އާދެ، އަޅުގަނޑުމެންނާ އަނެއްކާވެސް މިވަނީ އަޅުގަނޑުމެންގެ ޙަޔާތުން ރަމަޟާން މަހަކާއި ބައްދަލު ކޮށްފަ. އަޅުގަނޑުމެން ޙަޔާތުގެ އަހަރުތައް މި ހޭދަކުރަމުން ދާއިރު ކޮންމެ އަހަރެއްގައިވެސް އަޅުގަނޑުމެން މި ރަމަޟާން މަސްތަކާއި ބައްދަލު ކުރަމުން އެބަ އަންނަމު، ދުނިޔޭގައި ތިބި ބައެއް ކަމުގައި ވާނަމަ އަޅުގަނޑުމެން ތެރޭ.
އެހެންނަމަވެސް އަޅުގަނޑުމެން ނަފްސުތަކާއި ކޮށްލަން ޖެހޭ ސުވާލަކީ ވަރަށް މުހިއްމު ސުވާލެއް. މިފަދަ ބަރަކާތްތެރި ދަރުމައާއި ޝަވާބު، ދިންނެވުމާއި ފުއްސެވުން އިންތިހާއަށް އިތުރުވެގެންވާ މައްސަރަކާއި އަޅުގަނޑުމެންނާ ޙަޔާތުގެ ކޮންމެ އަހަރެއްގައި މިހެން ބައްދަލުވަމުން ދާއިރު އަޅުގަނޑުމެން މި ރަމަޟާން މަސްތަކާއި މި ބައްދަލު ކުރަނީ، މި ރަމަޟާން މަސް ނިމިގެންދާއިރު އަޅުގަނޑުމެންގެ ހުރިހާ ، ހުރިހާ ފާފައެއް ފުހެވިގޮސްފައިވާ ބަޔަކަށް ވުމަށް އެދިގެންތިބެތޯ؟
އަޅުގަނޑު މި ރަމަޟާން މަހާއި މި ބައްދަލު ކުރަނީ އިރާދަކުރެއްވިއްޔާ މި ރަމަޟާން މަސް ނިމުގެންދާއިރު އެކަމުގެ ތަޢުފީޤު ﷲ ތަޢާލާ ދެއްވައިފިކަމުގައި ވާނަމަ، މި ރަމަޟާންމަސް އެކީ ރޯދަ ހިފައި ނިންމާލުމުގެ ތަޢުފީޤު ދެއްވައިފިކަމުގައި ވާނަމަ، ހުރިހާ ފާފައެއް ފުހެވި ގޮސްފައިވާ މީހެއްކަމުގައި ވުމަށް އެދިތޯ؟ މީ އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި ކޮށްލަންޖެހޭ ސުވާލެއް.
އަޅުގަނޑުމެންގެ ފާފަތައް ގިނަ. އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެއިލާޙުގެ އުރެދުންތަކަށް އަރައިގަނެވިފައިވޭ، ފާފަތައް ގިނަ ބއެއްގެ ގޮތުގައި އަޅުގަނޑުމެން މި ބަތަކާތްތެރި މައްސަރާއި ކުރިމަތި ލާފައި މިވަނީ. އެހެންނަމެސް ﷲ ސުބޫޙާނަހޫ ވަތަޢާލާ މިފަދަ މައްސަރެއް ޝަރުޢު ކޮށްދެއްވަވާ މިންވަރު ކޮށްދެއްވާފައި މިވަނީ އަޅުގަނޑުމެން ފަދަ ފާފަކުރެވޭ ފާފަތައް ގިނަ ހެޔޮ ޢަމަލްތައް މަދު މީސްމީހުންނަށް. އެމީހުންގެ އެ ފާފަތައް ފުއްސަވާދެއްވާ، އެމީހުންގެ ނަފްސުތައް ޠާހިރު ކޮށްދެއްވާ، ﷲ ސުބޫޙާނަހޫ ވަތަޢާލާގެ ހަޒްރަތަށް އެމީހުން ބައްދަލުކުރަން ދާއިރު އެމީހުންގެ ޢަމަލްތަކުގެ ތިލަފަތް އިތުރު ކޮށްދެއްވާފަދަ ބަރަކާތްތެރި މައްސަރެއްގެ ގޮތުގައި ލައްވަވާ، ސުބުޙާނަﷲ.
ކިހާ އޯގާވަންތަވެރި ވޮޑިގެންވާ އިލާޙެއްތޯ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ބަސްފުޅުގަ އެ އިލާޙުގެ ނަބިއްޔާ މި ރަމަޟާން މަހާޢިބެހޭގޮތުން ބަޔާން ކުރައްވާފައި އެވަނީ (އަރަބ) " ރަމަޟާންމަހުގެ ރޯދަތައް ފުރިހަމަ ޢީމާންތެރިކަމާއި މި މައްސަރުގެ ދަރުމައާއި ޘަވާބަށް އެދި ހިފައިފި މީހަކަށް" (އަރަބި) " އޭނަގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސަވާ ދެއްވައެވެ. މިއީ ތަޤުވާވެރިކަމުގެ މައްސަރު. ޢީމާންތެރިކަމުގެ މައްސަރު. ރަމަޟާންމަހުގެ ރޯދަތައް ޝަރުޢު ކުރައްވާ، ވާޖިބު ކުރައްވާ އެ ބަޔާންކުރެއްވި އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ،(އަރަބި) "އޭ ޢމާންވެއްޖެ މީސްތަކުންނެވެ." ޢީމާންކުމުގެ އަހުލުވެރިންނަށް. ވިސްނަވާތި، ހަނދުމަފުޅު ބަހައްޓަވާތި، ވަރަށް ބޮޑަށް ޢީމާންކަމާއި މި މައްސަރުގެ ދަރުމައާއި ޘަވާބަށް އެދި. އެހެންވީމަ މި ޢީމާންކަމަކީ ކޮބައިތޯވެސް އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. މި ޢީމާންކަމުގެ ޙަޤީގަތަކީ ކޮބައިތޯ؟
އިރާދުކުރެއްވިއްޔާ އަދި މިއަދުގެ ދަރުސްގައި އަޅުގަނޑަށް އަލި އަޅުވައި ނުލެވުނު ނަމަވެސް މިއަންނަ ހަފްތާގައި އަޅުގަނޑު ބަލާނަން ޢީމާންކަމުގެ ޙަޤީގަތާއި، ޢީމާންވާނީ ކިހިނެއްތޯއާއި، ޢީމާންކަމުގެ ފޮނި ލައްޒަތު ލިބޭނީ ކިހިނެއް ކޮން ގޮތަކަށް ޢީމާންވެގެންތޯ، އަޅުގަނޑުމެން ކުރާ ޢަމަލްތައް ﷲ ތަޢާލާ ޤަބޫލު ކުރައްވާނީ. މި މަޢުލޫއަށް ކޮންމެސް މިންވަރަކަށް އަލިއަޅުވާލެވޭތޯ ބަލާނަން. އިންޝާﷲ.
މި އާޔަތުގައިވެސް މި ވަނީ " އޭ ޢީމާންވެއްޖެ މީސްތަކުންނެވެ." ( كُتِبَ عَلَيۡكُمُ ٱلصِّيَامُ ) "ތިޔަބައިމީހުންގެ މައްޗަށް ރަމަޟާންމަހުގެ ރޯދަތައް ފަރުޟު ކުރެވިއްޖެއެވެ."(كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ ) "ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުންގެ މައްޗަށް އެ ރޯދަތައް ފަރުޟު ކުރެއްވުނު ފަދައިން" (لَعَلَّكُمۡ تَتَّقُونَ) "ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވެ ބިރުވެތި ވުމަށްޓަކައެވެ." މީ އަޅުގަނޑުމެން ތަޤުވާވެރިކަމުގެ މި މައްސަރުން ފައިދާ ލިބިގަނެ އަޅުގަނޑުމެންނަކީ ތަޤުވާވެރިންކަމުގައި ވެވޭތޯ މަސެއްކަތް ކުރަންޖެހޭ. އަޅުގަނޑުމެންގެ ފާފަތަކުގެ ގިނަ ކަމާއި، އުރެދުންތަކުގެ ބޮޑު ކަމާއިއެކުވެސް، އަޅުގަނޑުމެން ނާ އުއްމީދު ނުވާންވީ. މާޔޫސް ނުވާންވީ. މިފަދަ މަހެއް ﷲ ތަޢާލާ ޝަރުޢު ކޮށްދެއްވާފައި މިވަނީ އަޅުގަނޑުމެން ފަދަ ފާފަކުރެވޭ މީހުންނަށް އަޅުގަނޑުމެންގެ ނަފްސުތައް ޠޯހިރު ކޮށްދެއްވާ، އެ އިލާޙުގެ ހަޒްރަތަށް އެނބުރި ރުޖޫޢަވެ، އެ އިލާޙާއި ބައްދަލު ކުރާއިރު އަޅުގަނޑުމެންނަކީ ނަފްސުތައް ޠޯހިރުވެފައިވާ ބައެއް ކަމުގައި ލެއްވުމަށްޓަކަ.
ވިސްނަވާ އެކަމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ މުޅި ކައުނަށް ނުވަތަ ކާއިނާތަށް ބޮޑެތި ބަދަލުތައް ގެންނަވާ މި މައްސަރު ޝަރުޢު ކުރައްވާފައި މިވަނީ. ބޮޑެތި ބޮޑެތި ބަދަލުތައް ގެންނަވާ. އެކަމު އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ އެކަމާ ދޭތެރޭ ވިސްނާ ފިކުރު ކޮށްލަނީ. މި މައްސަރު ފެށިގެން ނިމިގެންދާއިރު ތިމަންނަ އިރާދަކުރެއްވިއްޔާ ވާނީ މި މައްސަރުގައި ތިމަންނަގެ ހުރިހާ ފާފައެއް ފުހެވިގެން ގޮސްފައިވާ މީހެއް ކަމުގައެވެ. މި މައްސަރުގައި ކޮންމެ ރެއެއްގައި. ރަމަޟާންމަސް ފެށިގެން ނިމެންދެކަ ކޮންމެ ރެއެއްގައި ﷲ ތަޢާލާ އެ އިލާޙުގެ އަޅުތަކުންގެ ތެރެއިން އެތައް ބަޔަކު ނަރަކައިން މުއްތި ކޮށްދެއްވާ ސަލާމަތް ކޮށްދެއްވާއިރު، ތިމަންނަ ވާނީ އިންޝާﷲ އެ އިލާޙުގެ ހަޒްރަތުން އެ ފުއްސެވުން ދިންނެވުން ޙައްޤުވާ މީހެއް ކަމުގައެވެ. ނަރަކައިން ސަލާމަތްވާ މީހެއްކަމުގައި ވުމަށް އެދި ތިމަންނަ މަސެއްކަތް ކުރާނަމޭ އެފަދަ މީހެއްކަމުގައި ވުމަށް. އެ ޢަޒުމްގަ، އެ ޤަސްތުގައި މަސެއްކަތް ކުރަނީ ރޯދަމަސް ހޭދަކުރަނީ ކިތައް މީހުންތޯ.
- ޝައިކް އާދަމް ނިޝާން ޢަލީގެ ދަރުސަކުން