އޯއައިސީގެ ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ސައުދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އޯއައިސީގެ ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ސައުދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު މިއަދު ސައުދީޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ "އެކްސްޓްރާއޯޑިނަރީ ސެޝަން އޮފް ދަ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި ޔަހޫދީ ދަޢުލަތުން ފަލަސްޠީނުގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް އަޑުއުފުލާ، އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިއްވުމަށް އިސްލާމީ ޤައުމުތަކުގެ މެދުގައި ބާއްވާ ބައްދަލުވުމުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން، ކަމާގުޅުންހުރި މުހިންމު އިތުރު ބައްދަލުވުންތަކުގައިވެސް ވަޒީރު ބައިވެރިވެވަޑައިގަންނަވާނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

އޯއައިސީއަކީ އިސްލާމީ ޤައުމުތަކަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އެންމެ ބޮޑު ޖަމާޢަތެވެ. މި ބައްދަލުވުން ބޭއްވޭނީ ސައުދީޢަރަބިއްޔާގެ ވެރިރަށް ރިޔާދުގައެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން ވަނީ މަރުޚަބާ ކިޔާފައެވެ. މިޞްރުން ހުށައެޅާފައިވާ ޕްލޭނަކީ ޢައްޒާގެ ކަމާގުޅުންހުރި އިދާރާތަކުގެ ލަފާގެ މައްޗަށް ބިނާކޮށް، ކުރިއަށްގެންދާ މަސައްކަތަކަށްވާތީ، ޢައްޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމާއި ވަޒަނުގައި ރައްޔިތުން ބޭނުންވާފަދަ ދިރިއުޅުމެއް އާރާސްތުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރާއްޖެއިން ފާހަގަކޮށްފައިވެއެވެ.
 

މިއަދު އޮންލައިން