އަހަރެމެންގެ ތެރެއަށް ކެންސަރާއި އެހެންވެސް ބައެއް ބޮޑެތި ބަލިތައް މިދަނީ ގިނަވަމުންނެވެ. ޚާއްޞަކޮށް ކެންސަރު މިދަނީ ވަރަށް ބޮޑަށް ގިނަވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ބައްޔަށް ފަރުވާކުރަމުންދާ މީހުން ވަރަށް ގިނައެވެ.
އެކަމެއް ފާހަގަކޮށްލާނަމެވެ. ވަކިހިސާބަކުން ޑޮކްޓަރުން އުންމީދު ކަނޑާލައިފާނެއެވެ. ނަމަވެސް އެއީ ފުރިހަމަ މުއުމިނަކު އެއްވެސް ޙާލެއްގައި ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެހެނީ ކިތަންމެ ބޮޑު ބައްޔެއްވީނަމަވެސް މުއުމިނުންނަށް އޮންނާނީ ދެގޮތެކެވެ. އެއްގޮތަކީ ﷲ ތަޢާލާ ޝިފާ ދެއްވެވުމެވެ. އަނެއްގޮތަކީ ބަލީގައި މަރުވުމެވެ. 3 ވަނަ ގޮތެއް ނުއޮންނާނެއެވެ.
މިވާހަކަ މުއުމިނުންނާއި މިގުޅުވައިލީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެއީ ބަލިން ޝިފާ ނުލިބި މަރުވުމަކީ އެކަމަށްވެސް ޝުކުރުވެރިވެ ކެތްތެރިވިމީހާއަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތްކަމުގައިވާތީއެވެ. އެންމެ ބޮޑު އުފާވެރިކަން ކަމުގައިވާނެތީއެވެ. އެހެނީ މުއުމިނަކު ﷲ ތަޢާލާއަށް ޝުކުރުވެރިކަމާއިއެކު ކެތްތެރިވެއްޖެނަމަ އެކަމަށް އޭނާއަށް ދެއްވަވާނެ ޖަޒާއަކީ ސުވަރުގެ ކަމުގައިވާތީއެވެ. އިން ޝާ ﷲ
ބަލިޙާލުގައި ތިބި މީހުން ވިސްނާށެވެ! ކިތަންމެ ވަރަކަށް ކަންބޮޑުވެގެން އުޅުނަސް ޢުމުރު ހަމަވުމުން މަރުނުވާނެ މީހަކު ނުހުންނާނެއެވެ. ވީމާ ތިބާވެސް ޢުމުރުހަމަވުމުން މަރުވާނެއެވެ. އަދި ޢުމުރު ހަމަނުވަނީސް މަރެއްވެސް ނުވާނެއެވެ. އެމީހަކާއިމެދު ކަންކަން ޤިޔާމަތް ދުވަހުން ނިމިގެންދާނީ އެމީހަކު އެންމެ ފަހުން ޢަމަލުތައް ކުރަމުން އައި ގޮތެއްގެމަތީންކަން އެނގެން އެބައޮތް ނޫން ހެއްޔެވެ؟ އެހެންކަމަށްވާއިރު ﷲ ތަޢާލާގެ މިންވަރުފުޅަށް ޝަކުވާކުރަމުން މަރުވީމާ އެއީ ކިހައި ނުބައި ނިމުމެއްހެއްޔެވެ؟
އެއިގެ ބަދަލުގައި އެންމެ ފަހުވަޤުތާއި ހަމަށްވެސް ކެތްތެރިވެ ދުޢާކޮށް ދަންނަވަމުން ގެންދާށެވެ.
"ޔާ ﷲ! އިނބަ ﷲ އީ މީސްތްކުންގެ މައްޗަށް ރަޙުމްކުރައްވަވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. މީސްތަކުންގެ ފާފަތަކަށް ޢަފޫކުރައްވަވައި ދެއްވެވުމުގައި އިމެއް ނުބާއްވަވައި ޢަފޫކުރައްވަވާ ރަސްކަލާނގެއެވެ!
ޔާ ﷲ! މިއަޅާއަށް ރަޙުމްކުރައްވަވައި މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! އިނބަ ﷲ ރުހިވޮޑިގަންނަވާ އަލެއްގެ ގޮތުގައި މިއަޅާގެ ފުރާނަ ގެންދަވާނދޭވެ! މިއަޅާގެ ފުރާނަ ޖަންނަތުލްފިރުދައުސްގައި ލައްވަވާނދޭވެ! އާމީން."
އެއިރުން ތިބާގެ ނިމުން ކިހައި އުފާވެރިވާނެހެއްޔެވެ؟
ދެން އޮތީ ބަލިމީހުން ބަލަން ޖެހުމެވެ. ބަލިމީހުންނަކީ ގަދަވެ ސަލާމަތުން ތިބި މީހުންނަސް ސުވަރުގެ ހޯދެން އޮތް ވަސީލަތެކެވެ. ބަލި މީހަކަށް އެހީތެރިވެދީ، ﷲ ތަޢާލާއަށްޓަކައި ބަލަހައްޓައިދީފި މުއުމިނަކަށް ސުވަރުގެ ދެއްވަވާނެތެވެ. އެކަން އެނގިގެންދަނީ "ތިމަން ﷲ، ބަލިޙާލުކޮޅުގައި އުޅުއްވެވިއިރު ކަލޭ ތިމަން ﷲ އަށް ޒިޔާރަތް ނުކުރީ ކީއްވެގެންތޯ" ސުވާލުކުރައްވަވާނެ ކަމަށް އޮތް ޙަދީޘްފުޅުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން