ކައިވެނިކޮށްގެން ތިބިނަމަ ތިމާކުރާ މިވެނި ކަމަކީ އަނބިމީހާއާ ބެހޭކަމެއް ނޫންކަމަކަށް ނުބުނެވޭނެ! އެގޮތަށް ވިސްނާ މީހުންނަށް ވަރަށް ދެރަ ގޮތްވެސް މެދުވެރިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކައިވެނިކޮށްގެން ތިބިނަމަ ތިމާކުރާ މިވެނި ކަމަކީ އަނބިމީހާއާ ބެހޭކަމެއް ނޫންކަމަކަށް ނުބުނެވޭނެ! އެގޮތަށް ވިސްނާ މީހުންނަށް ވަރަށް ދެރަ ގޮތްވެސް މެދުވެރިވޭ!

ކައިވެނިކޮށް ދެމަފިރިން އެކުގައި ދިރިއުޅެމުން އަންނައިރު ދެމަފިރިންކުރެ ކޮންމެ މީހަކު ކުރާ ކޮންމެ ކަމަކީވެސް އަނެކާއާއި ގުޅުންހުރި ކަމެކެވެ. ވީމާ ސުވާލުކުރުމުން މިއީ ކަލެއާ ބެހޭ ކަމެއް ނޫން ކަމަށް ބުނެގެން ނުވާނެއެވެ.  

މިޘާލަކަށް ބުނާނަމަ މިއީ ބައިވެރިޔާއާއި ބެހޭކަމެއް ނޫންކަމަށް ބަލައިގެން ކަމެއް ކުރަމުން ދަނިކޮށް ގެއްލުމެއް ނުވަތަ ދެރައެއް ލިބިއްޖެނަމަ އެކަމުގެ ދެރަ ބައިވެރިޔާއަށް ނުލިބިއެއް ނުދާނެއެވެ. އެފަދަ ވަޤުތުގައި ބުނަން އޮންނާނީ ކީކޭހެއްޔެވެ؟  

ބައެއް ފިރިންނަށް ވިސްނެނީ އެމީހުން މަސައްކަތްކޮށްގެން ހޯދާ ފައިސާއިން ކަންކަން ކުރާއިރު އަނބިމިހާއާއި މަޝްވަރާކުރަން ނުޖެހޭނެ ކަމަށެވެ. އެއީވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ރަނގަޅު ގޮތަކީ މަޝްވަރާކުރުމެވެ. ފިރިމީހާ ކުރާ މަސައްކަތުން ނަމަވެސް ﷲ ތަޢާލާ ދެއްވަވާ އާމްދަނީގައި އަނބިދަރިންގެ ޙައްޤެއްވެސްވާތީއެވެ.   

އަނބިންނާއި މަޝްވަރާނުކޮށް ބައެއް ކަންކަމަށް ޚަރަދުކުރުމުން ދެރަ ގޮތްތައްވެސް މެދުވެރިވަނީ މަދަކުން ނޫނެވެ.  

މިޘާލެއްވެސް ބުނެލާނަމެވެ. ބޯހިޔާވަހިކަމެއް ހޯދުމުގެ ބޭނުމުގައި ފައިސާ އެއްކުރަމުން ދިއައީ އެކަމަށް އަމނބިމީހާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ. އަނބިމީހާ ދިއައީ ގޭގެ ޚަރަދުތައް ވީހާ ކުޑަކުރުމަށް އޭނާއަށް ކުރެވުނުހައި ކަމެއް ކުރަމުންނެވެ. ކުރަން ބޭނުްނވާ އެތައް ކަމެއް ނުވެސްކުރެއެވެ.  

ދުވަސްކޮޅަކުން ފައިށާކޮޅެއް ޖަމާކުރެވުނީއެވެ. ޖަމާކުރެވުނުތަނާ ފިރިމީހާގެ އެކުވެރިއަކު ބުނެގެން ލޯނެއް ދިނީއެވެ. އަނބިމީހާގެ ގާތުގައި އަހައިވެސް ނުލައެވެ. އެލޯނު ނުދެއްކީއެވެ. އެއްކުރި ފައިސާކޮޅު ގެއްލުނީއެވެ. އެޙާލަތުގައި އަނބިމީހާވީ ޤުރްބާނީ ކޮބައި ހެއްޔެވެ؟ ފައިސާގައި ހިމެނޭ އަނބިމީހާގެ ޙިއްޞާކޮބައިހެއްޔެވެ؟ 

އަނބިމީހާއާއި މަޝްވަރާނުކޮށް އެކުވެރިއަކަށް އެހީތެރިވުމުގެ ގޮތުން ގެއާއި ގޯތި ބޭންކުގައި ރަޙުނުކޮށް ނަގައިދޭ ލޯނު ނުދައްކައިގެން ގެއާއި ގޯތި ގެއްލިފައިވެސް އެބަހުއްޓެވެ. ގެއާއި ގޯތި ސަލާމަތްކުރުމަށްޓަކައި އެލޯނު ދައްކަން ޖެހިފައިވެސް އެބަހުއްޓެވެ. 

ވިސްނަންވީ ހަމައެކަނި ފައިސާގެ ކަންކަމަކަށްވެސް ނޫނެވެ. ތިމާކުރާ ކޮންމެ ކަމަކަށެވެ. އެއީ ބައިވެރިޔާ ނުރުހޭ އެކުވެރިއަކާއި ވާހަކަދެއްކުން ކަމަށްވީނަމަވެސްމެއެވެ. އެއީ ބައިވެރިޔާއާއި ބެހޭ ކަމެއް ނޫންކަމަށް ދެމަފިރިންކުރެ އެކަކުވެސް ބުނެގެން ނުވާނެއެވެ.  

އުފާވެރި ދިރިއުޅުމެއް ލިބޭނީ އެކަމަށް ދެމީހުންވެސް މަސައްކަތްކުރުމުންނެވެ. ދެމީހުންވެސް އަނެކާގެ އަގު ވަޒަންކުރުމުންނެވެ. ދެމީހުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކަމާއިއެކު ދަމަހައްޓަން މަސައްކަތްކުރިވަރަކުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން