2 އަހަރުގެ ތެރޭގައި ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ނިމޭނެ: ވަޒީރު އާދަމް ޝަރީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
2 އަހަރުގެ ތެރޭގައި ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ނިމޭނެ: ވަޒީރު އާދަމް ޝަރީފް

ޗައިނާގެ އެހީގައި ކުރިއަށްގެންދާ ކައުންސިލްތައް އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށައި، 2 އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ދިރާސާތައް ކުރުމަށް ޗައިނާގެ ޓީމެއް އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށެވެ. އަދި މި ދިރާސާތައް ކުރުމަށް 10 ރަށެއް ކަނޑައަޅާފައިވާ ކަމަށާއި، ކައުންސިލްތައް އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަހަރުގެ މެދަކާހަމައަށް ދާއިރު އެ މަޝްރޫޢުވެސް ފެށޭނެ. އެ މަސައްކަތް ކުރިއަށްދާނީ 2 ފިޔަވައްސަކަށް. ނަމަވެސް 2 އަހަރުގެ ތެރޭގައި އެ މަސައްކަތް ނިމިގެންދާނެ،" ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގައި 50 ކައުންސިލެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، މިއީ ޕްރީ-ފެބްރިކޭޓެޑް އިމާރާތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްރަށުގެެ ކައުންސިލްތަކަށް ޒަމާނީ ވަސީލަތްތަކާއެކު މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢަކީ ރައީސް މުޢިއްޒު އިބްރާހީމްގެ ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި މަޝްރޫޢު ނިމުމުން، ރަށްރަށުގެ ކައުންސިލްތަކަށް ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ހަލުވިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.                     

މިއަދު އޮންލައިން