ޢަލީ އިޙްޞާން ފިރާޤް
ގޭގެ ކުދިވެރިން ރޯދައަށް ހުންނަ ދުވަހަކީ ކޮންމެ ގެއަކުވެސް އެންމެ ހާއްސަ އެއް ދުވަހެވެ. އެކުދިންގެ ކާތަކެތިންފެށިގެން މުނިފޫހިފިލުވުމުގެ އެންމެހާ ކަންތައްތައް ކުރިއާލާ މައިންބަފައިން ތައްޔާރުކުރަމުން ގެންދެއެވެ. އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ މެންދުރުން އަނބުރާލުމުން ވަރުބަލިވެ ގައިގެ ވަރުދެރަވުމެވެ.
ރާއްޖެއަކީ ހޫނު ގައުމަކަށްވާތީ ދުވާލު ރޯދައަށް ހުންނަ ގަޑީގައި ކަރުހިއްކުމަކީ އެންމެންނަށްވެސް ދިމާވާ ކަމެކެވެ. ކުޑަކުދިންނަށް މިކަން އިހްސާސް ކުރެވޭލެއް މާބޮޑެވެ. އެހެންކަމުން ރޯދަވީލުމަށްފަހު ހާރުކެއުމާ ދެމެދު ގިނައިން ދިޔާތަކެއްޗާއި ފެންބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މޭވާގެ ތެރޭގައި ހިމެނޭ ކަރާ ޖަބުރޯލު ފަދަތަކެއްޗަކީ ފެންގިނަ މޭވާތަކެވެ. ރާއްޖެއިން ފަސޭހައިން އަތުޖެހޭނެ ބާވަތްތަކެވެ. ކުއްޖާ ހައިޑްރޭޓްކުރުމަށް ވީވަރަކުން ސަމާލުކަންދޭށެވެ.
ގައިން ފެންމަދުވުމުގެ ސަބަބުން ބޮލުގައި ރިއްސުން އަދި ބަނޑުހަރުވުން ފަދަ ކަންތައްތައް ދިމާވާނެއެވެ. އެހެންކަމުން ސުންނަތުގައި އޮންނަ ގޮތަށް ރޯދަވީލުން އަވަސްކޮށް ހާރުކެއުން ފަސްކުރުން މިއީ ވަރަށް ރަނގަޅު ގޮތެކެވެ. ހާއްސަކޮށް ހާރުކާގަޑީގައި ދިޔާތަކެއްޗާއެކު ތަރުކާރީ އަދި މޭވާގެ ބާވަތްތައް ހިމެނުން މުހިންމެވެ. މިއީ ލަހުން ހަޖަމުވާނެ ބާވަތްތަކެވެ.
ގިނައިން ލޮނު އަޅައިގެން ހަދާފައި ހުންނަ ކާތެކެތި ކުޑަކުދިންނަށް ދިނުމަކީ މީހާ ޑީހައިޑްރޭޓްކޮށްލާ ކަމެކެވެ. ކަރުހިއްކާނެ ކަމެކެވެ. ކިތަންމެ މީރަސް ހާރުކެއުމަށް ރިހާކުރު ކަމަކުނުދާނެއެވެ. ވީމާ ގިނައިން ލޮނު ހުންނަތަކެއްޗާއި ޖަންކްފުޑް ދިނުން ރަނގަޅެއްނޫނެވެ.
ކެއުމުގައި ހިމަނަންޖެހޭ 5 ގްރޫޕް އެކުދިންގެ ކެއުމުގައިވެސް ހިމެނުމަކީ ވަރަށް މުހިންމުކެވެ. ގައިގައި ވަރުޖެއްސުމަށް ބަތް ރޮށި ފަދަ ތަކެތިވެސް ބޭނުން ކުރެވިދާނެއެވެ.
(މިއަދުނޫހުގެ ލިޔުންތެރިޔާ ޢަލީ އިޙްޞާން ފިރާޤަކީ މެޑިސިންގެ ދާއިރާއިން މަތީ ތަޢްލީމް ޙާޞިލްކުރަމުން އަންނަ ދަރިވަރެކެވެ.)