އެމްޑީޕީގެ ވެރިކަމުގަ 56 ފަނޑިޔާރަކަށް ނުފޫޒު ފޯރުވައި ފިޔަވަޅު އަޅާފައިވާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ވެރިކަމެއްގައިކަން ރައްޔިތުންނަށް ސާފުވާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒުފޯރުވާކަމަށް ބުނެ އިދިކޮޅުފަރާތްތަކުން ކުރާ ތުހުމަތު ދޮގުކުރައްވައި ބަންޑާރަ ނައިބު އުޝާމް މިއަދު ސޯސަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަމުގެ 2019 އިން ފެށިގެން މިއަދާއި ހަމައަށް ޖޭއެސްސީގެ ނިންމުންތަކަށް ބަލާއިރު ނުފޫޒެއް އޮތީ ކޮން ދުވަސްވަރެއްގައިކަން ސާފުވާކަމަށެވެ.
އުޝާމް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ދެކެވޭ ވާހަކައަކުން، ނުވަތަ ފަނޑިޔާރެއްގެ ރައުޔުއެއްގެ ސަބަބުން ސުލޫކީ މައްސަލަތައް ނަންގަވަމުން އައީ ކުރީ ސަރުކާރުން ކަމަށެވެ. އަދި ފަނޑިޔާރުންނަނާއި މެދު އެއްވެސް އަސްލެއް ނެތް ގޮތަކަށް ބަލަމުން އައި އެފަދަ މައްސަލަތައް ނިމުމަކަށް އައީ 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއި އެކުކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

އުޝާމް ވަނީ ނޮވެމްބަރު 2018 އިން ފެށިގެން ނޮވެމްބަރު 2023 ގެ ނިޔަލަށް ފަނޑިޔާރުންނާއި މެދު އަޅާފައިވާ ފިޔަވަޅުތަކުގެ ބައެއް ތަފާސްހިސާބުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި 8 ފަނޑިޔާރަކު މަގާމުން ވަކިކުރިއިރު ސަސްޕެންޑު ކުރި ފަނޑިޔާރުންގެ އަދަދަކީ 12 އެވެ. މީގެއިތުރުން 3 ފަނޑިޔާރަކު މަގާމު ދަށްކޮށް، ސުލޫކީ މައްސަލަތައް ބަލައި އެ މައްސަލަ ސާބިތުވާކަމަށް ކަނޑައެޅި ފަނޑިޔާރުންގެ އަދަދު 33 އަށް އަރާކަމަށް އެ ރިޕޯޓުން ދައްކަ އެވެ.
މިއާއި އެކު އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި 56 ފަނޑިޔާރެއްގެ މައްސަލަ ބަލައި ތަފާތު އެކި ފިޔަވަޅު އަޅާފައި ވެއެވެ.

މި ސަރުކާރުގައި ފަނޑިޔާރުންނަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތުތަކުގައިވާ ގޮތުން މިހާތަނަށް ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އެކަންޏެވެ. އަދި ސުލޫކީ މައްސަލަތައް ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެ ނަސޭހަތް ދޭން ނިންމިއިރު ޖުމްލަ ފިޔަވަޅުގެ އަދަދަކީ 05 އެވެ.
2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް JSC އިން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު. ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ… pic.twitter.com/1TjDOJz2c3
— Ahmed Usham (@a_usham) March 7, 2025