ގިނަ ބައަކަށް މިއަދު މިވަނީ ކުރި ހޯދަން ކުރަން އޮތް ކަންތައް އޮޅުފައެވެ. އެހެންވެ އެއްބައަކު އަނެއްގެ ފަހަތުން ދުވަނީއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ތިމާއަކީ އެންމެ މޮޅު މީހާކަމަސްވުމަށެވެ. ހިތާމައަކީ އެންމެ މޮޅު މީހަކީ އަންހެނަކަސް ފިރިހެނަކަސް އެންމެ ތަޤްވާވެރިމީހާކަން ނުވިސްނޭތީއެވެ. އެހެންވީމާ އެކަކު އަނެކެއްގެ ފަހަތުން ދުވުން ހުއްޓާލައި ދުވަންވީ ތަޤްވާވެރިކަމުގެ ފަހަތުން ނޫން ހެއްޔެވެ؟
މީސްތަކުންގެ މެދުގައި މިއަދު އެންމެ ބޮޑު މައްސަލައަކަށް ހަދައިގެން މިއުޅެނީ އަންހެނުންނާއި ފިރިހެނުންގެ މައްސަލައެވެ. އަންހެނުންނާއި ފިރިހެނުންގެ ދަރަޖައިގެ މައްސަލައެވެ. އަންހެނުންނާއި ފިރިހެނުންގެ ޙައްޤުތަކުގެ މައްސަލައެވެ.
މިއީ ކޮން ގޮތަކުން ކޮންތަނަކުން ނެރެގެން އުޅޭ މައްސަލައެއް ހެއްޔެވެ؟ ﷲ ތަޢާލާ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ބޭނުންފުޅުވެވޮޑިގަންނަވާނަމަ އެންމެންނަކީ އަންހެނުންކަމުގައި ނުވަތަ ފިރިހެނުން ކަމުގައިވެސް ހެއްދުވުނީހެވެ. އެހެންކަމާއިއެކުގައިވެސް އިންސާނުން ހައްދަވާފައި މިވަނީ ދެޖިންސުންނެވެ. އެއީ އެކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވާ ގޮތެވެ.
އެއްވެސް މީހަކު އަންހެނެއްގެ ގޮތުގައި ނުވަތަ ފިރިހެނެއްގެ ގޮތުގައި ދުނިޔެއަށް އަންނަނީ އެމީހަކު އެގޮތް ބޭނުންވެގެނެއް ނޫނެވެ. ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ ގޮތަށެވެ. ބޭނުންފުޅުވެވޮޑިގަންނަވާ ޖިންސްގައެވެ. އެކަމުގައި އެއްވެސް މީހަކަށް އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ.
ދެން އޮތީ އަންހެނަކަށްވީތީ ނުވަތަ ފިރިހެނަކަށްވީތީ އުފައްދައިގެން މިއުޅޭ ދަރަޖައިގެ މައްސަލައެވެ. ޙައްޤުތަކުގެ މައްސަލައެވެ. ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުއްޓިހުންނަން ޖެހޭ ދުވަހު އެމައްސަލައެއް ނުއޮންނާނެއެވެ. ކޮންމެ މީހަކަށްވެސް ބައްލަވައި ވޮޑިގަންނަވާނީ އެކަލާނގެއުފެއްދެވި އަޅެއްގެ ގޮތުގައެވެ. އަންހެނަކަށްވުމަކުން ފިރިހެނަކަށްވުމަކުން ތަފާތެއް ނުކުރައްވަވަތެވެ.
ތަފާތުވެގެންދަނީ ހަމައެކަނި އެންމެ ކަމަކުންނެވެ. އެއީ ތަޤްވާވެރިކަމުންނެވެ. ތަޤްވާވެރިކަން އަނހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް ލިބެން އޮތީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރި މިންވަރަކުންނެވެ.
އެހެންކަމާއިއެކުގައިވެސް ދެ ޖިންސުގެ މައްސަލަ މިހައި ބޮޑު މައްސަލައަކަށް ވެފައި މިވަނީ ޝައިޠޯނާގެ ސަބަބުންނެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވޭތީއެވެ. އަހަރެމެން ވިސްނަންވީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅަށެވެ. "އިންސާނުންނާއި ޖިންނީން ދުނިޔޭގައި ލެއްވެވީ ތިމަން ﷲ އަށް އަޅުކަންކުރަން" ކަމަށް އޮތް ބަސްފުޅަށެވެ. މިބަސްފުޅުގައި އަންހެނުންނާއި ފިރިހެނުންގެ ތަފާތެއް އެބައޮތް ހެއްޔެވެ؟ ޢަރަތްބެއް އެހެން މީހެއްގެ ތަފާތެއް އެބައޮތްހެއްޔެވެ؟
ނެތެއް ނޫންހެއްޔެވެ؟ އަންހެނުންވެސް ފިރިހެނުންވެސް ދުނިޔޭގައި ލައްވަވާފައި މިވަނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. ވީމާ ޝައިޠޯނާގެ މަޅިތަކުން ސަލާމަތްވާށެވެ! ކޮންމެ މީހަކުވެސް ވިސްނަންވީ އެމީހަކު ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދަށެވެ. މަސައްކަތްކުރަންވީ އެ މަޤްޞަދު ޙާޞިލުކުރުމަށެވެ. އެންމެ ބޮޑު ތަޤްވާވެރިއަކު ކަމުގައި ވުމަށެވެ. އެއިރުން ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކުވާނީ އެންމެ މަތީ ދަރަޖައިގައެވެ.
- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން