ސުޕްރީމް ކޯޓުން ދެއްވި މުއްދަތުގައި ކުރަންޖެހޭ ކަންކަން ކޮށްފައިވާކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ސުޕްރީމް ކޯޓުން ދެއްވި މުއްދަތުގައި ކުރަންޖެހޭ ކަންކަން ކޮށްފައިވާކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވެއްޖެ

ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިޞްލާޙު ބާޠިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން، އެ ކޯޓުން ދެއްވާފައިވާ މުއްދަތުގައި ބަންޑާރަ ނައިބުގެ އޮފީހުން ކުރަންޖެހޭ ކަންކަން ކޮށްފައި ވާނެކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީއާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުން، ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، ޢަލީ ޙުސައިން ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ ކޮންމެ ސަބަބަކާ ގުޅިގެންނަމަވެސް ފާޅުގައި ފެންނަން ހުންނަ ކަންކަމުގައިވެސް އޮޅުވާލުން ކަމަށެވެ.

ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ، ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި ކަމަށެވެ.

އަދި މި ރަމަޟާން މަހު ދޮގު ވާހަކަތައް ފެތުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ ޢަމަލެއް ކުރުމުގައި ޝާމިލުވުމަށް ޢަލީ ޙުސައިނަށް ބަންޑާރަ ނައިބު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އެހެންނަމަވެސް، ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މުއްދަތު ހަމަވިއިރުވެސް ބަންޑާރަ ނައިބުގެ ފަރާތުން ކޯޓަށް ޖަވާބެއް ހުށަހަޅާފައިނުވާ ކަމަށާއި، މުއްދަތު އިތުރުކުރުމަށްވެސް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާކަމަށް ތުހުމަތުކޮށް އެމަނިކުފާނަށް ފިޔަވަޅު އަޅައިދިނުމަށް ޢަލީ ޙުސައިން ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ.


މިއަދު އޮންލައިން