ދުނިޔޭގައި އުޅެމުން އަންނައިރު ގިނަ ބައަކަށް އާދަވެފައި ތިބެނީ ތިމާއަށް ނުރަނގަޅު ކަމެއް ކުރިމަތިވެއްޖެނަމަ ކޮންމެވެސް މީހަކު ކުށްވެރިކުރުމަށެވެ. ދެރަގޮތެއް މެދުވެރިވެއްޖެނަމަ އެކަންވެސް ކުށްވެރިކުރާށެވެ!
އެންމެ ރަނގަޅެވެ! ނުބައި މަރަކުން މަރުވާންޖެހިއްޖެ ނަމަ ކުށްވެރިކުރާނީ ތިމާގެ ފުރާނަ ހިއްޕެވި މަލާއިކަތުން ހެއްޔެވެ؟ ނޫނީ މަލާއިކަތުން ފުރާނަ ހިއްޕެވި ގޮތް ހެއްޔެވެ؟ ހަމަޤައިމުވެސް އެކަމެއް ނުކުރެވޭނެއެވެ.
ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވެވޭނެ ގޮތާއި އެކަމަށް އެދިގެން ކުރަންވީ ކަންކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެކަންކަން ނުއެނގޭ މުސްލިމަކު ނުހުންނާނެއެވެ.
ﷲ ތަޢަލާއަށް ބިރުވެތިވެ ހެޔޮލަފާ ގޮތުގައި ދުނިޔޭގައި އުޅުނު މީހުންގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ފައިބައިވަޑައިގަންނަވާނީވެސް ސުވަރުގޭގެ ފޭރާމާއި ހުވަނދު ހިއްޕަވައިގެންނެވެ. އޭނާގެ ފުރާނަ ހިއްޕެވުމަށްފަހު ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާނީވެސް ޢިއްޒަތާއި ޝަރަފާއިއެކުގައެވެ. އެފުރާނަ އަނބުރައި ބިމަށް ފޮނުއްވަވާނީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތް ލިބިގެންވާ ޙާލުގައެވެ. ކައްވަޅުގައިވެސް އަދި ޤިޔާމަްތދުވަހުވެސް އެފުރާނައަށް އޮތީ ހެޔޮ ރަޙްމަތެވެ. އެފުރާނައަށް ޚާއްޞަވެގެންވާ މަންޒިލަކީ ސުވަރުގެއެވެ. އިން ޝާ ﷲ
ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރަގަސްދީ ދުނިޔޭގައި އުޅުނުނަމަ ކަންކަން މެދުވެރިކުރައްވަވާނީ މިބުނެވުނު ގޮތާއި މުޅިން އިދިކޮޅަށެވެ. ފުރާނަ ހިއްޕަވާނީވެސް އިންތިހާއަށް ވޭންހުރި ގޮތުގައެވެ. ކައްވަޅުގައިވެސް ލިބޭނީ ޢަޛާބެވެ. ޤިޔާމަތް ދުވަހު ޢޭނާގެ މަންޒިލަކަށްވާނީ ނަރަކަކަން ވަޙީބަސްފުޅުތަކުން އެނގެން އެބައޮތެވެ.
ލޮބުވެތި އެކުވެރިންނޭވެ! އަވަހަށް ހޭލުންތެރިވަމާ ހިނގާށެވެ! ޢަމަލުތައް އިޞްލާޙްކުރަމާ ހިނގާށެވެ! ސުވަރުގެ ދެއްވަވާތޯ ގަދައަޅައި ަމސައްކަތްކުރަމާ ހިނގާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން