ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގަތުމަކަށް، ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު ފެރީ އޮޕަރޭޓްކުރާ އަމިއްލަ ފަރާތްތަކަށް ހުޅުވާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މާލެއާއި އަތޮޅުތަކާ ދެމެދު ލޯންޗް ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ލަފާފުރުމަށްޓަކައި މި ދެ ޓާމިނަލްގެ ބަނދަރު ބޭނުންކުރުމުގެ ފުރުޞަތު ދޭން ނިންމާފައިވާ ކަމަށެވެ. މި ފުރުޞަތުގެ ބޭނުން ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެމްޓީސީސީއަށް ހުށަހެޅުމަށް އެ ކުންފުނިން އެދިފައިވެއެވެ.
"ވީމާ، ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރޗް 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކުންފުނީގެ ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ހުށަހެޅުމަށް ދަންނަވަމެވެ. އީމެއިލް އެޑްރެސް: [email protected] / އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިކުންފުނީގެ ނަންބަރު 7978865 އަށް ގުޅުއްވުން އެދެމެވެ" އެމްޓީސީސީގެ އިޢުލާނުގައި ބުނެފައިވެއެވެ.
މި ނިންމުމާއެކު، ރަށްރަށުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ފަސޭހަކަމާއެކު ލަފާފުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެވެއެވެ.
އިޢުލާން
ހެންވޭރު ފެރީ ޓާރމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލް ސަރަހައްދުގެ ފަޅުބޭނުންކުރުމަށް ހުޅުވާލުން
ރަށްރަށުން މާލެ އަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން ، މާލެ އާއި އަތޮޅު ތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް ގަސްދުކުރަމެވެ. ވީމާ، ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރޗް 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކުންފުނީގެ ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ހުށަހެޅުމަށް ދަންނަވަމެވެ.
އީމެއިލް އެޑްރެސް: [email protected]
އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިކުންފުނީގެ ނަންބަރު 7978865 އަށް ގުޅުއްވުން އެދެމެވެ.