މުސްލިމުންނަކީ ދުނިޔެއަށް ދަހިވެތިވެގެންވާނެ ބައެއް ނޫނެވެ! އެހެންކަމުން ދުޢާކުރުމުގައިވެސް އެދެންވާނީ ކިރިޔާ ފުއްދައިލެވޭނެ މިންވަރަށެވެ. ނަމަވެސް އާޚިރަތަށް އެދޭއިރު އެދެންވީ ހަމައެކަނި ސުވަރުގެ ލިބުމަކަށް ނޫނެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވެވުމަށެވެ.
ޙަޔާތުގެ ދަތުރުގައި ދުނިޔޭގައި ހޭދަކުރާ މަދު ދުވަސްކޮޅުގެ ބޭނުން ހިފަންވީ ދުނިޔެ އާރާސްތުކުރަން ކަމުގައި ހަދައިފިނަމަ އާޚިރަތް ދުވަހު ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟ އެހެންވީމާ ދުޢާކުރުމުގައިވެސް އެކަންކަމަށް ވިސްނަންވާނެއެވެ.
ރަސޫލް ﷺ އެންމެ ގިނައިން ކުރެއްވެވި ދުޢާއަކީ ދުނިޔެއާއި އާޚިރަތް ދެއްވެވުން އެދި ކުރެއްވެވި ދުޢާއެވެ.
މިދުޢާގައި ދެންނެވޭ ބަހުގެ ޢިބާރާތާއިމެދު ބައެއް މީހުންގެ ވިސްނުން ތަފާތުވެއެވެ. ބައެއް މީޙުންނަށް ހީކުރެވެނީ މިދެންނެވެނީ ދުނިޔޭގައި ވާހައި ނިޢްމަތްތައް ދެއްވެވުން ކަމަށެވެ. އަދި މިދުޢާކުރުމުން ދުނިޔޭގައި ވާހައި ނިޢްމަތްތަކެއް ދެއްވަވާނެ ކަމަށް އުންމީދުވެސް ކުރެވެއެވެ.
ނަމަވެސް ދުޢާގެ މަޤްޞަދަކީ އެއީއެއް ނޫނެވެ! ދުޢާގެ މަޤްޞަދަކަށްވާންޖެހޭނީ ދަތިޙާލުގައި ނުޖެހި ދުނިޔޭގައިވެސް އުޅެލެވޭނެ މިންވަރެވެ. އަދި އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވެވުމާއި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވެވުމެވެ. ޖަންނަތުލްފިރުދައުސް ދެއްވެވުމެވެ.
މުސްލިމުންނަކީ ދުނިޔޭގައިވާހައި ނިޢްމަތްތަކަށް އެދެންޖެހޭނެ ބައެއް ނޫނެވެ. އެދެންވީ ވީހައި ކުޑަމިންވަރެކެވެ. ކިރިޔާ ފުދޭ މިންވަރަކަށެވެ. އެގޮތަށް އެދުމުން ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކަށް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އެހެނަސް ޖަންނަތުލްފިރދައުސް ދެއްވެވުން އެދި ގިނަގިނައިން ދަންނަވަންވާނެއެވެ. އެކަމަށް ދަހިވެތިކަންވެސް އިތުރުކުރަންވާނެއެވެ! ދަހިވެތިކަން އިތުރުކުރުމަކީ އެކަމަށް ކުރާ މަސައްކަތް އިތުރުކުރުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން