މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ވުޒާރާއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ވުޒާރާއިން ފަށައިފި

ވާރޭ ވެހިއްޖެ ނަމަ މާލޭގައި، ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މި ވުޒާރާއިން ފަށައިފިއެވެ. މި ޙަރަކާތް ފެށުނީ މިއަދު ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ. މި ޙަރަކާތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އެ ސަރަޙައްދަށް ވަނީ މިއަދު ވަޑައިގެންފައެވެ.

މިއީ މާލޭގެ ހުރިހައި މަގެއްގެ ކާނުތައް ސާފުކުރުމަށް މި ވުޒާރާއިން ހިންގާ ވަރަށް މުހިންމު ޙަރަކާތެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އެ ކަމުގެ އުނދަގޫ ޖެހެއެވެ. ސިފައިންނާއި، ފުލުހުން އަދި މި ވުޒާރާއިން ނުކުމެ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދޭތެރެދޭތެރެއިން ކުރަންޖެހެއެވެ.

މީގެ ދެ ދުވަހެއް ވަރު ކުރިން ވަޒީރު އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށް އިޢުލާނު ކުރައްވައިފައި ވެސް ވެއެވެ.

މިއަދު މި ވުޒާރާއިން ފެށި މި ޙަރަކާތަކީ، ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން މި ވުޒާރާއިން ކުރިއަށް ގެންދާ ޙަރަކާތެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން