އެގެއެއްގައި ޤުރްއާން ކިޔަވައި ނަމާދުކޮށް އަދި ޛިކުރުކޮށް ހެޔޮ ޢަމަލުތައް ކުރާނަމަ އެގެއަކަށް ރަޙްމަތުގެ މަލާއިކަތުންގެ ބޮޑެތި ފައުޖުތައް ވަދެވަޑައިގަންނަވާ އުޞޫލުން ގޭގަ ވިޔަސް ތަނެއްގައިވިޔަސް މިޔުޒިކް ކުޅެ ނުވަތަ އަޑުއަހާނަމަ އެތަނެއްގައި ޝައިޠޯނުންގެ ފައުޖުތައް މަޑުކޮށް އުފާކުރާނެއެވެ.
ހަމައެއާއިއެކު އެތަނެއްގައި ޝައިޠޯނުން ވަނިކޮށް އެތަނަކަށް މަލާއިކަތުން ވަދެވަޑައެއް ނުގަންނަވާނެއެވެ. ޝައިޠޯނުން ވަދެ ބަނޑަހަޖަހާނީ ޝައިޠޯނުން އުފާވާފަދަ ކަންކަން ކުރާ ތަންތަނުގައެވެ. ގޭގޭގައެވެ. ވީމާ ތިބާގެ ހަދަން ބޭނުންވަނީ ކޮންކަހަލަ މަރުކަޒަކަށްކަން ކަނޑައަޅާނީ ތިބާއެވެ!
މިޔުޒިކާއިމެދު ދެނެގަންނާށެވެ!:
މިހިސާބުން މިބަލާލަނީ ލަވަޔާއި މިއުޒިކަކީ ހުއްދައެއްޗެކޭ ބުނާ ބައެއްގެ ވާހަކަޔަށެވެ. އެބޭފުޅުންނަށް ދަންނަވާލަން އޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތުންނާއި، އެކަލާނގެ ރަސޫލާ ﷺ ގެ ސުންނަތުން ނާއި މިއުންމަތުގެ ކުރިޔާ ފަހުގެ ޢިލްމުވެރިންނާ އިމާމުންގެ ބަސްފުޅުތަކުން މިއީ ހުއްދަ ކަމެއް ނޫންކަމަށް ގެނެސް ދެވުނު ދަލީލިތައް މަދު ތޯއެވެ؟ އެދަލީލު ތަކުގެ މައްޗަށް ބާރު ގަދަވާނޭ ދަލީލު ތަކެއް ނިކަން ގެންނަވާށެވެ.
ފަހެ އިހުގެ ޢިލްމު ވެރިންގެ ތެރެއިން އަލް ޤާޟީ އަބޫބަކްރުބިން އަލް ޢަރަބީ އާއި، އަލް އިމާމް އިބްނު ޙަޒްމު ރަޙިމަ ހުމަﷲ އާއި ދެބޭކަލުންގެ ބަސްފުޅުނޫން އެއްޗެއް ތިޔަބޭފުޅުން ނަށް ފެންނަން ނެތީ ތޯއެވެ؟ އިސްވެ ބަޔާންވެ ދިޔަ ހުރިހާ ބޭކަލުންގެ ބަސްފުޅުތަކާއި ދަލީލުތަކުގެ މައްޗަށް އެދެ ބޭކަލުންގެ މަދުބަސް ފުޅެއް ކުރި ހޯއްދެވީ ކޮން އިން ޞާފަކުން ތޯއެވެ؟ ހަވާނަފުސާ، ޝައިޠާނާގެ ވަސްވާސް ތައް ދޫކޮށް ޙައްޤައް އަވަހަށް ރުޖޫޢަވަމާ ހިންގަވާށެވެ. ﷲ ތަޢާލާ އެކަލާނގެއަށް ރުޖޫޢަވާމީހުންދެކެ ލޯބިވެ ވޮޑިގަންނަވައެވެ.
މިހިސާބުން ނިންމާލުމުގެ ކުރިން މިކަމުގައި އޮތް އެއްމެ ހެޔޮ ބަދަލަކީ، ނުވަތަ ލަވަޔާއި މިއުޒިކުގެ ބަދަލުގައި އަޑުއަހާ، ބައިވެރިވާންވީ ކޮންކަމެއްގައިތޯ ފާހަގަ ކޮށްލާނަމެވެ.
އެގޮތުން ބަލާއިރު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަރަށް ފުރިހަމަ ބަދަލެއް އަޅުގަނޑުމެން މުސްލިމުން ނަށް ދެއްވާފައެވެ.
ލަވަޔާ މިއުޒިކް އަޑުއަހާ ބައެއްގެ ޙުއްޖަތަކީ އެއީ ހިތްހަމަޖައްސާލަދީ ނަފުސަށް އަރާމު ގެނެސްދޭ ކަމެއްކަމަށްބުނުމެވެ. އަޅުގަނޑުމެން ހެއްދެވިފަރާތަށް އަޅުގަނޑުމެނަނަށް ހިތްހަމަ ޖެހުން ލިބޭނޭ ކަންތަކާ ގޮތްތައްވެސް މާމޮޅަށް ދެނެވޮޑިގަންނަވާނެއެވެ.
އެކަލާނގެ ވަޙީކުރައްވާފައިވަނީ أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ[الرعد:28]
މާނައީ:"ދަންނާށެވެ. ހިއްތަކަށް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުންނެވެ."
އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.
فَاذْكُرُونِي أَذْكُرْكُمْ[البقرة:152]
މާނައީ:" ތިޔަބައިމީހުން ތިމަން ﷲގެ މަތިން ހަނދުމަކުރާށެވެ، އޭރަށް ތިމަން ﷲ ތިޔަބައިމީހުންގެ މަތިން ހަނދުމަކުރާހުށީމެވެ"
ވީމާ ﷲ ގެ މަތިން ހަނދުމަކުރުމަކީ މިއުޒިކުގެ ބަދަލުގައި އަޅުގަނޑުމެނަށް އޮތް އެންމެ ފުރިހަމަ ޙައްލެވެ. އެގޮތުން ފަސްވަގުތު ނަމާދުކުރުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. އަދި ހެނދުނާ ހަވީރުގެ ޒިކުރުތަކާ ދުޢާތައްކިއުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. ގިނަ ގިނައިން ކީރިތި ޤުރުއާން ކިޔެވުމާއި ދީނީ ފޮތްތައް ކިޔުމާއި ވައުޟާ ނަޞޭޙަތް އަޑުއެހުމަކީ ހައްތާވެސް ޝައިޠާނާގެ މަގުން އެއްކިބާ ކޮށްދީ ގަދަ ކީރިތިވަންތަ ، އަޅުގަނޑުމެންނަށް ހުރިހާ ނިޢުމަތެއްދެވަވާ ޚާލިޤުވަންތަ ޖައްބާރުވަންތަ ﷲ ގެ މަތިން ހަނދުމަކޮށްދޭނޭ ކަންތައްތައްކަން ޔަޤީނެވެ. وما علينا إلا البلاغ المبين
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
(އެމް ވީ އިސްލާމް ކިޔޫ އޭ އިން ނަގާފައި)