ބަލިޙާލުގައިވާ ނިކަމެތިންނަށް އެހީތެރިވުމަކީ ހިތަށްވެސް ނުގެނެވޭވަރުގެ ބޮޑެތި ނިޢުމަތްތައް މިންވަރުކުރައްވަވާ ކަމެއްކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 3ސ
ބަލިޙާލުގައިވާ ނިކަމެތިންނަށް އެހީތެރިވުމަކީ ހިތަށްވެސް ނުގެނެވޭވަރުގެ ބޮޑެތި ނިޢުމަތްތައް މިންވަރުކުރައްވަވާ ކަމެއްކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

އެއީ ކޮލެޖު ނިންމާފައި ނުކުމެ ވަޒީފާއެއް ހޯދަމުން ދިއަ ދުވަސްވަރެވެ. ކޮންމެ ދުވަހަކުވެސް އެތައް ބައިވަރު ތަންތަނަށް ސިޓީލަމެވެ. ނަމަވެސް ވަޒީފާއެއް ލިބޭނެ ގޮތެއް ނުވެގެން އުޅެނިކޮށް މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. އެއިރަކީ ރާއްޖޭގެ ޞިއްހީ ދާއިރާ މިހައި ކުރިއަށް އަރައިގެންގޮސްފައިވާ އިރެއް ނޫނެވެ. ހޮސްޕިޓަލްތައް ތަރައްޤީވަމުން އައި ދުވަސްވަރެވެ. އެހެންކަމުން ކިރިޔާ ކަމެއް ޖެހުނަސް ޖެހޭނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާށެވެ. 

އަޅުގަނޑުމެންނަކީ ތަނަވަސްކަން ހުރިބައެއް ނޫނެވެ. އެހެންވީމާ ބޭރަށް ދެވޭނެ ގޮތެއް ނެތިގެން އުޅެންޖެހުނީ އެކަމާއިއެވެ. ވަޒީފާއަށް އެދި ސިޓީލައި އިންޓަރވިޔުއެއް ލިބޭތޯ ހިނގޭތޯ ހިނގުމުގެ ބަދަލުގައި ޖެހުނީ މަންމަގެ ބޭސްފަރުވާއަށް އެހީތެރިކަމެއް ލިބޭތޯ ސިޓީލައި އެސިޓީތަކުގެ ޖަވާބު ހޯދަން ހިނގާށެވެ. 

އެއިރު ޢުމުރަކީ 20 އަހަރެވެ. އެހެންނަމަވެސް ލަދެއް ނެތި ސަލާންޖަހަމުން ހިނގީމެވެ. އެހެން އުޅުމުގެ ތެރޭގައި ސްކޫލްދައުރުގެ އެކުވެރިއަކާއި ބައްދަލުވެ ޙާލުގެވާހަކައިން ސުވާލުކުރީމާ ޙާލަތު ކިޔައިދިނީމެވެ. 

އޭނާ އަޅުގަނޑު ގޮވައިގެންދިއައީ އޭނާގެ ބައްޕަގެ ގާތަށެވެ. އެއިރު އޭނާއަކީ ތަނަވަސް މީހެކެވެ. ދަރިފުޅު އެދޭއިރަށް އަޅުގަނޑުގެ މަންމަގެ ބޭސްފަރުވާއަށް އެހީތެރިވެދިނެވެ. ސްރީލަންކާއަށް ފޮނުވައިދިނެވެ. ބޭސްފަރުވާކޮށްދިނެވެ. މަންމައަށް ޝިފާވެސް ލިބުނެވެ. 

އެއިގެ 15 އަހަރުފަހެވެ. އަޅުގަނޑު ހުރީ ބޭންކެއްގެ އިސް ވަޒީފާއެއްގައެވެ. ލޯނު ނުދައްކައިގެން ރަޙުނުކޮށްފައިވާ ގެ ވިއްކާލަން އަޅުގަނޑާއިހަމައަށް ގެނައި މައްސަލތަކުގައި ހިމެނޭ މީހުންނާއި އަޅުގަނޑު ބައްދަލުކުރީމެވެ. އެއީ ގެ ވިއްކާނުލައި ދެކޮޅު ޖެއްސޭނެ ގޮތެއް އޮތްތޯ ބަލައި އެންމެ ފަހުގެ ނިންމުން ނިންމުމަށެވެ. 

އެގޮތުން ބައްދަލުކުރަންޖެހުނު އެކަކު ފެނުމުން އަޅުގަނޑު ދިއައީ ސިއްސައިގެންނެވެ. އޭނާއަކަށް އަޅުގަނޑެއް ނުއެނގުނެވެ. ނަމަވެސް އެއީ ކާކުކަން އަޅުގަނޑަށް އެނގުނެވެ. އެއީ އަޅުގަނޑުގެ މަންމަ ބަލިޙާލުގައި އުޅެނިކޮށް ފުރާނަ ސަލާމަތްކުރަން އެހީތެރިވެދިން މީހާއެވެ. އެހެންވެ އަޅުގަނޑަށް އޭނާ އާއި ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ. 

އެހެންވެ ބައްދަލުކުރުން އެހެން ދުވަހަކަށް ބަދަލުކުރީކަމަށާއި ދުވަހެއް ފަހުން އަންގާނެ ކަމަށް ބުނެފައި ފޮނުވައިލީމެވެ. ޖެހިގެން އައި ދުވަހު އޭނާގެ ދަރިފުޅަށް ގުޅައި ބައްޕަގެ ވިޔަފާރިއަށް ވެގެންއުޅޭ ގޮތަކާއިމެދު ސުވާލުކުރުމުން ކިޔައިދިނެވެ. 

"ބައްޕަ އެކުވެރިއަކަށް އިތުބާރުކޮށްފައި ފައިސާތަކެއް ދިނީއެވެ. އެއްވެސް އެއްޗެއް ރަހުނެއް ނުކުރެއެވެ. ނަތީޖާއަކަށްވީ 3 މަސްދުވަހުން އަދާކުރަން އެއްބަސްވި ދަރަނި އަދާނުކޮށް ދިގުލައިގެންގޮސް ބައްޕަގެ ވިޔަފާރިއަށް ގެއްލުންވީއެވެ. ބައްޕަ އޭނާއަށް ދިނީ ބޭންކުގެ ލޯނަކުން ލިބިފައިހުރި ފައިސާއެވެ. ބައްޕަ ބޭންކަށް ދައްކަމުންގޮސް އަތްމަތި އެކުގައި ހުސްވީއެވެ." 

އެގެއްލުން ދިނީ ކާކުތޯ ބެލިއިރު އެއީވެސް ހަމަ ބޭންކުގެ ކްލައިންޓެކެވެ. އަޅުގަނޑު އޭނާ އާއި ބައްދަލުކޮށްފައި ބުނީމެވެ. "މީހަކު ކަލެއަށް އެހީތެރިވީމާ އޭނާ އިނދަޖައްސާލައި ގެދޮރު ވިއްކާލަން ޖައްސަން ކުރުނު މީހަކަށް ބޭންކަށް ކިތަންމެ ބޮޑު ލަނޑެއްވެސް ދޭންކެރޭނެއެވެ. މިހާރުވެސް ކަލޭގެ އަތުގައި ކޮންމެވެސް ވަރަކަށް ފައިސާ އެބަހުއްޓެވެ. މޯގޭޖްކުރާނެ ގެދޮރުވެސް އެބަހުއްޓެވެ. ވީމާ އޭނާގެ އަތުން ނަގައިގެން ތިއައުޅޭ ފައިސާ އާއި އެފައިސާގެ އިންޓަރެސްޓާއި ކަލޭ ޙަވާލުވާށެވެ. ނޫންނަމަ ބޭންކުން ކަލެއަށް ކުރާ އިތުބާރަށް ބަދަލުތަކެއް އަންނާނެއެވެ. އެއިރުން ވާނެ ގޮތް އެނގޭ ނޫންހެއްޔެވެ؟" 

ބޮޑާހާކަހާކައިފައިވެސް އޭނާ އެކަމަށް އެއްބަސްވުމުން އޭނާގެ މައްޗަށް ލޯނު ބަދަލުކޮށްފައި އެކުވެރިޔާގެ ބައްޕައަށް އެކަމުން ސަލާމަތްވެވޭނެ މަގު ހޯދައިދިނީމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ އޭނާ ނަގައި ކޮޅަށް ޖަހައިދިނީމެވެ. 

އެކަންކަން ހަމަޖެހުމުން އެކުވެރިޔާ އަޅުގަނޑަށް ކަންކަން ކޮށްދޭން އުޅުމުން ބުނީމެވެ. "އަހަރެން ކޮށްދިނީ އެއްވެސް ހެޔޮކަމެއް ނޫނެވެ. ކަމުގެ ޙަޤީޤަތް އެނގުމުން އަހަރެން އަދާކުރީ ވަޒީފާގެ ޒިންމާއެވެ. އެޒިންމާ އަދާކުރުމަކީ އަހަރެންގެ މަސްއޫލިއްޔަތެކެވެ. އެކަމަށް އެއްވެސް ބަދަލެއް ނުތަ ހަދިޔާއެއް ދޭކަށް ނުޖެހޭނެއެވެ. އެހެނެއްކަމަކު އެދުވަހު އެކުވެރިޔާގެ ބައްޕަ އަހަރެންގެ މަންމައަށް ފޯރުކޮށްދިނީ އެހީތެރިކަމެވެ. އަކަމަށްޓަކައި އަބަދުވެސް ތިއަ ދެބަފައިންނަށް ހެޔޮދުޢާކުރާނަމެވެ." 

އަޅުގަނޑު މިކިޔައިދިނީ ކުޑަކޮށް ތަފާތު ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ މީހަކު ހެޔޮކަމެއް ކޮށްދީފިނަމަ އެކަމަށް އަބަދުވެސް ޝުކުރުވެރިވެ ބަދަލުގައި ހެޔޮކަމެއް ކޮށްދޭން މަސައްކަތްކުރަންވާނެއެވެ. ހަމައެއާއިއެކު މަކަރުވެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ މިއަދު މަކަރުހަދައި ތިމާއަށް އެހީތެރިވެދޭ މީހުންގެ ދުވަސް ދުއްވައިލެވިދާނެއެވެ. ނަމަވެސް އެކަން މާނުބައިކޮށް އައިސް އެމީހަކާއި އަރައިހަމަކުރާނެ ދުވަސް އަންނާނެއެވެ. 

އަޅުގަނޑު މިބުނި މަކަރުވެރިޔާ އެތައް ބައަކަށް ބޮޑެތި މަކަރުތައް ހަދަމުން މީސްމީހުންގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދައި އަނބުރާ ނުދީ އުޅެން ހަދައިގެން އޭނާގެ ވިޔަފާރި މިހާރުވަނީ ހުލިވެފައެވެ. 2 ގެ ހުރީތީ 2 ގެ ވެސް ވިއްކާލައި މިހާރު އުޅެނީ ކުއްޔަށެވެ. އަބަދުހެން އޮންނަނީ ކުލި ނުދެއްކޭކަމުގެ މައްސަލަތައް ކުރިމަތިވެފައެވެ. މިހާރު ސަލާންޖެހިނަމަވެސް އޭނާއަށް ފައިސާދޭނެ މީހަކުވެސް ނުވެއެވެ. އެކަން އެނގެނީ އޭނާގެ އަނބިމީހާގެ ކިބައިންނެވެ. 

މިހިރީ ޢިބްރަތް ޙާޞިލުކުރުން ރަނގަޅު ފިލާވަޅުތަކެވެ. 

- ރަޒިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން