ލިބުނު ހިތްދަތިކަމާ ނުތަނަވަސްކަން ފިލުވައިލުމަށްވެސް އަދި އަދި ލިބުނު އުފާވެރިކަން ތިމާއާއިއެކު ދެމިއޮތުމަށްވެސް ކުރަން އަވަސްވެގަންނަން އޮތް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ލިބުނު ހިތްދަތިކަމާ ނުތަނަވަސްކަން ފިލުވައިލުމަށްވެސް އަދި އަދި ލިބުނު އުފާވެރިކަން ތިމާއާއިއެކު ދެމިއޮތުމަށްވެސް ކުރަން އަވަސްވެގަންނަން އޮތް ޢަމަލު-

ދުނިޔޭގެ ޙާލަތުގައި ކުރިމަތިވާނީ 2 ޙާލަތެކެވެ. އެއް ޙާލަތަކީ ހިތްދަތިކަމާއި ނުތަނަވަސްކަމެވެ. އަނެއް ޙާލަތަކީ އުފާވެރިކަން ލިބުމެވެ. މި ދެ ޙާލަތުވެސް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާއެވެ.

ބޮޑުކަމެއް ކުރިމަތިވާހިނދު ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެންނާއި އަދި އުފާވެރިކަމެއް ލިބުމުން ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ގޮތުންވެސް ފުރަތަމަ ކަމަކަށް ކުރަން އޮތީ އެއްކަމެކެވެ. އެއީ 2 ރަކްޢަތް ނަމާދެއްކޮށްލުމެވެ. އެއީކުރަން ވަރަށް ފަސޭހަ ކަމެއްވެސްމެއެވެ.

މިކަމުގައި ފުރަތަމަވެސް ފާހަގަކޮށްމިލީ 2 ކަމެކެވެ. 2 ޙާލަތެކެވެ. ފުރަތަމަ ކަމަކީ ހިތާމައާއި ހިތްދަތިކަން ލިބުމެވެ. 2 ވަނަ ޙާލަތަކީ އުފާވެރިކަމެއް ލިބުމެވެ. މި 2 ޙާލަތުގައިވެސް އޮތީ 2 ރަކްޢަތް ނަމާދެއް ކޮށްލުމަށް އަވަސްވެގަތުމެވެ.

އެފަދަ ނަމާދެއްކުރަން ބޭނުންވާ މީހާއަށް އޮތީ ވަރަށް ފަސޭހައިން އެކަން ކުރެވޭށެވެ! ނަމާދަށް ހުއްޓުމަށްފަހު "މާތް ﷲ އަށް އަޅުކަމުގެ ގޮތުން 2 ރަކްޢަތް ނަމާދެއް ކުރަމެވެ." ނިޔަތްގަނެ ފަށައިގަންނަންވީއެވެ. ބޭނުންވަރަކަށް ކުރުކުރަންވީއެވެ. އަދި ދިގުވެސްކުރަންވީއެވެ. އޮތީ އެމީހާގެ ހުރި ހިތްވަރެކެވެ.

ނިޢްމަތެއް ލިބުނު ނަމަވެސް މިއަދު މީސްތަކުން އަވަސްވެގަންނަނީ އެކަން ވީހައި ގިނަބައަކަށް އިޝްތިހާރުކުރުމަށެވެ. ޗޯޝަލް މީޑިއާގައި އިޝްތިހާރުކުރުމުގެ އިތުރުން ބޮޑެތި ހަފްލާތައް ބާވައި ނާޗަރަންގީވެސް ކުޅުމަށެވެ. ތިމާއަށް ނިޢްމަތް ދެއްވެވި ﷲ ތަޢާލާގެ އެންގެވުންތައް ހަނދާނަކުވެސް ނުހުރެއެވެ.

ހަމަކަށަވަރުން އެއިރުން އެ ޢަމަލުކުރެވެނީ ޝައިޠޯނާ އެދޭގޮތަށެވެ! ނިޢްމަތް މިންވަރުކުރެއްވެވީ ﷲ ތަޢާލާ އަންގަވާފައިވަނީ އެގޮތަށް ކަންކަން ކުރުމަކަށްނޫނެވެ. ނިޢްމަތެއް ލިބުނުނަމަވެސް އަދި ދަތިޙާލަތެއް ކުރިމަތިވިނަމަވެސް އެކަލާނގެއަށް ޝުކުރުވެރިވުމަށެވެ! އަޅުކަންކުރުން އިތުރުކުރުމަށެވެ.

ކުރިން މިބުނި ފަދަ ޙާލަތުގައި ނަމާދުކުރުމަކީ ރަސޫލް (ﷺ)ގެ ސުންނަތުގައިވާކަމެކެވެ. ޞަޙާބީން ދެމެހެއްޓެވި ސުންނަތެކެވެ. ނަމަވެސް މީސްތަކުންގެ ގިނަ ބައަކު މިއަދު މިވަނީ ސުންނަތާއި ދުރަށް ޖެހެވުނުވަރު ބޮޑުކަމުން އެ ސުންނަތް މަތިން ހަނދާންވެސް ނެތިފައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން