ކޮންމެ މުސްލިމަކުވެސް ނަމާދުކުރާއިރު ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް ފާތިޙާ ސޫރަތް ކިޔަވައެވެ. އަދި ފާތިޙާ ސޫރަތް ކިޔަވާއިރު، އަޅާ އޭނާގެ ވެރިރައްބުގެ ޙަޟްރަތުން ހިދާޔަތަށް އެދެއެވެ. ދުވާލަކު މަދުވެގެން 17 ވަރަކަށް ފަހަރު ކޮންމެ މުސްލިމަކުވެސް ޢާންމު ގޮތެއްގައި ފާތިޙާ ސޫރަތް ކިޔަވާނެއެވެ.
ފާތިޙާ ސޫރަތުގެ މާނާގައިވެއެވެ .
އެންމެހައި ޚަލްޤުތަކުންނަށް ދުނިޔޭގައި ރަޙްމަތްލައްވާ އަދި އާޚިރަތްދުވަހުން މުއުމިނުންނަށް ޚާއްޞަގޮތެއްގައި ރަޙްމަތްލައްވާ اللهގެ އިސްމުފުޅުން ފަށަމެވެ. [1] އެންމެހައި ޙަމްދުޘަނާ ޙައްޤުވެގެންވަނީ اللهއަށެވެ. އެއީ ޢާލަމްތައް ހައްދަވާ ބޮޑުކުރައްވާ، އެތަކެތީގެ ވެރި އިލާހެވެ. [2] ރަޙްމާނުވަންތަ ރަޙީމުވަންތަ އިލާހެވެ. [3] ހިސާބުބައްލަވައި ޖަޒާދެއްވާ ދުވަހުގެ ވެރިއިލާހެވެ. [4] އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ވާގިއެދެނީ ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ. [5] އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ. [6] އެބޭކަލުންނަށް އިބައިލާހު ނިޢުމަތް ލެއްވި ބޭކަލުންގެ މަގެވެ. އެބައިމީހުންގެ މައްޗަށް ކޯފާ ލެއްވުނުމީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދުނު މީހުންގެ މަގެއް ނުމެނޫންމެއެވެ. [7]
ފަހެ މިފަދައިން ތަކުރާރުކޮށް ހިދާޔަތަށް އެދުމުގެ ފައިދާއަކީ ކޮބައިހެއްޔެވެ؟
ޝައްކެއްވެސް ނެތްގޮތުގައި ﷲގެ އަޅުތަކުންވަނީ ވަރަށް ގިނަގޮތްގޮތުން ހިދާޔަތަށް ބޭނުންޖެހިފައެވެ. އެގޮތުން ﷲ ތަޢާލާގެ ޙަޟްރަތުން އެއިލާހުގެ އަޅާ ހިދާޔަތަށް އެދެން ޖެހޭ ބައެއްކަންކަން ބަޔާންކުރައްވާ އިބްނުލް ޤައްޔިމް – ރަޙިމަހުﷲ – ވިދާޅުވިއެވެ.
އަޅާއަށް ހިދަޔާތްލިބުމަށް އޭނާއަށް ބޭނުން ޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި:
-- ހިދާޔަތެއް ނުލިބި އޭނާ ކުރި ކަންތައްތައް: އެއީ އެކަމުގެ ޢިލްމެއްނެތި ނުވަތަ އެކަމަށް ޢަމަލުނުކުރެވި ނުވަތަ ގަޞްދެއް ނެތި ކުރެވޭ ކަންތައްތަކެވެ. ފަހެ އެކަންކަމުން ތައުބާވުމަށް އޭނާވަނީ ބޭނުން ޖެހިފައެވެ. އެކަންކަމުން ތައުބާވެވޭނީ ހިދާޔަތް ލިބިގެންނެވެ.
-- އެކަމުގެ އަޞްލު ކުރުމަށް އޭނާއަށް ހިދާޔަތު ލިބުނަސް އޭގެ ތަފްޞީލުތަކަށް އޭނާއަށް ހިދާޔަތު ނުލިބޭކަންތައްތައް: އެކަންކަމުގެ ތަފްޞީލު އެނގުމަށް އޭނާވަނީ ހިދާޔަތަށް ބޭނުންޖެހިގެންނެވެ.
* ބައެއްކަންކަމުގައި ކޮންމެވެސް ވަރަކަށް އޭނާއަށް ހިދާޔަތް ލިބިގެންވުން: އެހެނަސް އޭނާއެވަނީ އެކަމުގައި ހިދާޔަތު ފުރިހަމަވުމަށް ބޭނުންޖެހިފައެވެ. އެއީ ސީދާވެގެންވާ ހިދާޔަތުގެ މަތީގައި އެކަން ފުރިހަމަވުމެވެ. އަދި ހިދާޔަތުގެ މައްޗަށް ހިދާޔަތު ލިބުމެވެ.
-- މުސްތަޤުބަލުގައި އޭނާ ހިދާޔަތަށް ބޭނުންވާނެ ކަންތައްތައް: އެއީ މާޒީގައި އޭނާއަށް ހިދާޔަތު ލިބުނުފަދައިން އޭނާ ބޭނުންޖެހޭނެކަމެކެވެ.
-- އެއްވެސް އިޢުތިޤާދެއްނެތި އޭނާ ކުރަމުންދާކަންތައްތައް: އެކަންކަމުގެ ޞައްޙަ އިޢުތިޤާދު އޭނާއަށް އެނގެން އޭނާވަނީ ބޭނުންޖެހިފައެވެ.
--ރަނގަޅު ގޮތްނޫން އެހެން ގޮތަކަށް އޭނާ އިޢުތިޤާދުކުރާ ކަންތައްތައް: އޭނާގެ ހިތުގައި އެވާ ބާޠިލު ޢަޤީދާ ނައްތާލޭފަދަ ހިދާޔަތަކަށް އޭނާވަނީ ބޭނުންޖެހިފައެވެ.
-- އޭނާއަށް އެކަންކަންކުރުމުގެ ޤާބިލުކަން ލިބިފައިވާ ބައެއް ކަންކަންވޭ: އެހެނަސް އެކަންކަން ކުރާނޭ ހިތްވަރެއް އޭނާ ކިބައިގައިނުވެއެވެ. އެކަމުގައި އޭނާވަނީ ހިދާޔަތަށް ބޭނުންޖެހިފައެވެ.
-- އޭނާ ބޭނުންވާ އަދި ކުޅަދާނަކަން ލިބިގެންވާ ބައެއްކަންކަންވޭ: އެހެނަސް އެކަންކަން ކޮށްލުމަށް އޭނާއަށް ހިދާޔަތު ބޭނުންވެއެވެ.
-- އެކަންކަންކުރުމަށް އޭނާއަށް ކުޅަދާނަކަން ލިބިފައިނުވާ އަދި ކުރަން ބޭނުންވެސް ނުވާ (ރަނގަޅު ކަންތައްތައް) ވޭ: އޭނާއަށް އެކަމުގައި އެކަމުގެ ކުޅަދާނަކަމާއި އެކަން އެދުމަށް އޭނާވަނީ ހިދާޔަތަށް ބޭނުންޖެހިފައެވެ.
--ހިދާޔަތުގެ މަތީގައި އަދި ރަނގަޅު އިޢުތިގާދާއި ނިޔަތެއްގެ މަތީގައި އޭނާ ކުރާ ކަންތައްތައް: އެކަންކަމުގައި ޘާބިތުވުމަށް އޭނާ ހިދާޔަތަށް ބޭނުންވެއެވެ.
އެހެންކަމުން އޭނާ އެދޭ ކަންކަމުގެ ތެރެއިން، ހިދާޔަތަކީ އޭނާގެ އެންމެ ބޮޑު ޙާޖަތްކަމުގައިވަނީ ވެފައެވެ. އެހެންކަމުން އެންމެ މާތް ޙާލަތުގައި މިކަމަށް އެދުމަށް ރަޙީމުވަންތަ ރައްބުވަނީ އެއިލާހުގެ އަޅާއަށް ފަރުޟުކުރައްވާފައެވެ. އެއީ ފަރުޟުފަސްނަމާދުގައި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިންނެވެ. އެއީ އޭނާ އެކަމަށް ޟަރޫރީ ގޮތުން ބޭނުންޖެހިފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. * ދެން އެއަށްފަހު ބަޔާންކުރައްވާފައިވަނީ މިހިދާޔަތުގެ އަހުލުވެރިންގެ މަގަކީ ކޯފާލެއްވުނު މީހުންނާ މަގުފުރެދިގެން ދިޔަމީހުންގެ މަގާ ތަފާތު މަގެއްކަމުގައެވެ. –
-- އިބްނުލް ޤައްޔިމުގެ ބަސްފުޅު ނިމުނީ –
--މަސްދަރު: ދިސަލަފިއްޔާ
--މަޞްދަރު: أسرار الصلاة لإبن القيم (ص: 51- 52 / طبعة: دار المسلم)