ބަންގި ގޮވަން ގާތްވުމުން ގޭމްކުޅުމާ ޓީވީތަކާއި ރޭޑިއޯއިން ފޮނުވާ އެއްޗެއްސަށް ސިކުނޑި ހުސްކޮށްލުމަކީ ރޯދަވެރިޔާއަށް ލިބެން އޮތް އެންމެ އަގުހުރި ފުރުޞަތު ނަގާލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 33ސ
ބަންގި ގޮވަން ގާތްވުމުން ގޭމްކުޅުމާ ޓީވީތަކާއި ރޭޑިއޯއިން ފޮނުވާ އެއްޗެއްސަށް ސިކުނޑި ހުސްކޮށްލުމަކީ ރޯދަވެރިޔާއަށް ލިބެން އޮތް އެންމެ އަގުހުރި ފުރުޞަތު ނަގާލުން!

ބަންގި ގޮވަން ގާތްވުމުން ޓީވީތަކާއި ރޭޑިއޯއިން ފޮނުވާ އެއްޗެތިތަކަށް ސިކުނޑި ހުސްކޮށްލުމަކީ ރޯދަވެރިޔާއަށް ލިބެން އޮތް އެންމެ އަގުހުރފުރުޞަތު ނަގައިލުމެވެ. ސަބަބަކީ ރޯދަވީއްލާ ވަޤުތަކީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތެކެވެ. ވީމާ ބަންގިގޮވަން ގާތްވުމުން ކުރަން އޮތް އެންމެ ފައިދާހުރި ކަމަކީ ހަމަ ދެއަތް އުފުލައި ތިމާ ބޭނުންވާ ކަންތައްތައް ހިންމަވައި ދެއްވެވުން އެދިގެން ދުޢާކުރުމެވެ! 

ދެއަތް އުފުލައިލާށެވެ! އެދޭ ހުރިހާ ކަމެއްގެ ލިސްޓް ހިމަނައިގެން ދުޢާކުރާށެވެ! ލިސްޓް ކިތަންމެ ދިގުކުރުމަކީވެސް މައްސލައެއް ނޫނެވެ!  

ދެން މިގެނެސްދެނީ ރޯދަވީއްލުން އަވަސްކުރަންޖެހޭކަން ބަޔާންކުރައްވައި ޝައިޚް ޝާފިޢު ލިޔުއްވާފައިވާ ލިޔުމެވެ.  

މިހާރަކަށް އައިސް މަސްދޯނިފަހަރު ބޮޑެތި ގިނަ ދުވަސްތަކެއްވަންދެން ކަނޑުމަތީގައި އުޅޭގޮތަށް މަސްވެރިކަން ކުރެއެވެ. ބައެއް މަސްވެރިން ރޯދަމަހުވެސް ކަނޑުމަތީގައި ދުވަސްތައް ހޭދަކުރެއެވެ. އެފަދައިން ކަނޑުމަތީގައި އުޅޭއިރު ޖަމާޢަތުގައި ނަމާދުވެސް ކުރެއެވެ. މަސްވެރިކަމުގައި ނުކުމެ އުޅޭއިރު އިރުއޮއްސުމުން ރޯދަވީއްލުމަށްފަހު ބަންގިގޮވުމަކީ މައްސަލައެއް ނޫންކަން ތިރީގައިވާ ލިޔުމުން އެނގިގެންދެއެވެ.   

ބަންގިގޮވާ މީހާ ރޯދަވީއްލާނީ ގުވުމުގެ ކުރިންތޯ ފަހުންތޯ؟  

އަޞްލަކީ ރޯދަވެރިޔާ، އިރުއޮއްސުމާއެކު ނުވަތަ ރޭގަނޑު ފެށުމާއެކު، ވީހާ އަވަހަކަށް ރޯދަ ވީއްލުމެވެ. އެކަމުގެ ދަލީލަކީ ﷲ 

ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީ ބަސްފުޅެވެ.

﴿وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ﴾ [سورة البقرة ١٨٧]

މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ." 

އައްޠަބަރީ ރަޙިމަހުﷲ ވިދާޅުވިއެވެ.

"ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅު  ﴿ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ﴾" ދެން އެއަށް ފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ.” ގައި ކަނޑައަޅުއްވާފައި އެވަނީ ރޯދައިގެ ނިމުމަކީ ރޭގަނޑުވުން ކަމުގައެވެ. އަދި ރޯދަ ވީއްލަންވީ ވަގުތު އެއޮތީ އެ އާޔަތުގައި ބަޔާންކުރައްވާފައެވެ. އެއީ ކެއުމާއި ބުއިމާއި ޖިމާޢުވުން ހުއްދަވާ ވަގުތެވެ. އަދި ރޯދަހިފުން ފެށުންވަނީ ރޭގަނޑު ނިމުމުންނެވެ. (ފަތިސްވުމުންނެވެ) އެއީ ދުވަހުގެ ފެށުމެވެ. އެހެންކަމުން މީގެން އެނގެނީ ރޭގަނޑުގައި ރޯދަހިފުން ނޯންނަކަމެވެ. އަދި ދުވާލުގައި ރޯދަ ނުހިފުން ނޯންނަކަމެވެ." [تفسير الطبري (3 / 532)] 

ސުންނަތްވެގެންވަނީ ރޯދަވެރިޔާ ވަޤުތުޖެހުމާއެކު ވީހާވެސް އަވަހަކަށް ރޯދަ ވީއްލުމެވެ.

ސަހްލު ބިން ސަޢްދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

«لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الفِطْرَ» [رواه البخاري (1957) ، ومسلم (1098)]

މާނައީ: "ރޯދަވީއްލުން އަވަސްކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައި ނުދާނެއެވެ."  

އިބްނު ޢަބްދުލް ބައްރު ރަޙިމަހުﷲ ވިދާޅުވިއެވެ. 

"ރޯދަވީއްލުން އަވަސްކުރުމާއި ހާރުކެއުން ލަސްކުރުންވަނީ ސުންނަތުގެ ތެރެއިންނެވެ. ރޯދަވީއްލުން އަވަސްކުރުން ވަނީ އިރުއޮއްސުނުކަން ޔަޤީންވުމަށް ފަހުގައެވެ. އިރުއޮއްސިއްޖެތޯ ނުވަތަ ނޫންތޯ ޝައްކުވާ ޙާލަތުގައި ރޯދަވީއްލުން އެއްވެސް މީހަކަށް ހުއްދަވެގެން ނުވެއެވެ. އެހެނީ ފަރްޟުކަމެއްގައި ޔަޤީންކަން ލާޒިމުކުރާނަމަ، އެކަން ފިލައިގެންދާނީ ޔަޤީންކަން ލިބުމުންނެވެ." [التمهيد (21 / 97 ، 98)] 

އަންނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

"އިރު އޮއްސުނުކަން ޔަޤީންވުމާއެކު، ރޯދަ ވީއްލުމަށް އަވަސްވެގަތުމަށް މި ޙަދީޘްގައި ބާރުއަޅުއްވާފައިވެއެވެ. އޭގެ މާނައަކީ، އެމީހުން މި ސުންނަތަށް ރައްކާތެރިވާހާ ހިނދަކު، އުންމަތުގެ ކަންކަން ތަރުތީބުގެ މަތީގައި ހުންނާނެކަމާއި މީސްތަކުން ހެޔޮކަންމަތީގައި ވާނޭކަމެވެ." [شرح مسلم (7 / 208)] 

ބަންގިގޮވާމީހާ ދަންނައެވެ. ބަޔަކު އެބައިމީހުންގެ ރޯދަވީއްލުމަށްޓަކައި އޭނާގެ ބަންގިއަށް އިންތިޒާރުކުރާނަމަ، ފަހެ އޭނާ ބަންގި ދިނުން އަވަސްކުރަން ޖެހޭނެއެވެ. މީސްތަކުން ރޯދަ ވީއްލުން ފަސްކުރުމުގެ ސަބަބަކަށް އޭނާ ނުވުމަށްޓަކައެވެ. އެހެނީ، އެގޮތަށް ފަސްވެގެން ދިޔުމަކީ ސުންނަތާ ޚިލާފު ގޮތެކެވެ. ބަންގިގޮވާ މީހާ ރޯދަވީއްލަނީ ވަރަށް ކުޑަގޮތަކަށްނަމަ، މިސާލަކަށް ފެން ފޮދެއް ބޯލައިގެން، އެކަމުގެ ސަބަބުން ބަންގިއަށް ލަސްކަމެއް ނާންނާނެއެވެ. އެ ޙާލަތުގައި އެގޮތަށް ކުޑަގޮތަކަށް ރޯދަ ވީއްލާލައިގެން ބަންގި ގޮވުމަކުން މައްސަލައެއް ނެތެވެ. 

ބަންގިގޮވާ މީހާ ބަންގި ގޮވަނީ، ބަންގި އަޑުއަހާނޭ ބަޔަކު ނެތް ތަނެއްގައިކަމުގައިވާނަމަ، މިސާލަކަށް ސަހަރާތެރޭގައި އެކަނި ނަމާދުކުރާ މީހަކު ގޮވާ ބަންގި ނުވަތަ އޭނާ ބަންގި ދެނީ އޭނާ ކައިރީގައި ތިބި ބަޔަކަށް ކަމުގައިވާނަމަ (މިސާލަކަށް ދަތުރުކުރަމުންދާ ބަޔަކަށް)، އެ ޙާލަތުގައި ރޯދަ ވީއްލާފައި ބަންގި ގޮވުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އެހެނީ، އޭނާ ބަންގި ނުދިން ކަމުގައިވިޔަސް އޭނާއާ އެކުގައި ތިބި މީހުން އޭނާއާއެކު ރޯދަ ވީއްލާނެތީއެވެ. އެމީހުން އޭނާގެ ބަންގިއަށް އިންތިޒާރެއް ނުކުރާނެއެވެ.

والله أعلم.

 

- އައްޝައިޚު މުޙައްމަދު ޝާފިޢު 

 

މިއަދު އޮންލައިން