ޚަދީޖަތުގެފާނު 8: މާތް ރަސޫލާ ޞޢޥ ޙިރާ ފަރުބަދައިގައި އިންނެވި ދުވަސްވަރު ޚަދީޖަތުގެފާނު ބޭފުޅުން ތަރްބިޔަތު ކުރައްވައި ގެކޮޅުގެ ކަންތައް އިންތިޒާމު ކުރެއްވި

ކިޔުމަށް ހޭދަވާނީ 11މ 3ސ
ޚަދީޖަތުގެފާނު 8: މާތް ރަސޫލާ ޞޢޥ ޙިރާ ފަރުބަދައިގައި އިންނެވި ދުވަސްވަރު ޚަދީޖަތުގެފާނު ބޭފުޅުން ތަރްބިޔަތު ކުރައްވައި ގެކޮޅުގެ ކަންތައް އިންތިޒާމު ކުރެއްވި

ޢަލީ އިހްޞާން ފިރާޤް

 

ހިރާފަރުބަދައިގެ ހޮހޮޅަ: 

ނަބިއްޔާ صلّى اللّـه عليه وسلّم، ނަބީކަމާއި ރަސޫލުކަމުގެ މަތިވެރި މަސްޢޫލިއްޔަތު ޙަވާލު ކުރައްވައި ފޮނުއްވުމުގެ މަދު އަހަރުތަކެއް ކުރީން މައްކާގެ ރަށްބޭރުގައިވާ ޙިރާ ފަރުބަދައިގައި ދުވަސްތައް ހޭދަކުރައްވަން ފެއްޓެވިއެވެ. ފަރީކޮޅު ހިއްޕަވައިގެން ވަޑައިގަންނަވައި، ޙިރާ ފަރުބަދައިގައި، އެކަލޭގެފާނު މުޅި ދުވަސް ހޭދަ ކުރައްވައެވެ. ބައެއް ފަހަރު أمّ المؤمنين السّيدة خديجة رضى الله عنها ވެސް އެކަލޭގެފާނާއެކު ޙިރާ ފަރުބަދައަށް ވަޑައިގެން އިންނަވެއެވެ. 

ޙިރާ ފަރުބަދައިގެ ހޮހޮޅައިގައި އިންނަވައިގެން ނަބިއްޔާ صلّى اللّـه عليه وسلّم، ދުނިޔޭގެ ކަންތައްތަކާ ފިކުރުފުޅު ކުރައްވައި ހައްދަވައެވެ. ކާއިނާތުގެ ކަންތައްތަކާ ވިސްނާވަޑައިގެން ފިކުރުފުޅު ކުރައްވައި ހައްދަވައެވެ. އެތަނުގެ ކައިރިންދާ މުހުތާދުވެރިންނަށް ކާންދެއްވައި ހައްދަވައެވެ. ފަރީކުޅުއްވާ ތަކެތި ހުސްވުމުން އެނބުރި أمّ المؤمنين السّيدة خديجة رضى الله عنها ގެ ގަނޑުވަރަށް ވަޑައިގަންނަވައެވެ. އެއަށްފަހު އަނެއްކާވެސް، ފަރީއްކުޅުއްވާ ތެކެތި ހިއްޕަވައިގެން އެނބުރި ޙިރާ ފަރުބަދައަށް ވަޑައިގަންނަވައެވެ. 

ނަބިއްޔާ صلّى اللّـه عليه وسلّم، ޙިރާ ފަރުބަދައިގެ ހޮހޮޅައިގައި އިންނެވުން ފަހުން އައިސް ގިނަ ކުރެއްވިއެވެ. އެދުވަސްވަރުގައި أمّ المؤمنين السّيدة خديجة رضى الله عنها ގެކޮޅުގެ ކަންތައްތައް އިންތިޒާމު ކުރައްވައި، ވަރަށް ރަނގަޅަށް ބޭފުޅުން ތަރުބިއްޔަތު ކުރައްވަމުން ގެންދެވިއެވެ. އޭރު މައްކާގައި އަންހެންކުދީން ވަރަށް ޅައުމުރުގައި ކާވެނި ކުރެއެވެ. ބާލިޣު އުމުރަށް ފޯރުމާއެކު އެކުދީންގެ ކާވެނި ކުރެވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم، އާއި، أمّ المؤمنين السّيدة خديجة رضى الله عنها ގެ ދޮށީ ދަރިކަނބަލުން زينب ގެފާނު ފިރިފުރާވަރަށް އަރައި ވަޑައިގަތުމުން އެކަމަނާގެ ބޮޑުދައިތާފުޅު هَالَةُ بنت خُوَيْلِد އޭނާގެ ދަރިކަލުން أبو العاص بن الربيع އާ އެކަމަނާގެ ކައިވެނިފުޅު ކުރެއްވުމުގެ ޝައުޤުވެރިކަން ފާޅު ކުރެއްވިއެވެ. أبو العاص بن الربيع އަކީ، މައްކާގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. أمّ المؤمنين السّيدة خديجة رضى الله عنها މިކާވެނީގެ ވާހަކަ ނަބިއްޔާ صلّى اللّـه عليه وسلّم، އާ ދެއްކެވުމުން އެކަލޭގެފާނު އެކަމާ ނުހަނު ޤަބޫލުފުޅު ވެޑައިގެންނެވިއެވެ. 

ސީރަތުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި، السّيدة زينب رضى الله عنها  އުފަންވެވަޑައިގެންފައިވަނީ، ނަބިއްޔާ صلّى اللّـه عليه وسلّم ރަސޫލުކަމައިގެން ފޮނުއްވުމުގެ ދިހަ އަހަރު ކުރީންނެވެ. އެކަމަނާގެ ކައިވެނިފުޅު ކުރެވިގެން ދިޔައީ ރަސޫލާ صلّى اللّـه عليه وسلّم، ރަސޫލުކަމައިގެން ފޮނުއްވުމަށްފަހު ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. السّيدة زينب رضى الله عنها  އާއި،أبو العاص بن الربيع ގެ ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކުދެކެ އިންތިހާއަށް ލޯބިފުޅު ކުރައްވައެވެ. ދެބޭކަނބަލުންގެ ޙަޔާތްޕުޅުގައި ދިމާވިގޮތަކުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެބޭފުޅުން ވަކިން އުޅުއްވަން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް،أبو العاص بن الربيع ވެސް، އިތުރު ކާވެނިފުޅެއް ނުކުރައްވައި ހުންނެވީއެވެ. މިވާހަކައިގެ ތަފްސީލު އަދި ފަހުން އެބަ އާދެއެވެ. 

السّيدة زينب رضى الله عنها  އާ ޖެހިގެން ދެން ތިއްބެވީ، السّيدة أمّ كُلثُوم رضى الله عنها  އާއި، السّيدة رُقيّة رضى الله عنها އެވެ. މީގެ ތެރެއިން السّيدة أمّ كُلثُوم رضى الله عنها  ގެ ކާވެނިފުޅު ކުރެވުނީ، ނަބިއްޔާގެ ބައްޕާފުޅު ފަރާތްޕުޅުގެ ބޮޑުބޭބޭފުޅު أبو لهب ގެ ދަރި عُتيبة بن أبي لهـب އާއެވެ. السّيدة رُقيّة رضى الله عنها ގެ ކާވެނިފުޅު ކުރެވިގެން ދިޔައީ، أبو لهب ގެ އަނެއްދަރި، عتبة بن أبي لهب އާއެވެ. މިކާވެނިފުޅު ކުރެވުނު ދުވަސްވަރު السّيدة أمّ كُلثُوم رضى الله عنها  އާއި، السّيدة رُقيّة رضى الله عنها އަކީ، ބާލިޣުވެވަޑައިނުގަންނަވާ ތުއްޕުޅު ދެބޭފުޅުން ކަމުގައި ވުމުން އޭގެ ދެބޭފުޅުން ތިއްބެވީ މައިކަނބަލުންގެ އަރިހުގައެވެ. 

މިދެންނެވި ތިންބޭފުޅުންގެ ކައިވެނީގެ ކަންތައްތައް ހަމަޖެހި ނިމިގެން ދިޔަ ދުވަސްވަރަކީ، السّيدة فاطمة رضى الله عنها  ގެ ތުއްޕުޅު ދުވަސްވަރެވެ. އެހެން ކަމުން އެކަމަނާ ކާވެނިފުޅު ނުބައްލަވައި އިންނެވީއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم އަށް عبدالله އޭ ކިޔުނު ދަރިކަލުން ލިބިވަޑައިގެންނެވީ އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމުގެ ފަހުންނެވެ. އެ ދަރިކަލުންނަށް الطيّب އާއި الطَّاهر އޭވެސް ކިޔާ އުޅެއެވެ. އެދަރިކަލުން ލިބިވަޑައިގެން މާގިނަ ދުވަސްތަކެއް ނުވަނީ އެދަރިކަލުން އަވަހާރަވެއްޖެއެވެ.

ނުބުއްވަތުގެ ތަޖުރިބާ: 

ރަސޫލާ صلّى اللّـه عليه وسلّم، ގެ އުމުރުފުޅުން ސާޅީސް އަހަރުފުޅު ފުރިހަމަ ވެވަޑައިގެންނެވުމުން އެކަލޭގެފާނަށް ނުބުއްވަތު ބައެއް ކަންތައްތައް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެގޮތުން ރޭގަނޑު އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ހުވަފެންފުޅުތައް ދުވާލުގެ ވަގުތުގައި، ސީދާ ސީދަލަށް ފެނިވަޑައިގަންނަވައެވެ. މިކަންތައްތައް ހަމަސް ދުވަހުގެ މުއްދަތަކަށް ދެމިގެން ދިޔައެވެ. 

