ރޮޔަލް އައިލަންޑަކީ ވިލާ ގްރޫޕުގެ ރިޒޯޓެއް ނަމަވެސް އެރިޒޯޓަށް ވަޑައިނުގަންނަވާތާ 3 އަހަރުވެއްޖެ ކަމަށާއި އަދި "ދިޔަވަރު" އޮންލައިންގައި ޝާއިޢުކުރި ލިޔުމުގައި ބަޔާންކޮށްފައިވާ މުޙަމައްމަދު ޝިހާބުވެސް އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް ރޯޔަލް އައިލަންޑް ރިސޯޓަށް 2024 އަދި ހިނގަމުން މިދާ 2025 ވަނަ އަހަރުގެ މިހިސާބަށް އެ ރިސޯޓަށް އެއްވެސް ބޭނުމަކު ވަޑައިގެންފައިނުވާކމަށް ވިލާ ގްރޫޕުގެ ޗެއާމަން ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވަނީ "5 މާރިޗް 2025 ދުވަހުގެ " ދިޔަވަރު.ކޮމް" ނަމުގައި ހިންގާ އޮންލައިންނޫހެއްގައި، ރޯޔަލް އައިލެންޑުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، މަޖިލީސް ނާއިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން ނަމުގައި، ޢަޒީޒު ޢާމިރު ނަމުގައި ލިޔެފައިވާ ލިޔުމަކީ އެއްވެސް ޙަޤީޤަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން ބަޔާން ކޮށްދެއްވުމަށް ޢާންމުކުރެއްވި ބަޔާނެއްގައެވެ.
ޤާސިމް އިބްރާހީމްގެ ބަޔާން:
5 މާރިޗް 2025 ދުވަހުގެ "ދިޔަވަރު.ކޮމް" ނަމުގައި ހިންގާ އޮންލައިންނޫހެއްގައި، ރޯޔަލް އައިލެންޑުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، މަޖިލީސް ނާއިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން ނަމުގައި، ޢަޒީޒު ޢާމިރު ނަމުގައި ލިޔެފައިވާ އާޓިކަލަކީ އެއްވެސް ހަޤީޤަތެއް ނެތް ބުހުތާނު ވާހަކަތަކެކެވެ.
މިފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ޚަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އިނގިތިބެ، މުޖުތަމަޢު ފަސާދަ ކުރުމުގެ ބޭނުމުގައި މިފަދަ ޢަމަލުތަައް ތަކުރާރު ކޮށް ކުރާ މީހުންނެވެ. މި އާޓިކަލްގައި ހަޤީޤަތް ނެތް މިންވަރުގެ ފުރިހަމަ އެއް މިސާލަކީ، 2025 ވަނަ އަހަރު ޖަނަވަރީ މަހު، މާލެއިން ރޯޔަލް އައިލެންޑަށް އަޙްމަދު ނާޒިމް ( މަޖިލިސް ނައިބު ރައީސް ) ވަޑައިގެން އަޅުގަނޑާއި ، އުއްތަމަ ފަނޑިޔާރާއި، މުހައްމަދު ޝިހާބު ރޯޔަލް އައިލަންޑުގައި ބައްދަލު ކުރިކަމަށްލިޔެފައި ވުމެވެ.
އަޅުގަނޑުގެ ކުންފުނިން ހިންގާ ރިސޯޓެއް ނަމަވެސް އަޅުގަނޑު ރޯޔަލް އައިލެންޑް އަށް ނުދާތާވެސް މިހާރު 3 އަހަރު ވެދާނެއެވެ. އެންމެ ފަހުން އަޅުގަނޑު ރޯޔަލް އައިލަންޑް އަށް ގޮސްފައިވާނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު އޮތް ށ އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަން ގައި ށ ކޮމަންޑޫ ދާއިރާއަށް ކުރި ދަތުރުގެ ތެރޭގައެވެ.
މިއާޓިކަލްގައި ބަޔާންކޮށްފައިވާ މުޙަމައްމަދު ޝިހާބުވެސް އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް ރޯޔަލް އައިލަންޑް ރިސޯޓަށް 2024 އަދި ހިނގަމުން މިދާ 2025 ވަނަ އަހަރުގެ މިހިސާބަށް އެ ރިސޯޓަށް އެއްވެސް ބޭނުމަކު ވަޑައިގެންފައެއް ނުވެއެވެ
އެހެންކަމުން، އަޅުގަނޑާއި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބާއި އެމަނިކުފާނުގެ އާއިލީ ބޭފުޅެއްކަމުގައިވާ މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އާއި، މިހާރުގެ މަޖިލީގުގެ ނާއިބު ރައީސް އަޙްމަދު ނާޒިމު އާއި ގުޅުވައި ގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ހަޤީޤަތެއް ނެތި ސިޔާސީ ބޭނުމުގައި ވަކި ބަޔަކު އޮންލައިން ނޫސްތަކުގައި ފަތުރާ އަދި ފަތުރަމުން ދާ މިފަދަ ދޮގު ވާހަކަތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަމެވެ. ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ، ހަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރާ ސިޔާސީ މަޤްޞަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި މުޖުތަމަޢު ފަސާދަ ކުރުމަށްއޮތް ލައިސަންސެއް ކަމަށް ދެކި، މިފަދަ ޢަމަލު ތައް ތަކުރާރު ކުރާފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެއެވެ.
- ޤާސިމް އިބްރާހީމް / ވިލާ ގްރޫޕުގެ ޗެއާމަން، މާމިގިލި ދާއިރާގެ މެންބަރު
5 މާރިޗް 2025 ދުވަހުގެ ‘’ ދިޔަވަރު.ކޮމް’’ ނަމުގައި ހިންގާ އޮންލައިންނޫހެއްގައި، ރޯޔަލް އައިލެންޑުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، މަޖިލީސް ނާއިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން ނަމުގައި، ޢަޒީޒު ޢާމިރު ނަމުގައި ލިޔެފައިވާ…
— Qasim Ibrahim (@qasimibrahim) March 7, 2025