ހަނދުމަކޮށްދިނުމެއް!: ނަބިއްޔާ ޞޢވ އަށް ނުބައިބަސްތައް ބުނާ އަޑު އިވި އެކަމަށް ޣީރަތްތެރިނުވެ، ރުޅިނާންނަ މީހަކީ މުއުމިނެއްނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 50ސ
ހަނދުމަކޮށްދިނުމެއް!: ނަބިއްޔާ ޞޢވ އަށް ނުބައިބަސްތައް ބުނާ އަޑު އިވި އެކަމަށް ޣީރަތްތެރިނުވެ، ރުޅިނާންނަ މީހަކީ މުއުމިނެއްނޫން!

މުސްލިމަކަށް ވެވޭނީ ހިތުގެ އަޑިން މުސްލިމަކަށް ވެގެންނެވެ. މާނައަކީ ހިތުގެ އެންމެ އަޑިން ﷲ ތަޢާލާ އަށާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިވެވިގެންނެވެ. ތިމާ އާއި ތިމާގެ އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާއަށްވުރެވެސް ބޮޑަށް ލޯބިވެވިގެންނެވެ.  

ކޮންމެ މީހަކީވެސް ތިމާއަށާއި ތިމާގެ ޢާއިލާއަށް މީހަކު ނުބައިބަސްތައް ބުނާނަމަ ރުޅި އަންނާނެ މީހެކެވެ. ދިފާޢުގައި ބަސްބުނާނެ މީހެކެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ އަށާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ނުބައިބަސްބުނެވޭ އަޑުއިއިވުމުން އެކަމަށް ނުރުހި ދިފާޢުގައި ބަސް ނުބުނެވޭނަމަ އެމީހަކީ މުއުމިނަކަށްވެވޭނީ ކިހިނަކުން ހެއްޔެވެ؟  

މިއީ "އެއީ އޭނާގެ ވިސްނުން" ކަމަށް ބުނެ ނިންމައިލެވެން އޮތް ކަމެއް ނޫނެވެ.   

الحمد لله 

ނަބިއްޔާ صلى الله عليه وسلم އަށް އެއްޗެހިކަޔުމަކީ ކުފުރުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެކެވެ. ފަހެ މުސްލިމެއްގެ ފުށުން އެފަދަކަމެއް ހިނގައިފިނަމަ އެކަން ވެގެންދާނީ އޭނާ މުރުދައްތުވީކަމަށް ބެލެވޭ ކަމެއްކަމުގައެވެ. އަދި މުސްލިމުންގެ ވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ނަޞްރުދީ އެއެއްޗެހިކީމީހާ ޤަތުލުކުރުމެވެ. ފަހެ އެއްޗެހިކީމީހާ ތައުބާވާކަމަށް ދައްކައިފިނަމަ އަދި އޭނާއަކީ އެކަމުގައި ތެދުވެރިމީހެއްނަމަ އޭގެ ސަބަބުން ﷲގެ ޙަޟްރަތުގައި އޭނާއަށް ފައިދާކުރާނެއެވެ. ނަމަވެސް އޭނާގެ ތައުބާގެ ސަބަބުން އެއްޗެހިކިޔުމުގެ ޢުޤޫބާތް ފިލައިގެންނުދާނެއެވެ. އަދި (ރަސޫލާ صلى الله عليه وسلم އަށް) އެއްޗެހިކިޔައިފި މީހެއްގެ ޢުޤޫބާތަކީ ޤަތުލުކުރުމެވެ. 

[ރަސޫލާ صلى الله عليه وسلم އަށް] އެއްޗެހިކީމީހަކީ މުސްލިމުންނާއެކު ޢަހުދެއްކޮށްފައިވާ މީހެއްނަމަ (މިޘާލަކަށް: ނަޞާރާއެއްނަމަ) އޭނާ އެކުރިކަންވެގެންދާނީ އޭނާގެ ޢަހުދު އުވިގެންދާނޭކަމަކަށެވެ. އަދި އޭނާ ޤަތުލުކުރުން ވާޖިބުވެގެންވެއެވެ. ނަމަވެސް އެކަންކުރުމުގެ މަސްއޫލިއްޔަތު އަޅާނީ މުސްލިމުންގެ ވެރީންނެވެ. 

ނަޞާރާއެއް ނުވަތަ އެނޫން މީހެއްވެސް ނަބިއްޔާ صلى الله عليه وسلم އަށް އެއްޗެތިކިޔާ އަޑު މުސްލިމަކަށް އިވިއްޖެނަމަ އެކަމަށް ވަރުގަދައަށް އިންކާރުކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަދި އެފަދަ މީހަކާ ދިމާއަށް އެއްޗެހިކިޔުން ހުއްދަވެގެންވެއެވެ. އެހެނީ އެކަންފެށީ އެމީހާއެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم އަށް ނަޞްރުނުދީ ދޫކޮށްލެވޭނީ ކިހިނަކުން ހެއްޔެވެ؟! 

އަދި ހަމައެފަދައިން އެފަދަމީހުންގެ ވާހަކަ މުސްލިމު ވެރިންނަށް ވާޞިލުކޮށްދިނުންވެސް ވާޖިބުވެގެންވެއެވެ. އެއީ ރަސޫލާ صلى الله عليه وسلم އަށް އެއްޗެހިކިޔުމުގެ ޢުޤޫބާތް އޭނާގެ މައްޗަށް ޤާއިމުކުރުމަށެވެ. އަދި ﷲގެ ޙައްދު ޤާއިމުކޮށްދޭނެ މީހާކު ނެތް، ރަސޫލާ صلى الله عليه وسلم އަށް ނަޞްރުދޭނެ މީހަކު ނެތްތަނެއްކަމުގައިވާނަމަ ފަހެ މުސްލިމުންގެ މައްޗަށް އޮތީ އެބައިމީހުންނަށް ކުޅަދާނަވީ މިންވަރަކަށް އެކަންއިންކާރުކުރުމެވެ. އެއީ އެނޫން މީހުންނަށް ގެއްލުމާއި ފަސާދައިގެ އަޘަރުނުފޯރާނެފަދަ ގޮތަކަށް އެކަންކަންކުރުމެވެ. 

ރަސޫލާ صلى الله عليه وسلم އާ ނިސްބަތްކޮށް ކާފަރަކު އެއްޗެތިކިޔާ އަޑު އިވޭހިނދު، މުސްލިމަކު ހަނުހުރުމާ ބެހޭގޮތުން ދަންނައެވެ. އަދި އެފަދަ މީހަކު އިތުރަށް އެއްޗެތިކިޔާފާނެތީ ރައްދުދިނުމުން ރައްކާތެރިވުމާމެދުވެސް ދަންނައެވެ. ފަހެ މިއީ ކުށްހީއެކެވެ.  

އަދި ﷲތަޢާލާގެ އަންނަނިވަ ވަޙީބަސްފުޅާމެދު ދަންނައެވެ. 

﴿وَلَا تَسُبُّوا الَّذِينَ يَدْعُونَ مِن دُونِ اللَّـهِ فَيَسُبُّوا اللَّـهَ عَدْوًا بِغَيْرِ عِلْمٍ… [ ١٠٨ سورة الأنعام] 

މާނައީ: "الله ފިޔަވާ އެބައިމީހުން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވާ ނަހަދާށެވެ. އޭރުން ނޭނގިތިބެ އެބައިމީހުން ޢަދާވާތްތެރިކަމުގެ ގޮތުން الله އަށް އެއްޗެހި ގޮވާފާނެއެވެ." 

މިއީ ފުރަތަމަ އިސްވެ ﷲއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް އެއްޗެހިގޮވި މީހާއާ ބެހޭގޮތުންނެއް ނޫނެވެ. ނަމަވެސް މިއާޔަތުގެ މަޤްޞަދަކީ މުޝްރިކުންގެ އިލާހުންނަށް އިސްވެ އެއްޗެހިގޮވުން ނަހީކުރުމެވެ. އެއީ ޖާހިލުކަމާއި ޢަދާވާތްތެރިކަމުގައި އެމީހުން ﷲއަށް އެއްޗެހިގޮވާފާނެތީއެވެ. 

އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް އިސްވެ އެއްޗެހިގޮވި މީހާއާ ބެހޭގޮތުން ދަންނައެވެ. ފަހެ އޭނާއަށް ރައްދުދިނުން ވާޖިބުވާނެއެވެ. އަދި އޭނާގެ ޢަދާވާތްތެރިކަމާއި ކާފަރުކަމުގައި ޖެހިލުންވާފަދަ ޢުޤޫބާތް އޭނާއަށް ދޭންޖެހޭނެއެވެ. ކާފަރުންނާއި ދީންޤަބޫލުނުކުރާމީހުންނަށް އުޤޫބާތެއް ނުދެވި، އިންކާރެއްނުކުރެވި، ބޭނުން އެއްޗެއްކިޔުމަށް ދޫކޮށްލެވިއްޖެނަމަ ފަސާދަތައް ވަރަށް ބޮޑުވެގެންދާނެއެވެ. އަދި އެކަމަކީ މިކާފަރުންތައް ވަރަށް ލޯބިކޮށް ރުހޭނެކަމަކަށް ވާނެއެވެ. 

ފަހެ އެހެންކަމަން އެއްޗެހިކިޔާ ރައްދުދިނުމަކީ އެމީހުން އެކަމުގައި އިތުރުވެގެންދާނެކަމެކޭ ބުނާމީހާއަށް އަޅާނުލާށެވެ. ފަހެ ﷲއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށްޓަކައި ޣީރަތްތެރިވެ ރުޅިއައުމަކީ މުސްލިމަކު ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم އަށް އެއްޗެހި ކިޔޭ އަޑުއިވި އެކަމަށް ޣީރަތްތެރިނުވެ، ރުޅިނާންނަމީހަކީ މުއުމިނެއްނޫނެވެ. ފަހެ ނިކަމެތިކަމުންނާއި ކާފަރުކަމުންނާއި ޝައިޠާނާއާއި ތަބާވުމުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިދަންނަވަމެވެ.

والله أعلم . 

ފަޟީލަތުއްޝައިޙް ޢަބްދުއްރަޙްމާން އައްބައްރާކު 

(الشيخ عبد الرحمن البراك في مجلة الدعوة شهر محرم 

عدد 1933 

މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން