ތައުބާވެވޭނީ ކިތައް ފަހަރުތޯ ބައެއް މީހުން ސުވާލުކުރެއެވެ. އަދި އެއް ފާފައަކަށް ގިނަފަހަރު ތަކުރާރުކުރެވޭނަމަ ތައުބާވެވޭނެތޯވެސް ސުވާލުކުރެއެވެ. ޖަވާބަކީ ކިތަންމެ ގިނަފަހަރުވެސް ތައުބާވެވޭނެއެވެ. އަދި އެއް ފާފަފައެއް ތަކުރާރުކުރެވުމުންވެސް ތައުބާވެވޭނެއެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. ތައުބާވުމުން ﷲ ތަޢާލާ ތައުބާ ޤަބޫލުފުޅުވެސް ކުރައްވަވާނެތެވެ. އިން ޝާ ﷲ. ނަމަވެސް ވިސްނާލަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ.
މިޘާލަކަށް ބުނާނަމަ އަބަދު ފާފަކުރުމަކީ ތައުބާވުމުގެ ރޫޙާއި ވަރަށް ބޮޑަށް ޚިލާފްވާ ކަމެކެވެ! އެހެނީ ތައުބާގެ މާނައަށް ބަލައިފިނަމަ އެއީ އެނބުރި އައުމެވެ. ކޮންކަމަކަށް ހެއްޔެވެ؟ ﷲ ތަޢާލާގެ މަގަށެވެ.
ފާފަކުރުމާއި ފާފައެއް ކުރެވުމާއި އެއީ އަހަރެންގެ ގާތުގައި ވަރަށް ތަފާތުކަމެކެވެ. އެހެނީ ބައެއް މީހުން ފާފަތައް ކުރަމުން ގެންދަނީ އެއްވެސް ބިރެއް ނެތިއެވެ. ކޮންކަމަކަށްހެއްޔެވެ؟ ﷲ ތަޢާލާގެ ޢަޛާބަށެވެ. އެފަދަ މީޙުންގެ ވިސްނުމުގައި އޮންނަނީ ފަހުން ތައުބާވެ ހެޔޮ ޢަމަލުކުރުމުން ފުދޭނެ ކަމަށެވެ. ތައުބާނުވެވި، ހެޔޮ ޢަމަލުތައް ނުކުރެވި ހުއްޓައި އޭނާގެ ފުރާނަ ގެންދަވައިފާނެ ކަމަކަށް ބިރެއް ނުގަނެއެވެ.
އަނެއްބައަކީ ނަފްސުގެ ބަލިކަށިކަމުން ފާފަކުރެވޭ މީހުންނެވެ. އެފަދަ މީހުންނަށް ފާފަކުރެވެނީވެސް ބިރުވެތިވާ ޙާލުގައެވެ. އަދި ފާފައެއް ކުރެވިއްޖެ ނަމަ ތައުބާނުވެ ހިނދުކޮޅަކު ހުރުންވެސް އޭނާއަށް ވާނީ ވަރަށް ބޮޑު ކަމަކަށެވެ.
އެކަން ބަޔާންކުރައްވަވައި ޢަބްދުﷲ އިބްން މަސްޢޫދު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އީމާންވެގެން ހުނަން މީހަކު ފާފަ އިޙްޞާޞްކުރެވޭނީ ބޯމަތީގައިވާ ބިޔަ ފަރުބަދައެއްގެ ގޮތުގައެވެ. އަބަދުވެސް އޭނާއަށް ހުރެވޭނީ އެފަރުބަދަ ބޮލަށްވެއްޓިދާނެ ކަމުގެ ބިރުގައެވެ. ނަމަވެސް ފާފަކުރަން ބިރުވެތިނުވާ ނުބައި މީހާއަށް ފާފަ ސިފަކުރެވޭނީ ނޭފަތް ކުރިމަތިން ހުރަސްކުރާ ކުނަމެއްސެއްގެ ގޮތުގައެވެ." މާނައަކީ އެފަދަ މީހުންގެ ހިތުގައި ފާފަކުރަން އެއްވެސް ބިރުވެތިކަމެއް ނުއޮންނާނެއެވެ!
މިބަސްފުޅަކީ ތަފާތު ޢިބާރާތުން ވަރަށް ގިނައިން ދަރުސްތަކާއި ޚުޠުބާތަކުގައި ތަކުރާރުކުރެވޭ ބަސްފުޅެކެވެ. އެންމެން ވަރަށް ރަނގަޅަށް ދަންނަ ބަސްފުޅެކެވެ. ނަމަވެސް ސުވާލަކީ ބަސްފުޅަށް ދޭންޖެހޭ ސަމާލުކަން ދެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން