ބައެއް މީހުން ޛިކުރުކުރުމުގައި ފަރުވާކުޑަކުރެއެވެ. ފަތިހު ނޫނީ ހަވީރު ކިޔާލުމުން ފުދުނީ ކަމަށް ހީކުރެއެވެ. ނަމަވެސް 2 އިރު ކުރަން އޮތީ ސަބަބެއް އޮތުމުންނެވެ. އެކަން ޙާޞިލުވާނީ 2 އިރު ކިޔައިގެންނެވެ.
މީސްތަކުންނޭވެ! އަހަރެމެން ބިރުވެތިވެ ސަލާމަތްކަން ހޯދަން ޖެހިފައި މިވަނީ ހަމައެކަނި ޖިންނި ޝައިޠޯނުންގެ ކިބައަކުން ނޫނެވެ. އިންސާނުންގެ ތެރޭގައި ހިމެނޭ ޝައިޠޯނުންގެ ކިބައިންވެސް ސަލާމަތްކަން ލިބިގަންނަން މަސައްކަތްކުރަން މިވަނީ ޖެހިފައެވެ. ވީމާ އެކަމުގައި ސުންނަތަށް ޢަމަލުކުރުން ނޫން ގޮތެއް ނެތެވެ.
އަހަރެމެންނަށް އޮތީ "ދެއިރު،" މިބަސް ތަކުރާރުކޮށްލާނަމެވެ. ދުވާލުގެ 2 އިރު ޛިކުރުމެވެ. އެހެނަސް އަހަރެމެންގެ ތެރެއިން ގިނަބައަކަށް އެކަމެއް ނުކުރެވެއެވެ. ޚާއްޞަކޮށް ހެނދުނުގެ ޛިކުރުތަކެއް ނުކިޔެއެވެ. ހަވީރު އެކަނި ކިޔުމަކީ ސުންނަތުގައި އޮތްގޮތެއް ނޫނެވެ. ސުންނަތުގައި އޮތީ ހެނދުނާއި ހަވީރު ޛިކުރުތައް ކިޔުމެވެ.
ސިޙުރާއި އެސްފީނާ އާއި އަދި އެނޫންވެސް މުޞީބާތްތަކުން ސަލާމަތްވެހުންނަން މަސައްކަތް ނުކުރާ މީހާ ހަމައެކަނި ދުޢާކުރުމުން ފުދޭނީ ކިހިނަކުން ހެއްޔެވެ؟ އެހެނީ ދުޢާކުރުން އޮތީ އެކަމެއް ޙާޞިލްކުރަން އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ.
ރަނގަޅަށް ވިސްނައިލާށެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ވަނީ އެންމެހައި މީސްތަކުންނަށްވުރެ މާތް ކުރައްވަވައިފައެވެ. އެންމެހައި ނަބީބޭކަލުންނާއި ރަސޫލްބޭކަލުންނަށްވުރެވެސް މަތިވެރިކުރައްވަވައިފައެވެ. އެންމެ ފުރިހަމަ ގޮތުގައި ޙިމާޔަތާއި ރައްކައުތެރިކަން ވެސް ދެއްވަވައިފައެވެ.
އެހެންކަމާއިއެކުގައިވެސް ރަސޫލް ﷺ އަށް ﷲ ތަޢާލާ އެންގެވީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދިވަޑައިގަތުމަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ އެކަންކުރަންޖެހޭކަން މީސްތަކުންނަށް އުނގަނަންވައި ދެއްވެވުމަށްޓަކައެވެ.
ރަސޫލް ﷺ ، ﷲ ތަޢާލާގެ ޙަޟްރަތުން ހެނދުނާއި ހަވީރު ރައްކައުތެރިކަމަށް އެދިވަޑައިގަތީ ރައްކައުތެރިކަން ލިބިވަޑައިނުގަންނަވާތީއެއް ނޫނެވެ. މީސްތަކުންނަށް އެކަން އުނގަންނަވައި ދެއްވެވުމަށެވެ. އެއީ ސުންނަތުގައި ހިމެނިގެންވާ ކަމެއްކަމާއި އެސުންނަތަށް ޢަމަލުކުރަންވީ ގޮތް އުނގަންނަވައިދެއްވެވުމަށެވެ.
ވީމާ އަހުރެން އެންމެހައި މީސްތަކުންނަށް އިލްތިމާސްމިކުރަނީ ޛިކުރުކުރުމުގައި ފަރުވާކުޑަ ނުކުރުމަށެވެ. ދުވާލުގެ ދެއިރު އެކަން ކުރަމުން ގެންދިއުމަށެވެ. ﷲ ތައާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދިގެން މަސައްކަތް ކުރަންވީ ހަމައެކަނި ސިޙުރާއި އެސްފީނާ ޖެހިދާނެތީއެއް ނޫނެވެ. ޝައިޠޯނާގެ ވަސްވާސްތަކާއި އޭތީގެ ނުބައިކަމުން ސަލާމަތްކޮށް ދެއްވެވުންވެސް އެދިގެންނެވެ. ވީމާ އެއީ ފަރުވާކުޑަކޮށްލައި ދޫކޮށްލައިގެން ވާންއޮތްކަމެއް ނޫނެވެ.
- މުފްތީ މެންކުގެ ދަރުސަކުން