އަމީރު މުޢާވިޔާތު 06: މުޢާވިޔަތުގެފާނުގެ މަންމާފުޅު މަޝްހޫރު ހިންދު ބިންތި ޢުތްބާ

ކިޔުމަށް ހޭދަވާނީ 4މ 47ސ
އަމީރު މުޢާވިޔާތު 06: މުޢާވިޔަތުގެފާނުގެ މަންމާފުޅު މަޝްހޫރު ހިންދު ބިންތި ޢުތްބާ

ޢަލީ އިޙްޞާން ފިރާޤް

 

މައިކަނބަލުން: 

އަމީރު މުޢާވިޔަތުގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ ހިންދެވެ. އެކަމަނާގެ ނަސަބުފުޅުގެ ސިލްސިލާއަކީ هِنْدُ بِنْت عُتْبة بْن رَبِيعَةَ بْن عَبْد شمس بن عبد مناف އެވެ. ހިންދުގެ މައިކަނބަލުންގެ ނަންފުޅަކީ صفية بنت أمية بن حارثة بن الأوقص بن مُرَّةَ بْنِ هِلالِ بْنِ فَالِجِ بْنِ ذَكْوَانَ بن ثعلبة بن بهتة بن سليم އެވެ. 

هِنْدُ بِنْت عُتْبة އާ އެންމެ ފުރަތަމަ ކާވެނި ކުރީ حفص بن المغيرة بن عبد الله بن عمر بن مخزوم އެވެ. هِنْدُ އޭނާއަށް أبان އޭ ކިޔުނު ދަރިކަލަކު ރައްކައުވިއެވެ. {ابن سعد، كتاب الطبقات الكبرى} 

جلال الدين السيوطي އޭނާ ލިޔުއްވައިފައިވާ تاريخ الخلفاء ބަޔާން ކުރައްވައިފައިވާ ގޮތުގައި ޖާހިލިއްޔަ ޒަމާނުގައި هِنْدُ بِنْت عُتْبة އާ ކާވެނި ކުރި މީހުންގެ ތެރޭގައި الفاكه بن المغيرة ހިމެނެއެވެ. أَبُو سُفْيَان އޭނާއާ ކާވެނި ބެއްލެވީ އެކަމަނާ الفاكه بن المغيرة ގެ ގާތުން ވަރިވެވަޑައިގެން އިންނަވަނިކޮށެވެ. 

هِنْدُ بِنْت عُتْبة އިސްލާމްވެވަޑައިގެންނެވީ މައްކާ ފަތަޙަ ކުރެވުނު ދުވަހުގައެވެ. އެދުވަހު އޭނާގެ ދަރިކަލުން މުޢާވިޔަތުގެފާނުވެސް އިސްލާމްވެވަޑައިގެންނެވިއެވެ. އިސްލާމްވެވަޑައިގެންނެވުމަށްފަހު هِنْدُ ވެވަޑައިގެންނެވީ އިސްލާމްދީނުގެ ޚާއްޞަ ފިދާއީންގެ ތެރޭގައެވެ. 

ޞަޙީޙުލް ބުޚާރީގައި އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. އެއްފަހަރަކު هِنْدُ بِنْت عُتْبة މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ.  

[އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރުމުގެ ކުރީން ކަލޭގެފާނުގެ ޢާއިލާއަށްވުރެ މި ބިންމަތީގައި ނިކަމެތިވުމަށް އެދެވުނު ޢާއިލާއެއް ނުވެއެވެ. ނަމަވެސް އަޅުގަނޑު އިސްލާމްވުމަށްފަހު ކަލޭގެފާނުގެ ޢާއިލާއަށްވުރެ ބިމުގައި ޢިއްޒަތްތެރިވުމަށް އެދެވޭ އެހެން ޢާއިލާއެއްނެތެވެ.] 

އެހިނދު މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އެ ފަރާތެއްގެ އަތްޕުޅުގެ ދަށުގައި މުޙައްމަދުގެފާނުގެ ފުރާނަފުޅު ވާ ފަރާތް ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނުގެ މިހުންނެވީ ތިޔަގޮތުގައެވެ.] 

هِنْدُ بِنْت عُتْبة ދެންނެވިއެވެ. [އަޅުގަނޑުގެ ފިރިކަލުން އަބޫސުފްޔާނަކީ ދަހި މީހެކެވެ. އޭނާގެ މުދަލުން އަޅުގަނޑުގެ ދަރީންނަށް ކާންދޭ (ސިއްރުން) އެއްޗެހި ނެގުމަކީ ފާފައެއްތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ނޫނެކެވެ. ފުދޭ މިންވަރަށް ހެޔޮގޮތުގައި ނަގާށެވެ.] { البخاري (ت ٢٥٦)، صحيح البخاري ٣٨٢٥ • [معلق] • أخرجه البخاري (٣٨٢٥)، ومسلم (١٧١٤)} 

هِنْدُ بِنْت عُتْبة އަވަހާރަވި ތާރީޚަކާމެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފައެއް ހިނގައިފައިވެއެވެ. އެގޮތުން އެއް ރިވާޔަތެއްގައިވަނީ އެކަމަނާ އަވަހާރަވީ ޢުމަރުގެފާނުގެ ޚަލީފާކަމުގައެވެ. އަނެއް ރިވާޔަތެއްގައި އައިސްފައިވަނީ އެކަމަނާ އަވަހާރަވީ އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގެ ދުވަސްވަރުގައި ކަމަށެވެ. { ابن حجر العسقلاني، كتاب الإصابة في تمييز الصحابة}

މިއަދު އޮންލައިން