު، ނަބިއްޔާ صلّى اللّـه عليه وسلّم، އިންނެވީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅާއެކު އެ ގެކޮޅުގައެވެ. ދެން އެގެކޮޅަށް ވަޑައިގެން، خديجة ގެފާނު އެކަލޭގެފާނާ ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވުމަށް ބޭނުންފުޅު ވާވާހަކަ ވިދާޅުވެ ދެއްވިއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم، ޙަދީޘް ކުރެއްވީ ކައިވެނިފުޅު ކުރެއްވުމުގެ އެއްވެސް ތަނަވަސް ކަމެއް އެކަލޭގެފާނުގެ ނެތް ކަމަށެވެ. އެފަދަ ތަނަވަސްކަމެއް ލިބިވަޑައިގެންފިނަމަ، ކައިވެނިފުޅު ބައްލަވާނެ ކަމަށެވެ. 

މި އަޑު އައްސަވައި نفيسة ވިދާޅުވިއެވެ. [މުއްސަނދިފުޅު މާތް ބޭކަނބަލަކާ ކަލޭގެފާނު ކައިވެނިފުޅު ބެއްލެވުން ކީއްތޯއެވެ.] ޙަދީޘް ކުރެއްވެވިއެވެ. [ތިމަންކަލޭގެފާނުގެ ހާލަތު ހުރި ގޮތުން ކައިވެނި ކުރައްވާނީ ކޮން މުއްސަނދި ބޭކަނބަލެއް ހެއްޔެވެ؟] نفيسة ވިދާޅުވިއެވެ. [خديجة ގެފާނެވެ.] 

ސީރަތުގެ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ނަބިއްޔާ صلّى اللّـه عليه وسلّم، ގެ ފަރާތްޕުޅުންވެސް، خديجة ގެފާނަށް ކައިވެނިފުޅުގެ ދައުވަތު ލިބިވަޑައިގެންނެވިއެވެ. އޭރު خديجة ގެފާނުގެ ބަފައިކަލުން، خويلد بن أسد ވަނީ ނިޔާވެފައެވެ. ނަމަވެސް އެކަމަނާގެ ބޮޑުބޭބޭފުޅު عمرو بن أسد ދުނިޔޭގައި ހުންނެވިއެވެ. އެކައިވެނިފުޅުގެ ދައުވަތު ލިބިވަޑައިގެންނެވުމުން عمرو بن أسد ވަރަށް އުފާފުޅު ކުރެއްވިއެވެ. މި ކައިވެނިފުޅުގައި، خديجة ގެފާނުގެ ފަރާތްޕުޅުން ވަލީވެރިއަކަށް ވެވަޑައިގެންނެވީވެސް، خويلد بن أسد އެވެ.{ ابن سعد ، طبقات،1:132} 

ނަބިއްޔާ صلّى اللّـه عليه وسلّم، خديجة ގެފާނާ ކައިވެނިފުޅު ބައްލަވަން ގަސްތުކުރައްވާ ވާހަކަ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުންގެ އަރިހުގައި ވިދާޅުވެ ދެއްވިއެވެ. އެބޭކަލުންވެސް އެކަމާ ނުހަނު ޤަބޫލުފުޅުވެ ވަޑައިގެން އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ކައިވެނިފުޅުގެ ރަސްމުތައް ފުރިހަމަ ކުރެއްވުމަށް ނަބިއްޔާ صلّى اللّـه عليه وسلّم، އާ އެކު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުންތައް خديجة ގެފާނުގެ ގަނޑުވަރަށް ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި، أبو طالب ގެފާނާއި، حمزة بن عبد المطلب އާއި، عبّاس بن عبد المطلب ހިމެނި ވަޑައިގަންނަވައެވެ. خديجة ގެފާނުގެ އާއިލީބޭފުޅުންގެ ތެރެއިން ورقة بن نوفل އާއި، عمرو بن أسد އާއި، عمرو بن خويلد އާއި، حكيم بن حزام އާއި އެނޫންވެސް އެކަމަނާގެ އާއިލީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރިވާވެގެންވާ ގޮތުގައި، ނަބިއްޔާ صلّى اللّـه عليه وسلّم، ގެ މިތުރު أبوبكر الصّدّيق رضى اللّـه عنه ވެސް މި ބަރަކާތްތެރި ކައިވެނިފުޅުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

