މާލޭގެ ގެއެއް ބަލާ ފާސްކޮށް ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެދަށް ގެންގޮސްފިއެވެ. މިއީ އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނާގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މއ. ހިތިލާގެ 2 ގައެވެ. އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު ރިޕޯޓުގައިވާ ގޮތުން، މި ގޭގައި އާންމުކޮށް ގަނޑުކުރި މަސް، ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައި ކުރަމުން ގެންދިޔައެވެ. އަދި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރުވެސް މި އިމާރާތަށް ގެންދާކަމަށާއި، މެންދުރު ކާގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރީ ކުރަން އެ އިމާރާތުން މީހުން ނިކުންނަ މަންޒަރާއި ޑެލިވަރީ ކުރަން ބޭނުންކުރާ ސައިކަލުތައް އެތަނުގައި ހުންނަކަމަށް ފާހަގަކޮށްފައިވެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އިތުރަުން އިތުރަށް ހާމަކުރިގޮތުގައި، މި ތަނަކީ ގިނަ ބަޔަކަށް ކައްކާތަނެއްގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް ދިރިއުޅެމުންދިޔަ ތަނެކެވެ. ޑެގު އަޅައިގެން ހަދާފައިވާ 4 ފަންގިފިލާގެ މި އިމާރާތުގައި ޖުމްލަ 76 ބިދޭސީން ދިރިއުޅެމުން ދިޔައެވެ.
މި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވުނު 32 މީހުންގެ ތެރޭގައި ހިމެނެނީ ސައްހަ ވިސާނެތި އުޅެމުންދިޔަ މީހުންނާއި، ވަޒީފާދިން ފަރާތަށް ފިލައިގެން އުޅެމުންދިޔަ މީހުންނެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ދަނީ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅުމާއި، އެމީހުންނަށް ހިޔާވަހިކަން ދިނުމާ ގުޅޭގޮތުން އާންމުންގެ ފަރާތުން ލިބޭ މަޢުލޫމާތުތަކަށް ފުރިހަމައަށް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.