أمّ المؤمنين السّيدة عائِشة رضى الله عنها  ގެ އަރިހުން ރިވާވެގެންވާ ގޮތުގައި، ރަސޫލާ صلّى اللّـه عليه وسلّم، އަށް ވަޙީ ބާއްވައި ލައްވަން ފެއްޓެވުނީ އެންމެ ފުރަތަމަ ތެދު ހުވަފެންފުޅު ތަކަކުންނެވެ. އެދުވަސްވަރު އެކަލޭގެފާނު މީސްތަކުންނާއި އެކަހެރިވެވަޑައިގެން މުޅިން ހެންވެސް އިންނެވީ ޙިރާ ފަރުބަދައިގެ ހޮހޮޅައިގައެވެ. ގެކޮޅަށް ވަޑައިނުގެން ޙިރާފަރުބަދައިގެ ހޮހޮޅައިގައި، އެކަލޭގެފާނު ވަރަށް ގިނަ ވަގުތުވަންދެން ކަންތައްތަކާމެދު ފިކުރުފުޅު ކުރައްވަން އިންނަވައެވެ. ކައުނަބިއްޔާ ރަސޫލުކަމައިގެން ފޮނުއްވުނީ މިދެންނެވި ދުވަސްވަރުގައެވެ. 

ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. ތިމަންކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީން، މައްކާގައި ތިމަންކަލޭގެފާނަށް ސަލާމްކުރާ ހިލައެއް ތިމަންކަލޭގެފާނު ދެނެލައްވަމެވެ. މިހާރުވެސް ތިމަންކަލޭގެފާނަށް އެ ހިލަ ވަކިކުރަން އެނގިވަޑައިގަންނަވައެވެ.

އިތުރު އެހެން ރިވާޔަތެއްގައިވެއެވެ. މައްކާގެ ވާދީތަކުގެ ތެރެއިން ރަސޫލާ صلّى اللّـه عليه وسلّم، އަށް ދެ މަލާއިކަތްބޭކަލުންނާ ބައްދަލުވެވަޑައިގެންނެވިއެވެ. އެތަނުން އެއްމަލާއިކަތަކު،މުޙައްމަދުގެފާނު އެމަލާއިކަތްބޭކަލަކުގެ ގައިކޮޅުގައި ލައްކޮށްލެއްވިއެވެ. އެއަށްފަހު، އެކަލޭގެފާނުގެ މޭފުޅުއިރުއްވައި، އެކަލޭގެފާނުގެ ހިތްޕުޅުން ޝައިޠާނާގެ ބައިވަރު ނަންނަވައި، އެކަލޭގެފާނުގެ ހިތްޕުޅު ދޮންނެވިއެވެ. ދެން އެއަށްފަހު، މޭފުޅު އިހު ހުރިހެން ހައްދަވައިފިއެވެ. ނަބިއްޔާ މިދެންނެވި ޙާދިސާ އެކަލޭގެފާނުގެ ލޯފުޅުން ދެކެވަޑައިގެންނެވިއެވެ. 

ރިވާވެގެންވާ ގޮތުގައި، ނަބިއްޔާ صلّى اللّـه عليه وسلّم، أمّ المؤمنين السّيدة خديجة رضى الله عنها އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ މޭފުޅު އިރުއްވި ވާހަކަ ވިދާޅުވެ ދެއްވިއެވެ. މިވާހަކަފުޅު އަޑު އައްސަވައި، أمّ المؤمنين السّيدة خديجة رضى الله عنها ވަރަށް އުފާފުޅު ކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "މާތް ﷲ ގަންދެމެވެ. އުފާފުޅު ކުރައްވާށެވެ. ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމަށް ގާތްވެގެންވެއެވެ." ރަސޫލާ صلّى اللّـه عليه وسلّم، ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް ނޫރެއް ފެނިވަޑައިގަންނަވައެވެ. އަދި އަޑުފުޅެއް އިވިވަޑައިގަންވައެވެ. ތިމަންކަލޭގެފާނަށް މިވަނީ ކީއްތޯ ތިމަންކަލޭގެފާނު ވިސްނާވަޑައިގަންނަވަމުން ގެންދަމެވެ." أمّ المؤمنين السّيدة خديجة رضى الله عنها ވިދާޅުވިއެވެ. "އޭ ޢިބްނު ޢަބްދުﷲ އެވެ. މާތް ﷲ ކަލޭގެފާނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ." 

ދެން، أمّ المؤمنين السّيدة خديجة رضى الله عنها ، ރަސޫލާ صلّى اللّـه عليه وسلّم، ގޮވައިގެން ވަޑައިގެންނެވީ، ورقة بن نوفل ގެ އަރިހަށެވެ. އޭނާ ގާތަށް ވަޑައިގެން ނަބިއްޔާގެ ޙާލުކޮޅު ތަފްސީލުކޮށް ވިދާޅުވެ ދެއްވިއެވެ. އޭނާ ބުންޏެވެ. "ކަލޭގެފާނު ތިޔަ ވިދާޅުވަނީ ތެދު ކަމުގައިވާނަމަ، ކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވަނީ މޫސާގެފާނުގެ އަރިހަށް ވަޑައިގަންނަވާ މަލާއިކަތާއެވެ. އަހަރެންގެ ޙަޔާތުގައި އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވައިފިނަމަ، އަހަރެން އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވާނަމެވެ."

ނުނިމޭ 

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.

 

މިއަދު އޮންލައިން