ޣައްޒާ އާރާސްތުކުރުމަށް އަރަބި ޤައުމުތަކުން ހުށަހަޅައިފައިވާ މަގުޗާޓަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޣައްޒާ އާރާސްތުކުރުމަށް އަރަބި ޤައުމުތަކުން ހުށަހަޅައިފައިވާ މަގުޗާޓަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފި

ސައުދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވުނު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ ޚާރިޖީ ވަޒީރުންގެ އެކްސްޓްރާއޯޑިނަރީ ސެޝަންގައި، ޣައްޒާ އާރާސްތުކުރުމަށް އަރަބި ޤައުމުތަކުން ހުށަހަޅައިފައިވާ މަގުޗާޓަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ޚާރިޖީ ވަޒީރު ޑޮކްޓަރ އަބްދުﷲ ޚަލީލް ހާމަކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ޑޮކްޓަރ ޚަލީލް، އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ފޭބުމަށް ގޮވާލާ ގޮވާލުންތަކާ ދެކޮޅަށް އަޑުއުފުލުއްވިއެވެ. އަދި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާކަން ފާހަގަކުރައްވައި، އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާ ކަމަށެވެ. މީގެއިތުރުން، އަރަބް ލީގް ސަމިޓްގައި ފާސްކުރެވުނު ޣައްޒާ އާރާސްތުކުރުމުގެ މަގުޗާޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި ބައްދަލުވުމަކީ ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށާއި، ޣައްޒޣައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ހާލަތު ރަނގަޅުކުރުމަށް އިސްލާމީ ޤައުމުތަކުން އެއްބައިވަންތަކަން ދެއްކުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ދިވެހިރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވެ، ފަލަސްތީނުގެ މައްސަލައިގައި ދެމިހުރި ސިޔާސަތު ތަކުރާރުކޮށް ހާމަކުރުމަކީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އަޑު އިތުރަށް އުފުލިގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.                     

މިއަދު އޮންލައިން