ޢަލީ އިޙްޞާން ފިރާޤް
ނަބިއްޔާ صلّى اللّـه عليه وسلّم އާއި ޚަދީޖަތުގެފާނުގެ ބޭފުޅުން:
ނަބިއްޔާ صلّى اللّـه عليه وسلّم، އާއި، أمّ المؤمنين السّيدة خديجة رضى الله عنها ކާވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އޭގެ ދެކަނބަލުންނަށް ދަރިކަލަކު ލިބިވަޑައިގެންފިއެވެ. އެދަރިކަލުންނަކީ، القاسم އެވެ. މިދަރިކަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ކުންޔަތުގެ ނަންފުޅެއްކަމުގައި، أبو القاسم ގެ ނަންފުޅު ހަމަޖެހިގެން ދިޔައެވެ.
القاسم ވަނީ ވަރަށް ތުއްޕުޅު އިރު އަވަހާރަވެފައެވެ. ސީރަތުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެ ދަރިކަލުން އަވަހާރަވީ ހިންގަވައި އުޅެއްވޭ އުމުރުފުޅަށް ވާސިލުވެވަޑައިގެންވެމަށް ފަހުގައެވެ. އެކަލޭގެފާނާ ބެހޭ ގޮތުން ތާރީޚުގެ ޢިލްމުވެރިން ފާހަގަ ކުރައްވާފައިވަނީ ނުހަނު މަދު މައުލޫމާތު ކޮޅެކެވެ.
القاسم އަވަހާރަވުމަށްފަހު، ނަބިއްޔާ صلّى اللّـه عليه وسلّم، އާއި، أمّ المؤمنين السّيدة خديجة رضى الله عنها އަށް ހަތަރު އަންހެންބޭފުޅުންނާއި، ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. ހަތަރު ދަރިކަނބަލުންނަކީ، زينب އާއި رقيّة އާއި أمّ كلثوم އާއި فاطمة އެވެ. ދަރިކަލުންގެ ނަންފުޅަކީ، عبدالله އެވެ. އެ ދަރިކަލުންނަށް الطيّب އާއި الطَّاهر އޭވެސް ކިޔެއެވެ. أمّ المؤمنين السّيدة خديجة رضى الله عنها ގެ ބޭފުޅުންނަށް ކިރުފޮދު އެރުވިކަމުގައި މަޝްހޫރުވެވަޑައިގެންފައިވަނީ ސަލްމާ އޭ ކިޔުނު ބޭކަނބަލެވެ.
މުޙައްމަދުގެފާނަށް ދެއްވި ހަދިޔާއެއް:
އެއްފަހަރަކު، أمّ المؤمنين السّيدة خديجة رضى الله عنها އަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ حكيم بن حزام ޠާއިފަށް ވަޑައިގެން އެތަނުގެ އަޅުން ވިއްކާ ބާޒާރަށް ވަޑައިގެންނެވިއެވެ. އެތަނުން އޭނާ ޒައިދު ނަމަކަށް ކިޔުނު ޒުވާން އަޅު ކުއްޖެއް ބައްލަވައިގެން،މައްކާއަށް ވަޑައިގެން أمّ المؤمنين السّيدة خديجة رضى الله عنها އަށް ވެދުމަށް އެކުއްޖާ އެރުވިއެވެ. ޒައިދުގެފާނު ބޮޑުފުޅުވެވަޑައިގަތީ، أمّ المؤمنين السّيدة خديجة رضى الله عنها ގެ ގެކޮޅުގައެވެ. އެކަމަނާގެ ފުރިހަމަ އިނާޔަތުގެ ދަށުންނެވެ. ނަބިއްޔާ صلّى اللّـه عليه وسلّم، އާ ކައިވެނި ބެއްލެވުމުގެ އުފާވެރި މުނާސަބަތުގައި، أمّ المؤمنين السّيدة خديجة رضى الله عنها އެ އަޅުކުއްޖާ އެކަލޭގެފާނަށް ދެއްވީއެވެ. { ابن عساكر، تاريخ دمشق، 21:243}
زيد بن حارثة رضى اللّـه عنه އަކީ ވަރަށް ސާފު ޠަބީއަތެއްގެ ވެރި ބޭކަލެކެވެ. ނަބިއްޔާ صلّى اللّـه عليه وسلّم، زيد بن حارثة رضى اللّـه عنه އާމެދު ކަންތައްކުރެއްވީ ނުހަނު ލޯތްބާއެކުގައެވެ. زيد بن حارثة رضى اللّـه عنه އަކީ ފޭރެވިގެން އަޅުންގެ ބާޒާރުގައި ވިއްކައިލެވުނު ބޭކަލެކެވެ. އެހެންކަމުން އެކަލޭގެފާނުގެ މައިބަފައިކަލުން އެކަލޭގެފާނު ހޯއްދެއްވުމަށް ވަރަށް ވަރުގަދައަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ. އެއްދުވަހަކު زيد بن حارثة رضى اللّـه عنه ބައްޕާފުޅަށް އެކަލޭގެފާނު ނަބިއްޔާ صلّى اللّـه عليه وسلّم، އޯގާވެރިކަމުގެ ހިޔާފުޅު ދަށުގައި އުޅުއްވަމުން ގެންދަވާ ޚަބަރު ލިބިވަޑައިގެން މައްކާއަށް ވަޑައިގެނެވިއެވެ. އޭނާ ނަބިއްޔާ صلّى اللّـه عليه وسلّم، އާ ބައްދަލު ކުރައްވައި، އަގު ދެއްވައިފައި، زيد بن حارثة رضى اللّـه عنه ބައްލަވައި ގަންވަން ބޭނުންފުޅު ވާކަމުގައި ވިދާޅުވިއެވެ.
ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވީ، އެއްވެސް އަގެއް ބޭނުންފުޅު ނޫންކަމަށެވެ. زيد بن حارثة رضى اللّـه عنه އަށް ބައްޕާފުޅާއެކު އެނބުރި ޤައުމަށް ވަޑައިގެންނެވުމާއި، ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުގައި ހުންނެވުމުގެ ފުރިހަމަ އިޚްތިޔާރު ދެއްވާނެ ކަމަށެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ގެ މި އިންޞާފުވެރިކަމާ ހެދި حارثة ވަރަށް އަޖާއިބުވިއެވެ. ދެން زيد ގެފާނު ގެންނަވައި، އެކަލޭގެފާނު ބޭނުންފުޅުވަނީ ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުގައި ހުންނެވުމަށްތޯ ނުވަތަ ބައްޕާފުޅާއެކު ވަޑައިގެންވުމަށްތޯ ސުވާލު ކުރެއްވިއެވެ. زيد ގެފާނު ޚިޔާރު ކުރެއްވީ ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުގައި ހުންނެވުމަށެވެ. ތިމާގެ އަމިއްލަ ޢާއިލާއާއި ވަތަނުގެ މައްޗަށް އެކަލޭގެފާނު ޚިޔާރު ކުރެއްވީ ނަބިއްޔާ صلّى اللّـه عليه وسلّم އެވެ.
މިއަޑު އައްސަވައި زيد ގެފާނުގެ ބަފައިކަލުން ވަރަށް ޙައިރާންވިއެވެ. އޭނާ ބުންޏެވެ. "މިނިވަންކަމުގެ މައްޗަށް އަޅުވެތިކަން ދަރިފުޅު ޚިޔާރު ކުރަނީ ކީއްވެގެން ހެއްޔެވެ؟" ޒައިދުގެފާނު ކަންތައް ކުރެއްވި ގޮތުގެ ސަބަބުން ނަބިއްޔާ صلّى اللّـه عليه وسلّم ގެ މައްޗަށް އެކަލޭގެފާނު ވެވަޑައިގަންނަވާ ލޯބިފުޅު ނަބިއްޔާ صلّى اللّـه عليه وسلّم އަށް އެނގިވަޑައިގަތެވެ. އެހެންކަމުން زيد بن حارثة رضى اللّـه عنه ގެ އަތްޕުޅުގައި ހިއްޕަވައިގެން ކަޢުބާގެ އަރިހަށް ވަޑައިގެން ބާރު އަޑުފުޅުން ޙަދީޘް ކުރެއްވިއެވެ. [މިއަދަށްފަހުން زيد بن حارثة رضى اللّـه عنه އަކީ އަހަރެންގެ ދަރިއެކެވެ. އަހަރެންގެ ފަރާތުން އޭނާ ވާރުތަ ކުރާނެއެވެ. އޭނާގެ ފަރާތުން އަހަރެން ވާރުތަ ކުރާނެއެވެ.]
ނަބިއްޔާ صلّى اللّـه عليه وسلّم، زيد بن حارثة رضى اللّـه عنه ގެ ކައިވެނިފުޅު ކޮށްދެއްވީ، أم أيمن رضى الله عنها އާއެވެ. أم أيمن رضى الله عنها އަކީ ނަބިއްޔާ صلّى اللّـه عليه وسلّم ގެ ކިރުމައިކަނބަލެކެވެ. ނަބިއްޔާ صلّى اللّـه عليه وسلّم، ގެ ބަފައިކަލުންގެ އަޅެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ، أم أيمن رضى الله عنها އަށް ވަރަށް އިހްތިރާމުކުރައްވައި ޤަދަރުކުރައްވައެވެ. އެއްފަހަރަކު، ނަބިއްޔާ صلّى اللّـه عليه وسلّم، ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. "ސުވަރުގެވަންތަވެރި އަންހެނަކާ، ކާވެނިކުރަން ބޭނުން މީހަކު، أم أيمن رضى الله عنها އާ ކާވެނި ކުރާހުށިކަމެވެ." މި ޙަދީޘް زيد بن حارثة رضى اللّـه عنه ވެސްވަނީ އަޑު އައްސަވާފައެވެ. زيد ގެފާނަށް އެކަމަނާ أسامة بن زيد ރައްކައުވިއެވެ. أسامة بن زيد رضى اللّـه عنه އަކީ މުސްލިމުންގެ ޒުވާން މުޖާހިދުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މާތް ބޭކަލެކެވެ. زيد بن حارثة رضى اللّـه عنه އަކީ އިސްލާމްދީނުގެ އެންމެ ފުރަތަމަކޮޅު އިސްލާމްވެވަޑައިގެންނެވި ބޭކައުކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ.
ނުނިމޭ
ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.