މިކައިވެނިފުޅުގެ ޚުތުބާގައި، أبو طالب ގެފާނު ވިދާޅުވިއެވެ." ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ އަށެވެ. އެކަލާނގެއީ إبراهيمގެފާނުގެ ދަރިކޮޅުން އައި ބައެއްކަމުގައި، އަހަރެމެން ލެއްވި ރަސްކަލާނގެއެވެ. އެކަލާނގެ ގެފުޅު ބަލަހައްޓާ މީހުންކަމުގައި އަހަރެމެން ލައްވައި އަހަރެމެން މާތް ކުރެއްވިއެވެ." އެއަށްފަހު أبو طالب ގެފާނުގެ އަޚާގެ ދަރިކަލުން މުޙައްމަދުގެ ހެޔޮ ޚުލުޤުފުޅުގެ މައްޗަށް ތާރީފު ކުރެއްވިއެވެ. ދެން އެއަށްފަހު ކައިވެނިފުޅުގެ ރަން ޤަރާރު ކުރެއްވިއެވެ.

أبو طالب ގެފާނުގެ ވާހަކަފުޅަށްފަހު، ورقة بن نوفل ވެސް ކައިވެނީގެ މަޖިލީހުގައި ވާހަކަފުޅު ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި، ހާޝިމުވަންހައިގެ މާތްކަމުގެ މައްޗަށް އަލިއަޅުއްވައި ލެއްވިއެވެ. އެއަށްފަހު، ނަބިއްޔާ صلّى اللّـه عليه وسلّم، އާއި خديجة ގެފާނުގެ ކައިވެނިފުޅު ކަނޑައެޅިފައިވާ ރަނަށް ޢަޤުދުކޮށްދެއްވިއެވެ. ބައެއް މުއައްރިޚުން ލިޔުއްވަނީ ކައިވެނިފުޅުގެ ރަނަކީ، ފަސް ސަތޭކަ ޖަމަލު ކަމަށެވެ.{ابن هشام، السيرة، 1:191} އެހެން ބައެއް ރިވާޔަތްތަކުގައިވަނީ، ފަސް ސަތޭކަ ދިރުހަމަށް ކަމަށެވެ. 

ތާރީޚުގެ އެދުރުން ފާހަގަ ކުރައްވާ ގޮތުގައި މިކައިވެނިފުޅުގެ މުނާސަބަތުގައި، ޖަމަލެއް ކަތިލައްވައި، ވަލީމާއެއް ދެއްވެވިއެވެ. މިވަލީމާގައި މެހެމާނުންނާއި، އޭރު ޢަރަބި މުޖުތަމަޢުގައި ދިރިއުޅެމުން ގެންދިޔަ ފަޤީރުންނަށް ދަޢުވަތު ދެވުނެވެ. ކާވެނީގެ މުނާސަބަތުގައި ވަލީމާ ދިނުމަކީ، ޢަރަބީންގެ އަދާކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހަމަ އެހެންމެ خديجة ގެފާނު ފަދަ މުއްސަނދި ބޭކަނބަލެއްގެ ކާވެނިފުޅުގައި توقع ކުރެވޭނެ ކަމެއްމެއެވެ. 

މި ތާރީޚީ ކައިވެނިފުޅުގެ ރަސްމިއްޔާތަށް ނަބިއްޔާ صلّى اللّـه عليه وسلّم، ގެ ކިރުމައިކަނބަލުން  حَلیمة السَعدیّة އަށްވެސް ދައުވަތު ދެވުނެވެ. ނަބިއްޔާ صلّى اللّـه عليه وسلّم، އާއި، خديجة ގެފާނު އެކަމަނާއަށް ހަދިޔާއެއްގެ ގޮތުން ސާޅީސް ބަކަރި ދެއްވިއެވެ. 

މިކާވެނިފުޅު ކުރެވުނުއިރު أمّ المؤمنين السّيدة خديجة رضى الله عنها ގެ އުމުރުފުޅަކީ، ސާޅީސް އަހަރުފުޅެވެ. ނަބިއްޔާ صلّى اللّـه عليه وسلّم، ގެ އުމުރުފުޅަކީ، ފަންސަވީސް އަހަރުފުޅެވެ. މިކައިވެނިފުޅު ކުރެވެނީ ފީލުބާގައިގެ މީސްތަކުން ގެފުޅުމުގުރަން އައުމުގެ 25 އަހަރު ފަހުންނެވެ. ނަބިއްޔާ صلّى اللّـه عليه وسلّم، ނަބީކަމާއިގެ ފޮނުއްވުމުގެ ފަނަރަ އަހަރު ކުރީންނެވެ. ކައިވެނިފުޅަށްފަހު ނަބިއްޔާ صلّى اللّـه عليه وسلّم، أمّ المؤمنين السّيدة خديجة رضى الله عنها ގެ ޙުރުމަތްތެރި ގަނޑުވަރަށް ވަޑައިގެންނެވިއެވެ. އެއަށްފަހު، އެކަލޭގެފާނު މަދީނާއަށް ހިޖުރަ ކުރައްވަންދެންވެސް ހުންނެވީ އެ ގަނޑުވަރުގައެވެ. 

އަރަހުށި މާތް ވަނީ، މި ކައިވެނިފުޅުގައި ބަރަކާތް ލައްވާފައެވެ. މުއްސަނދިކަމާއި ނިޢުމަތްތައް އިތުރުކޮށް ދެއްވާފައެވެ. މިދެންނެވި މުއްސަނދިފުޅުކަމާއެކުވެސް އެބޭފުޅުން ނިކަމެތި ފަޤީރުންގެ ޙާލުއަހުވާލު ބައްލަވައި އެބައިމީހުންނަށް އެހޯތެރިކަން ފޯރުކޮށްދެއްވައި ހައްދަވައެވެ. ސިއްރާއި ފާޅުގައި، މިސްކީނުންނަށާއި، ހުވަފަތް އަންހެނުންނަށާއި، ބޭނުން ޖެހިފައިވާ މީސްތަކުންގެ ބޭނުންތައް ފުއްދަވައި ދެއްވައެވެ. ހަމައެހެންމެ، ގާތްތިމާގެ ކަމުގެ ގުޅުންތައް ޤާއިމުކުރައްވައި ހައްދަވައެވެ. 

މިދެންނެވި ޠާހިރު އަހްލުބައިތުންގެ ތެރޭގައި، أمّ المؤمنين السّيدة خديجة رضى الله عنها ގެ ކުރީގެ ކާވެނިފުޅުތަކުން ލިބިވަޑައިގެންނެވި ބޭފުޅުން ޝާމިލުވެގެންވެއެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ هند بنت عتيق އެވެ. އަނެއްބޭފުޅަކީ، هند بن أبي هالة އެވެ. މިދެބޭފުޅުންނަށް ނިސްބަތްކޮށް أمّ المؤمنين السّيدة خديجة رضى الله عنها ގެ ކުންޔަތުގެ ނަންފުޅެއްކަމުގައި، أمّ هند އޭ ކިޔައި އުޅެއެވެ. { ابن حجر العسقلاني، الإصابة، 8:100} މިދެބޭފުޅުވެސް ބޮޑުފުޅުވެވަޑައިގެން ނަބިއްޔާ صلّى اللّـه عليه وسلّم، ގެ ރިސާލަތަށް ތަބާވެވަޑައިގެންނެވިއެވެ. ނުނިމޭ

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.

މިއަދު އޮންލައިން