އަހުރެން މިބަސް މިބުނަނީ ނިކަމެތި ވަރަށް ނިކަމެތި ޙާލުގައި އުޅެމުންދާ އެންމެންގެ ޙައްޤުގައެވެ. ބޮޑެތި އަނިޔާތައް ތަޙައްމަލް ކުރަމުންދާ އެންމެންގެ ޙައްޤުގައެވެ. އަމިއްލަ ދިރިއުޅުމުގައި ބޮޑެތި އަނިޔާތައް ލިބެމުން އަންނަ އެންމެންގެ ޙައްޤުގައެވެ.
ލިބޭއަނިޔާއަށް ނުބަލާށެވެ! އެއީ ގައިގައި އަލިފާން ފަދަ ހޫނު އެއްޗެއް ޖެއްސުން ކަމަށްވީނަމަވެސްމެއެވެ. ﷲ އަށްޓަކާ ކެތްތެރިވެ ޘާބިތުވެއްޖެ މީހެއްޖެ މީހަކަށް މިދުނިޔޭގައިވެސް އެންމެ މަތީ ދަރަޖައާއި ހިތްހަމަޖެހުން ދެއްވަވާނެތެވެ. ޘާބިތުކަންވެސް ދެއްވަވާނެތެވެ.
އެކަމުގެ އެންމެ ފުރިހަމަ ހެކި ފެންނަން އޮތް އެއްކަމަކީ ބިލާލުގެފާނުގެ ސިޔަރަތެވެ. ބިލާލްގެފާނުގެ ހަށިކޮޅުގައި އެތައް ދުވަހަކު އެތައް ފަހަރަކު އަލިފާން ނުޖައްސާހެއްޔެވެ؟ ހަތަރެސްފައި ބަނދެ ގަދައަވީގައި ނުބާއްވާ ހެއްޔެވެ؟ ހިލައިން ހަށިކޮޅުގައި ނުތަޅާހެއްޔެވެ؟
ޙަރަމްފުޅުގެ އެންމެ މައްޗަށް އަރުއްވަވައި ބަންގިގޮވާލެއްވުމުގެ ޝަރަފް ފުރަތަމަ ލިބިވަޑައިގަތީ ބިލާލުގެފާނަށް ނޫންހެއްޔެވެ؟ އެއިގެ އިތުރުން މަސްޖިދުއްނަބަވީއާއި މަސްޖިދުލް އަޤްޞާގައިވެސް ބަންގި ގޮވުމުގެ މަތިވެރި ޝަރަފް ބިލާލްގެފާނަށް ލިބިވަޑައިނުގަންނަވާ ހެއްޔެވެ؟ ދުނިޔޭގައި ހުންނަވަނިކޮށް ބިލާލްގެފާނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިނުގަންނަވާހެއްޔެވެ؟ މީހަކަށް އިތުރަށް ބޭނުންވާނީ ކޮންކަމެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ﷲ ތަޢާލާގެ މަގުގައި ޘާބިތުވެއްޖެނަމަ އެމީހަކަށް ހަމަ މިހާރުވެސް އެފަދަ މަތިވެރިކަން ދެއްވަވާނެތެވެ. ހިތްހަމަޖެހުންވެސް ދެއްވަވާނެތެވެ. އަދި ޤިޔާމަތް ދުވަހު އެންމެ ބޮޑު އުފާވެރިކަން ދެއްވަވާނެތެވެ. އެއީ ސުވަރުގެ ވެއްދެވުމެވެ. އިން ޝާ ﷲ
މިމޭރުމުން ކުރީރެއަކު ވާހަކަ ދެއްކުމުން އަންހެނަކު ކުރި ސުވާލެކެވެ. ފިރިމީހާގެ ކިބައިން ބޮޑެތި އަނިޔާތައް ލިބެމުން އަންނައިރުވެސް އޮތީ ހަމަ ކެތްތެރިވުން ހެއްޔެވެ؟ އަހުރެން ބުނީމެވެ. އެއްވެސް ޙާލެއްގައި ކެތްތެރިވާން މިބުނަނީ އަނިޔާ ލިބިލިބި ހުރުމަކަށް ނޫނެވެ. އަނިޔާ ލިބިލިބި ހުރުމަކަށް ﷲ ތަޢާލާ އަންގަވާފައެއްވެސް ނެތެވެ. ނަމަވެސް އެޙާލަތުގައިވެސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވާންވާނެއެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ދެއްވަވާނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން