މިއަދު މީހެއްގެ ގާތުގައި އޭނާ ކަންބޮޑުވާ ކަމެއް އެބައޮތްތޯ ސުވާލުކޮށްފިނަމަ ބުނާނީ ދުނިޔެއިން އޭނާއަށް ޙާޞިލުނުކުރެވިހުރި ކަންކަމުގެ ވާހަކަތަކެވެ. އެކަމުން އެނގެނީ އެހުރެވެނީ އާޚިރަތް ދުވަހާއިމެދު ޣާފިލުވެވިގެން ކަމެވެ. ހަމައެކަނި ދުނިޔޭގެ ކަންކަމުގެ ވާހަކަ ދައްކާނަމަ އެހުރެވެނީ އާޚިރަތް ދުވަހާއިމެދު ވަރަށް ބޮޑަށް ޣާފިލުވެވިގެންނެވެ.
އަބޫ ޠަލްޙަތުގެފާނު ރޭގަނޑު އަނބިކަނބަލުންގެ އުނގުފުޅުގައި އޮންނަވައިގެން ކީރިތިކުރައްވާތީ ކީރިތިކުރައްވަވަނީ ކޮންކަމަކާއިތޯ ސުވާލުކުރެއްވެވުމުން ވިދާޅުވިއެވެ "ސަލާމަތްކަމެއް ލިބޭނީ ނަރަކައަށް ނުވެއްޓި ޞިރާޠުމަގު ހުރަސްކުރެވުނު މީހަކަށްކަމުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާތީ އެކަމަށް ބިރުފުޅުން ކަމަށެވެ." މާނައަކީ ޞިރާޠުމަގު ހުރަސް ނުކުރެއްވެވިދާނެތީ އެކަމަށް ބިރުފުޅުން ކަމަށެވެ.
މީސްތަކުންނޭވެ! ﷲ ތައާލާ ވަނީ އަހަރެމެންނަށް ހުރިހާ ނިޢްމަތްތަކެއް ދެއްވަވައިފައެވެ. އިސްލާމް ދީނުގެ ހިދާޔަތް ދެއްވަވައިފައެވެ. ހަށިގަނޑާއި ގުނަވަންތަކާއި ޞިއްޙަތުވެސް ދެއްވަވައިފައެވެ. ވިސްނައި ފިކުރުކުރުމުގެ ބާރުވެސް ދެއްވަވައިފައެވެ. ޤުރްއާން ދެއްވަވައިފައެވެ. ރަސޫލް ބޭކަލުން ފޮނުއްވެވިއެވެ. ކޮންމެ ދުވަހަކުހެން އިންޒާރުތައް ދެއްވަވައެވެ.
ޤިޔާމަތް ދުވަހު މިފަދަ ހުރިހާ ނިޢްމަތްތަކާއިމެދު ސުވާލުކުރައްވަވާނެތެވެ. ނިކަންބުނެބަލާށެވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މިންވަރަށް ޝުކުރުވެރިވެވޭހެއްޔެވެ؟ ޖަވާބުދާރީވާންޖެހޭނެ ދުވަހަށް ތައްޔާރުވާން ކުރަނީ ކޮންކަމެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ހުރި ހުރިހާ ކަންބޮޑުވުންތަކުގެ ކުރިއަށް މިކަންކަން ކުރިއަށްނެރޭށެވެ! އަބޫ ޠަލްޙާގެފާނުގެ ކަންބޮޑުވެވަޑައިގަތުމަށް ކަންބޮޑުވާށެވެ! އެއަށްވުރެ ބޮޑަށް ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް ނުވެއެވެ.
ކޮންމެ މީހަކީވެސް ކޮންމެވެސް ބާވަތެއްގެ ކަންބޮޑުވުމެއްގައި ދިރިއުޅެމުންދާ މީހެކެވެ. ކޮންމެވެސް ކަމަކާއިމެދު ކަންބޮޑުވާ މީހެކެވެ. ކަންބޮޑުވާ ކަންކަމުގެ ތެރޭގައި: ކޮންމެވެސް މީހަކު މަރުވުން، ފަޤީރުވުން، ތިމާ ނުވަތަ ޢާއިލާގެ މީހަކު ބަލިވުން، މަތީ މަޤާމެއް ނުލިބުން ފަދަ އެތައް ކަމެއް ހިމެނެއެވެ.
އަހަރެންގެ ސުވާލަކީ ކައްވަޅުގައި ހޭދަކުރަންޖެހޭނެ ފުރަތަމަ ރެއާއިމެދު ކަންބޮޑުވަނީ ކާކުހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަނިމާއެކަނި ހުއްޓި ހުންނަން ޖެހޭނެ ވަގުތާއިމެދު ކަންބޮޑުވަނީ ކާކުހެއްޔެވެ؟ މީޒާނުގައި ތިމާގެ ޢަމަލުތައް ކިރައިލެވޭނެ ވަގުތާއިމެދު ކަންބޮޑުވަނީ ކާކުހެއްޔެވެ؟ އެމީޒާނަކީ އަބޫބަކުރުގެފާނު ފަދަ ގިނަގިނައިން ހެޔޮލަފާޢަމަލުތައް ކުރެއްވެވި ބޭކަލުންގެ ޢަމަލުފުޅުތައްވެސް ކިރައިލެވޭނެ މީޒާންކަމުގައިވާއިރު ހަމަ އެމީޒާނުގައި ކިރައިލަން ތިމާއަށް ގެންދެވޭނެ ޢަމަލުތަކާއިމެދު ވިސްނައިލަނީ ކާކުހެއްޔެވެ؟ ޞިރާތު މަގު ހުރަސްކުރެވޭނެ ގޮތަކާއިމެދު ކަންބޮޑުވަނީ ކާކުހެއްޔެވެ؟
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން