އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށްޓަކައި އަންނަ ހަފްތާ ތެރޭގައި އިތުރު ޖަނަރޭޓަރެއް އައްޑޫ ސިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެއެވެ.
ނަޖާހު ވިދާޅުވި ގޮތުގައި މިހާރު ދިމާވެފައިވާ މައްސަލައަކީ ސްޕެއަރ ޕާޓްސް ނެތިގެން ދިމާވެފައިވާ މައްސަލައެއް ނޫނެވެ. "ހުރިހާ ޖަނަރޭޓަރުތަކުގެ ސްޕެއަރ އެހެރީ އައްޑޫގައި. ޖަނަރޭޓަރަށް ދިމާވި މައްސަލަތަކެއް އެ ދިމާވީ. ދެން ސްޕެއަރ ހުރެގެން މަރާމާތު ކުރަމުން މިދަނީ," ނަޖާހު ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވި ގޮތުގައި، 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް މިފެށޭ ހަފްތާ ތެރޭގައި އައްޑޫ ސިޓީއަށް ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޖަނަރޭޓަރާއެކު، މިހާރު ކަރަންޓު ކެނޑޭ މައްސަލަ ހައްލުވެގެންދާނެ ކަމަށް ނަޖާހު އުންމީދު ކުރައްވައެވެ.
އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން މަސައްކަތް ކުރަމުންދާ ކަމަށް ނަޖާހު ވިދާޅުވިއެވެ. މިގޮތުން، މިއަހަރު ތެރޭގައި ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކަށް ޕްރޮޕޯސަލް ހުށަހަޅާނެ ކަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރު ޖަނަރޭޓަރު ގެނައުމަށްފަހު، މިހާރު ހުރި އިންޖީނުތައް އޯވަރހޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ނަޖާހު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ރައްޔިތުން ދިގު މުއްދަތެއް ވަންދެން ކަރަންޓު ކެނޑުމުގެ މައްސަލައާ ކުރިމަތިލަމުން އައިސްފައިވާއިރު، މި މައްސަލަ ހައްލުވުމުން ރައްޔިތުންނަށް ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ފެނަކައިން މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.