ނިކަމެތި ޙާލުގަ ތިބި ހުވަފަތް އަންހެނުންނަށާ މައިންނަށްވާންޖެހިފަ ތިބި އަންހެނުންނަށް ރަމަޟާންމަހު އެހީތެރިކަން ފޯރުކޮށްދޭ މީހަކަށް ރަޙްމަތް އިތުރުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ނިކަމެތި ޙާލުގަ ތިބި ހުވަފަތް އަންހެނުންނަށާ މައިންނަށްވާންޖެހިފަ ތިބި އަންހެނުންނަށް ރަމަޟާންމަހު އެހީތެރިކަން ފޯރުކޮށްދޭ މީހަކަށް ރަޙްމަތް އިތުރުކުރައްވަވާނެ! އިން ޝާ ﷲ

ރަޙްމަތުން ފުރިގެންވާ ރަމަޟާން މަހާއި ބައްދަލުވުމުން ﷲ ތަޢާލާގެ ރަޙްމަތް ތިމާއަށް އިތުރުވުމަށްޓަކައި އެންމެ ބޮޑަށް އިސްކަންދޭން އޮތް އެއްކަމަކީ މީސްތަކުންނަށް ރަޙުމްކުރުން އިތުރުކުރުމެވެ.  

ލިސްޓުގެ އެންމެ ކުރީގައި ހިމަނަންވާނީ އަމިއްލަ ޢާއިލާއެވެ. އެއަށްފަހު ހުވަފަތްވެ ނިކަމެތި ޙާލުގައި ތިބި އަންހެނުންނާއި އެކަނިވެރި މައިންނަށްވާންޖެހި ނިކަމެތި ޙާލުގައި ތިބި އެކަނިވެރި މައިންނަށް ސަމާލުކަންދޭށެވެ!  

އެކަނިވެރި މައިންނަށްވާންޖެހުން ކަމަށް މާނަ މިކުރަނީ އެކަނބަލުންގެ ކުށެއްނެތި ނިކަމެތިކަން ލިބިފައިތިބި އަންހެނުންނަށެވެ. އެކަނިވެރިމައިންގެ ލިސްޓުން އެންމެ ޙައްޤުކަން ބޮޑުވާނީ އެފަދަ އަންހެނުންނަށެވެ. ހަމަ އެއާއިއެކު ދަރިންކޮޅު ގޮވައިގެން ނިކަމެތި ޙާލުގައި އުޅެމުންދާ އަންހެނުންނަށް އެހީތެރިވާނަމަ ޔަތީމްކުދިން ކޮޅަކަށްވެސް އެހީތެރިވެވުނީއެވެ.  

ކޮންމެ މީހަކަށް ނަމަވެސް އެހީތެރިވާން އޮތީ ހަމައެކަނި ﷲ ތަޢަލާއަށްޓަކައެވެ. އެހީތެރިވެދޭން މިބުނެވުނީ ދެބާވަތެއްގެ އަންހެނުންނަށެވެ. ވީމާ އެކަނބަލުންނަށް އެހީތެރިވާންވާނީ އެކަނބަލުންގެ ކިބައިން އެއްވެސް ކަމެއް ޙާޞިލުކުރުމުގެ ނިޔަތަކު ނޫނެވެ. ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. ހެޔޮ ޢަމަލެއް ކަމުގައި ﷲ ތަޢާލާ ޤަބޫލުކުރައްވަވާނީވެސް ތިމާގެ އަމިއްލަ އެދުމެއްނެތި ހަމައެކަނި ﷲ ތަޢާލާގެ ކިބައިން ޘަވާބަށް އެދިގެން ކުރާ ކަންކަމެވެ.  

މިފަދަ ވާހަކަ ދެއްކުމުން އެފަދަ ކަނބަލުން ހޯދާނެ ގޮތަކާއިބެހޭ ގޮތުން ބައެއް މީހުން ސުވާލުކުރެއެވެ. ވީމާ ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ތިމާއަށް އެނގޭ މީހުންނަށް ވިސްނައިލާށެވެ! އަވަށްޓެރިންނަށްވެސް ވިސްނައިލާށެވެ! އެވަރުންވެސް ނުއެނގުނުނަމަ އެކުވެރިންނާއި ޢާއިލާގެ މީހުންގެ ގާތުގައި އަހައި އޮޅުންފިލުވާށެވެ!  

ހުވަފަތް އަންހެނުންނާއި އެކަނިވެރިމައިންނަށް ވާންޖެހިފައި ތިބި އަންހެނުންގެ ތެރޭގައި ދަރިންކޮޅު ގޮވައިގެން ވަރަށް ދަތިޙާލުގައި އުޅެންޖެހިފައިވާ އަންހެނުން ބައިވަރެވެ. ވީމާ އަހުރެމެން އުފަލުގައި ތިބެ ބޭނުންހައި އެއްޗެއް ކަމުން ގެންދާއިރު އެފަދަ ނިކަމެތިންގެ މަތިން ހަނދާންކުރަންވާނެއެވެ. އަދިވެސް ތަކުރާރުކޮށްލާނަމެވެ. އެއިރުން އެހީތެރި އެވެވެނީ ހަމައެކަނި އެކނބަލުންނަކަށް ނޫނެވެ. ޔަތީމްކުދިންކޮޅަކަށެވެ. އަދި ބައްޕަ ދުނިޔޭގައި ހުރީތީ ޔަތީމް ކުދިންނަށް ނުވިނަމަވެސް ބައްޕަގެ އެހީތެރިކަން ނުލިބޭތީ ހަމަ ޔަތީމްކުދިންނާއި އެފަދަވެފައި ތިބި ނިކަމެތި ކުދިން ކޮޅަކަށެވެ.  

ތަނަވަސްކަން ހުރިމިންވަރަކުން އެފަދަ ކުދިންނަށް އެހީތެރިވުމަކީ ކުރެވޭނެ އެންމެ މަތިވެރި ޞަދަޤާތުގެ ތެރެއިން ހިމެނޭނެ ޞަދަޤާތެކެވެ. އިން ޝާ ﷲ. ވީމާ މިފަދަ ނަރަކާތްތެރި ަމއްސަރުގެ ޘަވާބާއި ދަރުމަ ލިބިގަންނަން މަސައްކަތްކުރާއިރު މިފަދަ މަތިވެރި ކަންކަމަށް ސަމާލުކަން އިތުރުކުރަންވާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން