ޢަލީ އިޙްޞާން ފިރާޤް
އަޚުންނާއި އުޚުތުން:
ދެން މި ދަންނަވައިލަނީ އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހުގެ އަޚުންނާއި އުޚުތުންގެ ވާހަކައެވެ. ހަމައެކަނި އެބޭކައުކަނބަލުންގެ ނަންފުޅުތައް ބަޔާން ކުރުމުގެ ބަދަލުގައި އެބޭފުޅުންނާ ބެހޭ މުހިންމު މަޢުލޫމާތުވެސް ކިޔުން ތެރިންގެ މައުލޫމާތަށްޓަކައި ހިމަނައިލީމެވެ.
ނަމަވެސް އެންމެ ފުރަތަމަ މި ހިމަނައިލަނީ ހަމައެކަނި އެބޭކައުކަނބަލުންގެ ނަންފުޅުތަކެވެ.
1. حنظلة بن أبي سفيان
2. معاوية بن أبي سفيان
3. عتبة بن أبي سفيان
4. محمد بن أبي سفيان
5. عمرو بن أبي سفيان
7. يزيد بن أبي سفيان
8. أم حبيبة رملة بنت أبي سفيان أم المؤمنين
9. أميمة بنت أبي سفيان وهي أم حبيب
10. جويرية بنت أبي سفيان
11. أم الحكم بنت أبي سفيان
12. عنبسة بن أبي سفيان
13. صخرة بنت أبي سفيان
14. هند بنت أبي سفيان
15. أمينة بنت أبي سفيان
16. رملة الصغرى بنت أبي سفيان
17. ميمونة بنت أبي سفيان
މަތީގައި ބަޔާންކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެބޭފުޅުންގެ ސީރަތު އެނގެން އޮތީ ބައެއް ބޭފުޅުންގެއެވެ. އެބޭފުޅުންގެ ވާހަކަ ކުރު ގޮތަކަށް މި ދަންނަވައިލަނީއެވެ.
§ يزيد بن أبي سفيان رضى اللّـه عنــه
އެކަލޭގެފާނަށް ޔަޒީދުލް ޚައިރު އޭ ވެސް ކިޔައެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ މައްކާ ފަތަޙަ ކުރެއްވި ދުވަހުގައެވެ. ޙުނައިނު ހަނގުރާމައިގައި އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ. ޙުނައިނު ހަނގުރާމައިން ލިބިވަޑައިގެންނެވި ޣަނީމާގެ ތެރެއިން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނަށް ސަތޭހަ ޖަމަލާއި ސާޅީސް އޫޤިއްޔަތުގެ ރިހި ދެއްވިއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައި ޝާމުކަރަ ފަތަޙަކުރެއްވުމަށް ކުރި ހަނގުރާމައިގައި ކޮމާންޑަރެއްގެ ހައިސިއްޔަތުން يزيد بن أبي سفيان رضى اللّـه عنــه ބައިވެރިވެވަޑައިގެންނެވިއެވެ.
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގައި ފެތުރުނު طاعون عمواس ގައި أبو عبيدة بن الجراح رضى اللّـه عنــه އަވަހާރަވިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ ދިމިޝްޤުގެ ގަވަރުނަރުކަމުގައެވެ. އަބޫޢުބައިދަތުގެފާނު އަވަހާރަވަމުން ދިމިޝްޤާއި، އުރުދުނާއި، ފަލަސްޠީނުގެ ގަވަރުނަރުކަން ޢުމަރުގެފާނު ދެއްވީ يزيد بن أبي سفيان رضى اللّـه عنــه އަށެވެ. ނަމަވެސް يزيد بن أبي سفيان رضى اللّـه عنــه އަށްވެސް ޠާޢޫނުގެ ވަބާ ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަވީ އެ އާލާސްކަންފުޅުގައެވެ.
ޝާމުކަރައިގައި ފެތުރިގެން ދިޔަ ބަލިމަޑުކަމުގައި ޞަޙާބީންގެ ތެރެއިން ދަރަޖަމަތިވެރި ބޭކަލުންވެސް ހިމެނިވަޑައިގަންނަވައެވެ. ގިނަ ރިވާޔަތްތަކުގައި ބަޔާންވެގެން އައިސްފައިވަނީ ޝާމުކަރައިގައި ތާޢޫނުގެ ވަބާ ފެތުރިގެން ދިޔައީ ހިޖްރައިން 18 ވަނަ އަހަރުގައި ކަމަށެވެ. މުސްލިމުން ޝާމުކަރަ ފަތަޙަ ކުރުމަށްފަހުގައެވެ. މިދަންނަވައިލަނީ މި ވަބާގައި އަވަހާރަވި ބައެއް ޞަޙާބީބޭކަލުންގެ ނަންފުޅުތަކެވެ.
· أبو عبيدة بن الجراح رضى اللّـه عنــه
· معاذ بن جبل رضى اللّـه عنــه އާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުން عبد الرحمن
· يزيد بن أبي سفيان رضى اللّـه عنــه
· سهيل بن عمرو رضى اللّـه عنــه
· عتبة بن سهيل رضى اللّـه عنــه
· ضرار بن الأزور رضى اللّـه عنــه
· أبو جندل بن سهيل رضى اللّـه عنــه
· أبو مالك الأشعري رضى اللّـه عنــه
· الحارث بن هشام رضى اللّـه عنــه
· شرحبيل بن حسنة رضى اللّـه عنــه
މިދެންނެވި ބޭކަލުން ނޫނަސް އެހެން ބައެއް ޞަޙާބީންވެސް އެ ބަލިމަޑުކަމުގައި އަވަހާރަވިއެވެ. يزيد بن أبي سفيان رضى اللّـه عنــه އަވަރާވުމަށްފަހު އޭނާ ހުންނެވި ގަވަރުނަރުކަމުގެ މަޤާމުދެއްވީ އޭނާގެ އަޚް معاوية بن أبي سفيان رضى اللّـه عنــه އަށެވެ.
§ عتبة بن أبي سفيان رضى اللّـه عنــه
عتبة بن أبي سفيان رضى اللّـه عنــه ގެ މައިކަނބަލުންނަކީ ހިންދެވެ. އެހެންކަމުން ޢުތުބާއަކީ މުޢާވިޔަތުގެފާނުގެ އެއްބަނޑު އެއްބައްޕާފުޅު ބޭކަލެކެވެ. ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައި ކިނާނަތު ވަންހައިގެ ޞަދަޤާތްނެގުމަށް عتبة بن أبي سفيان رضى اللّـه عنــه އާ ޙަވާލު ކުރެއްވިއެވެ. މުޢާވިޔަތުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނަށް މިޞްރުގެ ގަވަރުނަރުކަން ދެއްވިއެވެ. އެއީ ޢަމްރު ބުނުލް ޢާޞް އަވަހާރަވުމަށްފަހުގައެވެ.
ޢުތުބާ މިޞްރުގެ ގަވަރުނަރުކަމުގައި ހުންނެވީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވަންދެނެވެ.
§ حنظلة بن أبي سفيان
حنظلة بن أبي سفيان ގެ މައިކަނބަލުންނަކީ صفية بنت أبي العاص އެވެ. حنظلة بن أبي سفيان އަކީ އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާގެ އެއްބަނޑު އެއްބައްޕާފުޅު އަޚެކެވެ. އޭނާ އަކީ ކީރިތި ރަސޫލާއާ އަދާވާތްތެރިކަން ގަދަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ޤަތުލުވީ މުޝްކުރިކެއްގެ ގޮތުގައެވެ. ބަދުރު ހަނގުރާމައިގައެވެ.