މިއަދު ގިނަ ބައަކަށް އަޑުއަހައި ފަތުރަން އެންމެ ބޮޑަށް އުނދަގޫވެގެން އުޅެނީ ޖަހައްނަމަ ނުވަތަ ނަރަކައިގެ ވާހަކައެވެ. އެހެނަސް އެވާހަކަ އަޑު ނުއަހައި ނުފަތުރައި ވާކަށް ނެތެވެ. އެވާހަކަ އަޑުއަހައި ފަތުރަން ގިނަ ބައަކަށް އުނދަގޫވެގެން މިއުޅެނީ އެމީހަކަށް "ލައިކް" ލިބުން މަދުވެދާނެތީއެވެ. ތިމާގެ މަޝްހޫރުކަން ކުޑަވެދާނެތީއެވެ.
މީސްތަކުންނޭވެ! ތަނަވަސްކަން ލިބުން ކިތަންމެ މަދުވިނަމަވެސް އަދި އުނދަގޫވިނަމަވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ މަގުން ތަނަވަސްކަން ނުހޯދާށެވެ. އެކަލާނގެ ރުހިވޮޑި ނުގަންނަވާ މަގުން ތަނަވަސްކަން ހޯދައިފިނަމަ އެމީހަކަށް ގާތީ ހަމަ ނަރަކައަށް ވަންނަން ޖެހުމެވެ. "ޙަރާމް އެއްޗެތި ކައިގެން ޖަހާމަސް ދިއުން ގާތީ ނަރަކައަށްކަމަށް" އޮތުމުންނެވެ.
ވީހައި ގިނަ މީހުންގެ ލައިކް ހޯދަން އުޅޭ މީހުން ނަރަކައިގެ ވާހަކަ އަޑުއަހަން ބޭނުންނުވަނީ ލައިކް ހޯދަން ކުރާ ކަންކަން ނުކޮށްފިނަމަ އޭނާގެ މަޝްހޫރުކަން ކުޑަވެގެން ހިނގައިދާނެތީއެވެ. އެފަދަ މީހުން ވިސްނައިލާށެވެ. ސުވަރުގެ ވައްދަވާނީ ވީހައިގިނަ މީހުންގެ ލައިކް ލިބުނު މީހުންނެއް ނޫނެވެ. ﷲ ތަޢާލާގެ "ލައިކް" ލިބުނު މީހުންނެވެ.
މިއަދު ކަންކަން ވެގެން މިއުޅޭ ގޮތަކީ ތިމާ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ނުކުރާ ޙާލުގައިވެސް އެހެން މީހުން ކުރާ އެފަދަ ކަންކަމަށް ލައިކްދެނީއެވެ. މިކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ އެހެން މީހަކަށް މަގުފުރެދެން ހިތްވަރުދެވެނީ ނޫންހެއްޔެވެ؟ އެމީހާ އެފަދަ ކަމެއް ކުރުމުން އެހެން މީހުން އެކަމަށް "ލައިކް" ނުދޭނަމަ އެމީހާ އެކަމެއް ނުކުރާނެއެވެ. ވީމާ ތިމާ އެފަދަ ޢަމަލުނުކުރަމުންވެސް އެހެން މީހުން ކުރާ ނުބައި ކަންކަމަށް ލައިކްދެވޭނަމަ ހަމަ ތިމާއަށްވެސް އެފަދަ ނުބައިކަންކަން ކުރެވެނީ ނޫންހެއްޔެވެ؟
އަހުރެން މިދައްކަނީ މާގިނަ، ނުވަތަ މާބޮޑެތި އަޅުކަންކުރުމުގެ ވާހަކައެއްވެސް ނޫނެވެ. އަހުރެން މިބުނަނީ ، އިލްތިމާސް މިކުރަނީ ހަމައެކަނި ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ކަންކަން ނުކުރުމަށެވެ. ބައެއް މީހުންނަށް ޤަބޫލުނުކުރެވުނަސް ﷲ ތަޢާލާ ފަރުޟު ކުރެއްވެވި ކަންކަން ކޮށްފައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ނުކުރާނަމަ އެމީހަކު އެވަނީ އެންމެ ބޮޑަށް ބިރުވެތިވާ އަޅުންގެތެރެއިންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން