ޝައިޠޯނާ ފައްސައި ތިބާއާއި ދުރުނުކުރެވޭނަމަ ފާފަކުރަންދެން ވަސްވާސްދީ ފާފަކުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޝައިޠޯނާ ފައްސައި ތިބާއާއި ދުރުނުކުރެވޭނަމަ ފާފަކުރަންދެން ވަސްވާސްދީ ފާފަކުރުވާނެ!

ހަވާނަފްސް އެދޭ ހުރިހާ ކަމެއް ކުރަން ޝައިޠޯނާ ބާރުއަޅާނެއެވެ. އެފާފަކުރަންދެން ވަސްވާސްދެމުން ގެންދާނެއެވެ. ވީމާ ނުބައިކަމެއް ކުރަން ހިތަށްއަރާ ކޮންމެ ފަހަރަކު އަޢޫޛްކިޔަން އަވަސްވެގަންނާށެވެ! އަދި ގިނަގިނައިން އެފަދަ ވަސްވާސްތައް ހިތަށް އަރާނަމަ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދި ދުޢާކުރާށެވެ! ޛިކުރުތައް ކިޔައި ރައްކައޔތެރިކަން ލިބިގެން ހުންނާށެވެ!

އާދަމަގެފާނުގެ ދެކަނބަލުން ލައްވައި އެ ބޮޑުފާފަކުރެވުނީ އެންމެ ފަހަރަކުން ނޫނެވެ. އެތައް ފަހަރަކު ދިން ވަސްވާސްތަކުގެ ސަބަބުންނެވެ. ޝައިޠޯނާ އެއިރު އަބަދުހެން ހުރީ ފާރައަށެވެ. އާދަމްގެފާނުގެ ދެކަނބަލުން ސުވަރުގޭގެ ދޮރުކޮޅެއްގެމަތިން ފެނުނު ނަމަވެސް ވަސްވާސްދިނުމަށް އަވަސްވެގަނެއެވެ. އެވަސްވާސްތައް ދެމުން ގޮސް އެދެކަނބަލުންނަށްވެސް ޙައްޤުމަގުން އެއްކިބާވެވަޑައިގެންނެވުނީއެވެ.

ވީއިރު އަހަރެމެންގެ ޙާލުހުންނާނީ ކިހިނަކުން ހެއްޔެވެ؟ ފާފައެއް ކުރުވަން ޝައިޠޯނާ ނުކުރާނެ މަސައްކަތެއް ނުއޮންނާނެއެވެ. އެމީހަކު އެކަމެއްކުރަން ޝައުޤުވެރިވާނެ ހުރިހާ ޕެކޭޖްތަކެއް ހުށަހަޅާނެއެވެ. އެއީ ފާފައެއް ނަމަވެސް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެކަމުގެ ޔަޤީންކަން ހިތަށް ވައްދުވާނެއެވެ. ޙަޤީޤަތަކީ އެއީ އޭތި ހަދާ އެންމެ ބޮޑު އެއް ދޮގުކަމެވެ. ކުރެވޭ ފާތައް ފުއްސަވައި ދެއްވެވުމާއި ޢަޛބް ދެއްވެވުން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެންމެކުޑަމިނުން އެކަން އެނގޭނެ މީހަކުވެސް ނުހުންނާނެއެވެ.

ވީމާ ކިތަންމެ ކުޑަނަމަވެސް ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ފާފައެއް ކުރެވިއްޖެނަމަ ޝައިޠޯނާ އުފާކުރާނެއެވެ. ފާފައެއް ކުރެވުނު ނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ! ތައުބާވުމަކީ ޝައިޠޯނާ އެންމެ ބޮޑަށް މާޔޫސްވާ ކަންތަކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން