ރަމަޟާން މަހަކީ އާންމު މަސްތަކާއި ޚިލާފަށް އަޅުގަނޑުމެން ތަފާތު ބާވަތްތަކުގެ ކާނާ ތައްޔާރުކޮށް ތަޖްރިބާ ކުރާމަހަކަށްވަނީ ވެފައެވެ. މިގޮތަށް ތަފާތު ބާވަތްތައް ތަޖުރިބާ ކުރުމުގައި ރާއްޖޭގެ ދަނޑުބިންތަކުން ލިބެންހުންނަ ކާނާގެ ބާވަތްތައް ބޭނުންކުރުމަށް އިސްކަންދިނުން މުހިންމެވެ. އެހެންކަމުން މި ހަފްތާގެ ރަހައިގެ ގޮތުގައި މި ހިމަނާލަނީ މުރަނގަ ތޮޅިލީ ޕެޓީޒް ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
100 ގ. މުރަގަ ތޮޅީގެ އެތެރެބައި (ފެނުކައްކާފައި)
30 ގ. ފިޔާ(ތުނިކޮށް ކޮށާފައި)
2 ގ. ހިކަނދިފަތް
50 ގ ދަޅު މަސް
1/2 ގ. މުގުރި މިރުސް
1/2 ގ. ގިތެޔޮ މިރުސް (ތުނިކޮށް ކޮށާފައި)
1 އެމް. އެލް ލުނބޯ ހުތް
1 ގ. ރީނދޫ
1/2 ގ. ލޮނު
30 ގ. އާޓާަޕާަން ހަރުކޮށް ޓޯސްޓްކޮށް މުގުރާފައި
ތައްޔާރުކުރާނެ ގޮތް:
ފިޔާ، މިރުސް، ހިކަނދިފަތް ރަހަ ނިކުންނަވަރަށް މޮޑެލާފައި ބާކީ ހުރި ހުރިހާ ބާވަތްތައް އެއަށް އެއްކޮށްފައި އަތުން ފަތާކޮށް މަސްރޮށިގޮތަށް ތައްޔާރުކޮށްލާށެވެ. ކުޑަ އާޓާ ފުއްކޮޅެއް ފެން ފޮދެއް އަޅައިގެން ގިރުވާލުމަށްފަހު އޭގެތެރެއަށް ލާފައި ތަވާގައި އޮލިވް އޮއިލް ފޮދެއް ހާކާފައި ތަވާގައި އަތުރާލުމަށްފަހު ދެފުށް ދެފުށަށް ޖަހަމުން ފިހެލާށެވެ.
ލިބޭނެ ފައިދާތައް:
އެނާޖީ 160 ކެލަރީ
ޕްރޮޓީން 14.82 ގްރާމް
ފެޓް 0.98 ގްރާމް
ކާބޯހައިޑްރޭޓްސް 26.3 ގްރާމް
ފައިބަރ 5.1 ގްރާމް
އަޔަން 1.6 މިލިގްރާމް
ޕްޓޭސިއަމް 387.1 މިލިގްރާމް
ވިޓަމިން ސީ 122 މިލިގްރާމް
ފޮލޭޓް 9 މައިކްރޯ ގްރާމް
- މަޢުލޫމާތު: ކާބޯތަކެއްޗާ ދިރޭތަކެއްޗާބެހޭ ވުޒާރާ