ބައެއް އަންހެނުންގެ ކިބައިން ލިބޭ އެއް ސުވާލަކީ ކައިވެނި ކުރަން ބޭނުންވެގެން އަންނަ މީހުން އޭނާގެ ޢިއްފަތްތެރިކަމާއިމެދު ސުވާލުކުރުމުން ޖަވާބުދޭންޖެހޭނެތޯއެވެ؟
އެސުވާލުކުރާނީ ދީނުގެ ކަންކަން ނުއެނގޭ މީހުންނެވެ. އެހެނީ އެއްވެސް މީހަކަށް ކުރެވިފައިވާ ފާފައެއްގެ ވާހަކަ އެހެން އެއްވެސް މީހެއްގެ ގާތުގައި ބުނުން ހުއްދައެއް ނޫނެވެ. ފާފައެއް ކުރެވިއްޖެނަމަ އޮތީ ތައުބާވުމެވެ. އެކަން އޮންނަން ޖެހޭނީ އެމީހަކާއި ﷲ ތަޢާލާ ޢާއި ދެމެދުގައެވެ.
މިސުވާލު އަހުރެންނާއިކުރާ ހުރިހާ އަންހެނުންގެ ގާތުގައިވެސް އަހުރެން ބުނަނީ އެމީހަކަށް ޖަވާބުނުދިނުމަށެވެ. ސަބަބަކީ ކުރިން މިބުނި ފަދައިން ކުރިން ކުރެވިފައިވާ ފާފައެއްގެ ވާހަކަ ހަމައެކެއްގެ ގާތުގައި ބުނުމަކީ ދީނުގައި މަނާކުރައްވަވާފައިވާ ކަމަކަށްވާތީއެވެ.
އެހެންނަމަވެސް ތިމާ ހުރީ އެއްވެސް ފާފައެއް ނުކޮށް ޢިއްފަތްތެރިކަންމަތީގައިކަމަށްވާނަމަ އެކަން ބުނުމަކުން މައްސަލައެއް ނެތެވެ. ތިމާއަކީ ޢިއްފަތްތެރިއެއްކަމަށް ބުނުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. އަދި އެއީ އޭނާއަށް ލިބިގެންވާ މަތިވެރި ޝަރަފެއްވެސް މެއެވެ.
ކިތަންމެ ވަރަކަށް ނަޞޭޙަތްދިންނަމަވެސް މިފަދަ ސުވާލުތައް ކުރާނެއެވެ. އަދިތިމާގެ ކިބައިގައި ޢިއްފަތްތެރިކަމެއް ނެތް މީހުންވެސް މިފަދަ ސުވާލުތައް ކުރެއެވެ.
ޙައްލަކީ ދެމީހުންނަކީވެސް ޢިއްފަތްތެރިންގެ ގޮތުގައި ތިބެގެން ކައިވެނިކުރުމެވެ. ކައިވެނިކުރުން އަވަސްކުރުމަށާއި ކައިވެނިކުރުމުން ކުރަން ހުއްދަވާ ކަންކަން ކައިވެނިނުކޮށް ތިބެ ނުކުރަން ކެނޑިނޭޅި ނަޞޭޙަތް ދެމުން މިގެންދަނީ އެހެންވެގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން