ތަނަވަސްކަން ކުޑަކަމުން ނުކުރެވޭނެ ކަންކަމަށް ކަންބޮޑުނުވާށެވެ! މަރުވުމަށްފަހު ޘަވާބު އިތުރުވަމުން ދާނެ ޢަމަލުތައް ބައިވަރެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ތަނަވަސްކަން ކުޑަކަމުން ނުކުރެވޭނެ ކަންކަމަށް ކަންބޮޑުނުވާށެވެ! މަރުވުމަށްފަހު ޘަވާބު އިތުރުވަމުން ދާނެ ޢަމަލުތައް ބައިވަރެވެ!

ގިނަ މީހުން ކަންބޮޑުވަނީ ތަނަވަސް މީހުން ކުރާ ފަދަ ކަންކަން ނުކުރެވޭތީއެވެ. ނަމަވެސް އިސްލާމް ދީނުގައި އެންމެންނަށްވެސް ފުރުޞަތު އެބައޮތެވެ. އެންމެ ފަޤީރު މީހާއަށްވެސް ނަގުތައް އެބަހުއްޓެވެ.

އެމީހަކު މަރުވެދިއުމަށްފަހުގައިވެސް އެމީހަކަށް ޘަވާބު އިތުރުވެގެންދާނެ ކަންތައްތަކެއް އެބަހުއްޓެވެ. މިސްކިތް އެޅުން، ސްކޫލެއް އެޅުން، ފަސޭހައިން ފެންލިބޭނެ މަގެއް ތަނަވަސްކޮށްދިނުން ފދަ ކަންކަންވެސް އެކަމުގައި ހިމެނިގެންވެއެވެ. އެހެނަސް މިކަންކަމަކީ ތަނަވަސްކަން ހުރެގެން ކުރެވޭނެ ކަންކަމެވެ. 

ސުވާލަކީ ތަނަވަސްކަން ނެތްނަމަ އެމީހަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ތަނަވަސްކަން ނެތްނަމަ ކުރެވިދާނެ އެއްވެސް ކަމެއް އެބަ އޮތް ހެއްޔެވެ؟ މިސުވާލުކުރުމުން ގިނަ ބައަކު ވަރަށް ފަސޭހައިން ބުނާނީ ތަނަވަސްކަން ނެތް މީހަކަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އެހެން އެބުނަނީ ތަނަވަސްކަން ނެތް މީހަކަށް ކުރެވިދާނެ ކަންކަމަށް ވިސްނައިވެސް ނުލާތީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތަނަވަސްކަން ނެތްނަމަވެސް ކުރެވިދާނެ އެއްކަމަކީ ޢިލްމު އުނގެނެން މަސައްކަތްކޮށް ޢިލްމު އުނގެނި އެމީހަކު މަރުވެ ދިއުމުންވެސް އެހެން މީހުންނަށް ފައިދާކުރާނެ ޢިލްމެއް ދޫކޮށްފައި ދިއުމެވެ. މިކަމަކީ އަތުގައި މިލިއަނުން ފައިސާ ނެތްނަމަވެސް ކުރެވިދާނެ ކަންކަމެވެ. 

ދެވަނައަށް މިބުނަނީ ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ކުރެވިދާނެ ކަންތަކެވެ. އަދި އެއީ ކޮންމެ ބެލެނިވެރިއެއްގެ މައްޗަށް ވާޖިބުވެގެންވެސްވާ ކަމެކެވެ. އެކަމަކީ ދަރިންނާއިއެކުގައި ވަޤުތު ހޭދަކޮށް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދަރިން ތަރުބިއްޔަތުކުރުމެވެ. ތަޤްވާވެރިންގެ ގޮތުގައި ދަރިން ބޮޑުކުރަން މަސައްކަތްކުރުމެވެ. މިއީވެސް އަތުގައި މިލިއަނުން ފައިސާ ނެތިވެސް ކުރެވިދާނެ ކަމެކެވެ. ބޭނުންވަނީ ޒިންމާ އަދާކުރަން ކެރުމާއި ޒިންމާ އަދާކުރުމެވެ. 

އެކަން ކުރެވިއްޖެނަމަ އެދަރިން ކުރާ ހެޔޮ ޢަމަލުތަކުން މައިންބަފައިންނަށް ކައްވަޅުގައި އޮތަސް ޘަވާބު އިތުރުކޮށް ދެއްވަވާނެތެވެ. އަދި އެދަރިންގެ ދުޢާއިން ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގޭގައި މައިންބަފައިންގެ ދަރަޖަމަތިވެރިކޮށް ދެއްވަވާނެތެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވަން ވަޑައިގެން އެމީހަކާއި ބައްދަލުކުރާ ހިސާބުން އެމީހެއްގެ ޢަމަލުތަކުގެ ފަތް ބަންދުވީއެވެ. އުނި އިތުރެއް ނުގެނެވޭނެއެވެ. ނަމަވެސް މަރުވުމަށްފަހުގައިވެސް ޘަވާބު އިތުރުވާނެ ކަމެއް ކުރެވިފައިވާނަމަ އެމީހަކަށް ޘަވާބު އިތުރުކޮށް ދެއްވަވާނެތެވެ. އަދި ޢަޛާބު އިތުރުވަމުންދާނެ ކަމެއް ކުރެވިފައިވާނަމަ ޢަޛާބުވެސް އިތުރުވަމުންދާނެއެވެ. 

މިރޭގެ ދަރުސްގައި މިބަލައިލީ މަރުވުމަށްފަހުގައިވެސް ޘަވާބު އިތުރުވަމުންދާނެ ކަންކަމަށެވެ. ޚާއްޞަކޮށް ބޮޑެތި ޚަރަދުތައް ކުރަން ޖެހޭ ކަންކަން އަތުގައި ފައިސާ ނެތުމުން ނުކުރެވުނު ނަމަވެސް ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންކަމަށެވެ. 

ނިކަން ބުނެބަލާށެވެ! މަރުވުމުންވެސް ތިމާއަށް ޘަވާބު އިތުރުވެ ހެޔޮކަމުގެ ފަތަށް ބުރަވެގެން ދިއުމަށްވުރެ ވަކިން ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ އަހުރެން ހިތުން އެއަށްވުރެ ތިމާއަށް ފައިދާކުރާނެ ކަމެއް ނެތެވެ. ނުވެސް އޮންނާނެއެވެ. 

ވީމާ މިދެއްކި ވާހަކަކޮޅަށް ކޮންމެ މީހަކުވެސް ސަމާލުކަންދީގެން ދުނިޔޭގައި އުޅެން މަސައްކަތްކުރާށެވެ! އެކަމުން ލިބޭނެ އުފާވެރިކަމަށްވުރެ ބޮޑު އުފާވެރިކަމެއް ނެތެވެ. އިން ޝާ ﷲ. އެހެނީ އެކަން ވެގެންދާނީ ތިބާގެ ހެޔޮކަމުގެ ފަތަށް ބަރުވެ ސުވަރުގެ ލިބިގެންދާނެ ކަމަށެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން