ރަމަޟާންމަހުގެ ކޮންމެ ދުވަހަކުވެސް ވީހާ ގިނައިން ޤުރްއާން ކިޔަވަން މަސައްކަތްކުރަންވާނެ! އެއީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ރަމަޟާންމަހުގެ ކޮންމެ ދުވަހަކުވެސް ވީހާ ގިނައިން ޤުރްއާން ކިޔަވަން މަސައްކަތްކުރަންވާނެ! އެއީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެއް!

ރަމަޟާން މަހަށް ދެވިފައިވާ އެއް ނަމަކީ ކީރިތި ޤުރްއާނުގެ މައްސަރެވެ. ސަބަބު ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ވީމާ ރަމަޟާން މަހުގެ ދުވަސްތަކުގައި ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! މަސް ނިމެންވާއިރަށް އެންމެ މަދުވެގެން 1 ޚަތިމް ކުރަން މަސައްކަތްކުރަންވާނެއެވެ. 

ކީރިތި ޤުރްއާން ކިޔެވުމަކީ އަހަރުގެ ކޮންމެ ދުވަހަކުވެސް ކުރަން އޮތް ކަމެއް-:  

ކޮންމެ ދުވަހަކުވެސް ޤުރްއާން ކިޔަވަން ވަޤުތުކޮޅެއް ހޭދަކުރުމަކީ މުސްލިމުންގެ މައްޗަށް މަޖުބޫރުވެގެންވާ ކަމެއްކަމަށް ބުނެފިނަމަ އެއީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ. ސަބަބުތައް ބައިވަރެވެ.  

ފުރަތަމަ ކަމަކީ ތިމާ އެކަމެއް ކުރަން ލޯބިވާ ކަމެއް ކޮންމެ ދުވަހަކުވެސް މަސައްކަތްކުރާނެއެވެ. ޤުރްއާން ނުކިޔައި އެއަށް ޢަމަލުނުކޮށް ތިމާއަކީ ޤުރްއާނުގެ އަހުލުވެރިއެއް ކަމަށް ނުވަތަ ޤުރްއާން ދެކެ ލޯބިވާ މީހެއްކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟  

ބިރުވެތިވާންވީ އެއްވެސް އެހީތެރިއަކު ނެތި ތިމާއެކަނިމާއެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައި ބިރުވެރިކަމުން ފުރިގެންވާ ޙާލުގައި ހުއްޓިހުންނަން ޖެހޭނެ ވަގުތަށެވެ. ދެވަނަ ފަރާތެއްގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާނީ އެވަގުތުގައެވެ.  

އެހެންކަމުން 2 ވަނައަށް މިފާހަގަކުރަނީ އެންމެ މުހިންމު ސަބަބެވެ. އެއީ އެވަގުތުގައި (ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭ ވަޤުތުގައި) ތިބާގެ މައްޗަށް ޝަފާޢަތްތެރިވާނެ ފަރާތެއް ބޭނުންނަމަ ޤުރްޢާންކިޔަވައި ޤުރްއާނަށް ޢަމަލުކުރަންޖެހޭތީއެވެ. 

އަހުރެންގެ އިލްތިމާސަކީ އެމީހަކަށް ވަޤުތުވީ ވަރަކުން ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުމެވެ. މަސައްކަތްބުރަކަމުން ކޮންމެ ދުވަހަކު ދިގުކޮށް ނުލިޔެވޭ މީހުން ހަފްތާ ބަންދުގައި ނަމަވެސް ކީރިތި ޤުރްއާން ކިޔަވާށެވެ! މާނަދަސްކުރާށެވެ!  

ޙަދީޘްފުޅުގައިވެއެވެ. 

"ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން ޤުރުއާން އޭގެ އަހުލުވެރިންނަށް (އެ ކިޔަވާ، ދަސްކޮށް އެއަށް ޢަމަލުކުރިމީހުން) ޝަފާޢަތްތެރިއެއްގެ ގޮތުގައި އަންނާނެއެވެ." ޞަޙީޙް މުސްލިމް 

"ޤުރުއާނުގެ އަހުލުވެރިޔާއަށް ޤިޔާމަތްދުވަހުން ބުނެވޭނެތެވެ. ތިބާ ކިޔަވާށެވެ. (އަދި ކިޔަވަމުން ސުވަރުގޭގައި) މައްޗަށް އަރާށެވެ. އަދި ތިބާ ދުނިޔެމަތީގައި ތަރްތީލްކޮށް ކިޔެވިފަދައިން ތަރްތީލްކޮށްކިޔަވާށެވެ. ސުވަރުގެއިން ތިބާއަށް ލިބޭ މަންޒިލަކީ ކިޔަވަމުން ކިޔަވަމުން މައްޗަށް އަރަމުން، އެންމެ ފަހުން ތިބާ ކިޔަވާ އާޔަތާއެކު ވާޞިލުވެވޭ ހިސާބެވެ." އަބޫ ދާވޫދު 

ޤުރުއާން ހަޖުރުކުރުމަކީ ކީރިތި ޤުރުއާން ދޫކޮށްލުމެވެ. ކީރިތި ޤުރުއާން ދޫކޮށްލެވޭ ގޮތްތަކަކީ: 

ކީރިތި ޤުރުއާން ކިޔެވުމާ ނުވަތަ އަޑުއެހުމާ ދުރުވެ ފަރުވާކުޑަކޮށް އެކަންކަން ކުރެވޭލެއް މަދުވުން، ނުވަތަ އެއްވެސް ގޮތަކަށް ކީރިތި ޤުރުއާން ނުކިޔެވުން ނުވަތަ އަޑު ނޭހުމާއި، ކީރިތި ޤުރުއާނާއި އެއްގޮތަށް ޙުކުމް ނުކުރުމާއި، ކީރިތި ޤުރުއާނުގެ މާނަ ދެނެގަތުމަށް މަސައްކަތްނުކުރުމާއި އަދި ކީރިތި ޤުރުއާނުން ޝިފާލިބިގަތުން ދޫކޮށްލުމެވެ.

 

 

 

މިއަދު އޮންލައިން