ގިނަ ބައަކަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދެވެނީ ދުނިޔޭގައި ހުއްޓައި ޙާޞިލުނުކުރެވޭނެ ކަންކަމަށެވެ. އެއިގެ ތެރޭގައި ތިމާގެ ލޮލަށް ﷲ ތަޢާލާ ފެނުމާއި ﷲ ތަޢާލާގެ އަޑުފުޅު ތިމާއަށް އިވުން ފަދަ ކަންކަންވެސް އެބަ ހިމެނެއެވެ.
ދުނިޔޭގައި އަހުރެމެންގެ ލޮލަލަކަށް ﷲ ތަޢާލާއެއް ނުފެންނާނެއެވެ. ނަމަވެސް ﷲ ތަޢަލާ ވޮޑިގެންވާ ކަމުގެ ހެކިތައް ފެންނާނެއެވެ. އިޚްލާޞްތެރިކަމާއިއެކު ބަލަން ޝައުޤުވެރިވާ މީހުންނަށް އިތުރަށްވެސް ދައްކަވާނެތެވެ. އިން ޝާ ﷲ
ދުނިޔޭގައި ހުއްޓައި ﷲ ތަޢާލާގެ އަޑުފުޅެއް ނުއިވޭނެއެވެ. ނަމަވެސް ކަންކަން އިލްހާމް ކުރައްވަވާނެއެވެ. ހިދާޔަތު ލިބުމަށް އެދޭ މީހަކަށް ހިދާޔަތު ދެއްވަވާނެތެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މިއަދު ބައެއް މީހުން ކަންބޮޑުވަނީ އެމީހުންގެ ލޮލަށް ﷲ ތަޢާލާ ނުފެންނާތީއެވެ. ކަންފަތަށް ﷲ ތަޢާލާގެ އަޑުފުޅު ނުއިވޭތީއެވެ. އެއީ އެމީހުންނަށް ނުވިސްނޭތީއެވެ.
މިއަދަކު، މިދުނިޔޭގައި ތިއްބައި އަހަރެމެން އެކަކަށްވެސް ﷲ ތަޢާލާ އެއް ނުފެންނާނެ އެވެ. އެއްވެސް އިންސާނަކީ އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހެއް ނޫނެވެ. އެކަން ކީރިތި ޤުރްއާނުގައިވާ މޫސާގެފާނުގެ ވާހަކަތަކުން އެނގިގެންދާނެއެވެ.
އަދި އިސްރާއާއި މިޢްރާޖެގެ ދަތުރުފުޅުގައި ރަސޫލާ އަށްވެސް ﷲ ތަޢާލާ ފެނިވަޑައިގެންފައެއް ނުވެއެވެ. ފެނިވަޑައިގަތީ ނޫރެކެވެ.
ދުނިޔޭގައި އެކަން އޮތީ މިމަގުންނެވެ:
"ވަޙީ އަކުން (އެބަހީ: އިލްހާމަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ މަލާއިކަތަކު ފޮނުއްވަވައި، އެކަލާނގެ އިޛްނަފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ވަޙީ ކުރެއްވުމުންމެނުވީ، އެއްވެސް އާދަމުގެދަރިޔަކަށް ﷲ ބަސް ވަޙީ ކުރެއްވުމެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މަތިވެރިވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ." (އައްޝޫރާ : 51)
ނަމަވެސް އާޚިރަތުގައި މުޅިން ތަފާތެވެ.:
Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Do you overlook a crowd to see the full moon? Do you overlook a crowd to see the sun?” They said no. The Prophet said, “Verily, you will see your Lord just as you see the full moon and you will not need to overlook a crowd to see him.”
Source: Sunan al-Tirmidhī 2554
Grade: Hasan (fair) according to Al-Tirmidhi
އަހުރެމެންނަށް އޮތީ ފެންނަން އޮތް ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް ކިޔައި ޢަމަލުކުރުމެވެ. އެއީ ކީރިތި ޤުރްއާނެވެ. އެކަން ކުރެވިއްޖެނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ފެންނާނެއެވެ. އަޑުފުޅުވެސް އިވޭނެތެވެ. އެހެނީ ސުވަރުގޭގެ އަހުލުވެރިންނަށް ﷲ ތަޢާލާ (ދެއްކެވި މިންވަރަކަށް) ފެންނާނެތީއެވެ. އަދި ސުވަރުގޭގެ އަހުލުވެރިންނަށް ފަޚުރުވެރިވެރިވެ ވޮޑިގެން މުޚާޠަބް ކުރައްވަވައި ބަސްފުޅު ވަހީކުރައްވަވާނެތީއެވެ.
"ﷲ އާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ ކަނޑައަޅުއްވާފައިވާ އަޖަލު އަންނަހުށްޓެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލް އަންކަބޫތު: 5)
﴿22﴾ وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ.
﴿23﴾ إِلَىٰ رَبِّهَا نَاظِرَةٌ
އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ.
(އަލް ޤިޔާމަ: 22، 23)
ވީމާ ﷲ ތަޢާލާ ޤިޔާމަތް ދުވަހު ދެއްވަވަން ހުރި ނިޢުމަތްތައް މިދުނިޔެއިން ލިބިގަންނަން މަސައްކަތްނުކުރަމާ ހިނގާށެވެ! ކާމިޔާބީ ޙާޞިލުކުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން