އަމީރު މުޢާވިޔާތު 08: މުޢާވިޔަތުގެފާނުގެ އުޚުތު އަދި މުއުމިނުތަކުންގެ މައިކަނބަލުން އުއްމު ޙަބީބާ

ކިޔުމަށް ހޭދަވާނީ 6މ 10ސ
އަމީރު މުޢާވިޔާތު 08: މުޢާވިޔަތުގެފާނުގެ އުޚުތު އަދި މުއުމިނުތަކުންގެ މައިކަނބަލުން އުއްމު ޙަބީބާ

ޢަލީ އިޙްޞާން ފިރާޤް

 

أم حبيبة 

އުއްމު ޙަބީބަތުގެފާނުގެ އަސްލު ނަންފުޅަކީ ރަމްލާއެވެ. މައިކަނބަލުންގެ ނަންފުޅަކީ ޞަފިއްޔާ ބިންތި އަބުލްޢާޞްއެވެ. އުއްމުޙަބީބާއާ އެންމެ ފުރަތަމަ ކާވެނިފުޅު ބައްލަވައިގެންނެވީ ޢުބައިދު ބިން ޖަޙުޝްއެވެ. އެދެކަނބަލުންނަކީ އެންމެ ކުރީ ކޮޅުގައި އިސްލާމްވެވަޑައިގެންނެވި ދެމަފިރިކަނބަލުންނެވެ. އިސްލާމްވެވަޑައިގެން ޙަބަޝާއަށް ހިޖްރައަށް ވަޑައިގެންނެވިއެވެ. އެތަނުގައި ޢުބައިދު މުރުތައްދުވެ، ނަޞާރާދީން ޚިޔާރުކުރިއެވެ. އޭގެފަހުން މާގިނަ ދުވަސްތަކެއްނުވެ އޭނާ މަރުވެއްޖެއެވެ. ބޭރު ރަށެއްގައި އުއްމުޙަބީބާ އުޅުއްވަން ޖެހިވަޑައިގެންނެވީ ވަރަށް ދަތިހާލުކޮޅެއްގައެވެ. އޭރު އެކަމަނާގެ އަރިހުގައި ތުއްޕުޅު ދަރިކަނބަލުން ޙަބީބާވެސް އިންނެވިއެވެ. 

އޭގެ ދުވަސްކޮޅެއްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم އުއްމު ޙަބީބަތުގެފާނާ ކާވެނި ބައްލަވައިގެންނެވިއެވެ. 

އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަ ޢަންހާ އަކީ، ވަރަށް ދީންވެރި ތަޤްވާވެރި ބޭކަނބަލެކެވެ. ގިނަގިނައިން އަޅުކަން ކުރައްވައި ސުންނަތް ނަމާދު ކުރައްވާ ބޭކަނބަލެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އިރްޝާދުތަކަށް އެންމެ ފުރިހަމައަށް ޢަމަލުކުރައްވަމުން ގެންދެވި ބޭކަނބަލެކެވެ. އެކަލޭގެފާނުގެ ސުންނަތް ދިރުވާ އާލާކުރެއްވި ބޭކަނބަލެކެވެ. 

އެއްފަހަރަކު، މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ރެޔާއި ދުވާލު، ފަރުޟުނަމާދުގެ އިސްފަހުގައި ރަވާތިބު ސުންނަތްތަކުގެ ބާރަ ރަކުޢަތް ކުރާ މީހަކަށްޓަކައި މާތް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ.]  

އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަ ޢަންހާ  ވިދާޅުވާ ގޮތުގައި، އެކަމަނާއަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފަރާތްޕުޅުން މި ޙަދީޘް ބަސްފުޅު އެނގިވަޑައިގެންނެވިފަހުން ދުވަހަކުވެސް އެ ބާރަ ރަކުޢަތް ދޫކޮށެއްނުލައްވައެވެ. {صحيح مسلم،  كتاب صلاة المسافرين وقصرها، باب فَضْلِ السُّنَنِ الرَّاتِبَةِ قَبْلَ الْفَرَائِضِ وَبَعْدَهُنَّ وَبَيَانِ عَدَدِهِنَّ، ޙަދީޘް ނަންބަރު 728} 

އަމީރުލް މުއުމިނީން  ޢުޘްމާނު ބިން ޢައްފާން ރަޟިޔަ ޢަންހު ގެ ޚިލާފަތުގައި އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަ ޢަންހާ ބަފައިކަލުން އަބޫސުފްޔާނު އަވަހާރަވިއެވެ. އުއްމުލް މުއުމިނީން އުއްމުސަލަމަތުގެފާނުގެ ދަރިކަނބަލެއްކަމުގައިވާ ޒައިނަބު ބިންތު އަބީސަލަމާ ވިދާޅުވެފައިވެއެވެ. އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަ ޢަންހާގެ ބަފައިކަލުން އަބޫސުފްޔާނު އަވަހާރަވުމުން އެކަމުގެ ތަޢުޒިޔާ ދަންނަވަން ތިމަންކަމަނާ އެކަމަނާގެ އަރިހަށް ދިޔައީމެވެ. އެހިނދު ރީނދޫކުލައިގެ ޚަލޫޤޭކިޔުނު ބާވަތެއް އެކުލެވިގެންވާ ހުވަނދެއް އެކަމަނާގެ އަރިހަށް ގެނައުމަށް އެކަމަނާ އެންގެވިއެވެ. އެ ހުވަނދު ގެނައުމުން އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަ ޢަންހާ އެއިން އެއްބައި ނަންގަވައި އެކަމަނާގެ ޚާދިމާގެ ގައިކޮޅުގައި ލެއްވިއެވެ. އެއަށްފަހު، އޭގެއިން ބައެއް ނަންގަވައި އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަ ޢަންހާ ގެ ކޯތާފަތްޕުޅުގައި ހާކައިލެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. 

[މާތް ގަންދީ ދަންނަވަމެވެ. މިވަގުތު ތިމަންކަމަނާއަށް ހުވަނދެއްގެ އެއްވެސް ބޭނުމެއްނެތެވެ. އެހެންނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم މިންބަރުކޮޅުގެ މަތީގައި ހުންނަވައި ޙަދީޘް ކުރައްވަނިކޮށް ތިމަންކަމަނާ އެއްސެވީމެވެ. މާތްﷲ އަށާއި، އާޚިރަތްދުވަހަށް އީމާންވާ އަންހެނަކަށް އޭނާގެ ފިރިމީހާ މަރުވެގެންނޫނީ ތިންދުވަހަށް ވުރެ ގިނަދުވަސް ހިތާމަކުރުން ހުއްދަވެގެންނުވެއެވެ. ފިރިމީހާ މަރުވެގެން ހަތަރު މަހާއި ދިހަ ދުވަސްވަންދެން ހިތާމަކުރުން ހުއްދަވެގެންވެއެވެ. {كتاب الطلاق، باب وُجُوبِ الإِحْدَادِ فِي عِدَّةِ الْوَفَاةِ وَتَحْرِيمِهِ فِي غَيْرِ ذَلِكَ إِلاَّ ثَلاَثَةَ أَيَّامٍ، ޙަދީޘް ނަންބަރު 1486} 

އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަ އަންހާއަކީ ވަރަށް ދުޢާ އިޖާބަ ބޭކަނބަލެކެވެ. ތާރީޚު ދިމިޝްޤުގައި އިބްނު ޢަސާކިރު ރިވާކުރައްވައިފައިވެއެވެ. ޢުޘްމާނުގެފާނުގެ ޚިލާފަތުގައި މަދީނާއަށް ބާޣީން އެރި ދުވަސްވަރުގައި ފަސާދަވެރިއަކު އައިސް އެކަމަނާގެ ކޮޓަރިކޮޅަށް ވަދެގަތެވެ. އެކަމަނާ ފަރުދާ ނުކުރައްވާ އިންނަވަނިކޮށް އޭނާ ބަލައިފައި ގޮސް މީސްތަކުންނަށް އެކަމަނާގެ ސިފަފުޅު ބަޔާން ކުރަންފެށިއެވެ. އެކަމާ އުއްމުޙަބީބަތުގެފާނު ވަރަށް ހިތާމަކުރައްވައި ހިތްޕުޅު ހަމަޖެހިވަޑައިނުގެން އޭނާގެ މައްޗަށް ބަދު ދުޢާ ކުރެއްވެވިއެވެ. އޭނާގެ އަތްވާކުރައްވައި އޭނާ މީސްތަކުންގެ މެދުގައި ފަޞީޙަތްވުމަށް ދުޢާކުރެއްވިއެވެ. 

އެ ދުޢާފުޅު ކުރެއްވިތާ މާގިނަ ދުވަސްތަކެއްނުވެ، މީހަކު އޭނާއަށް ޙަމަލަދީ އޭނާގެ އަތް ބުރިކޮށްލިއެވެ. އަނދެގެން ހުރި އިޒާރު ދަތުން ހިފަހައްޓައިގެން ދުވަނިކޮށް، މީސްތަކުންގެ ތެރޭގައި ބަރަހަނާވެއްޖެއެވެ. {މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ، ޞަފްޙާ 201}

ޠަބަޤާތު އިބްނު ސަޢުދުގައި ރިވާވެގެންވެއެވެ.  ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. އުއްމު ޙަބީބާ އަވަހާރަވި އާލާސްކަންފުޅުގައި އޮންނަވައި ތިމަންކަމަނާ ބަލައިފޮނުއްވައިގެން ގެންދަވައި ވިދާޅުވިއެވެ.

[އެކަކާ ކާވެނިކޮށްގެން އުޅުނު ބައެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މެދުގައި ކުދިކުދި މައްސަލަ ޖެހިފައި ހުރެދާނެއެވެ. އެހެންކަމުން އެފަދަ ކަމެއް އަޅުގަނޑުގެ ފުށުންވެފައި އޮތްނަމަ އެކަމަށް މަޢާފު ދެއްވުން އެދެމެވެ.]

ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ދެން ތިމަންކަމަނާ އުއްމު ޙަބީބާއަށް ދެންނެވީމެވެ. މާތް ކަމަނާގެ ފާފަފުއްސަވައި ދެއްވާށިއެވެ. އަޅުގަނޑުގެ ހިތުގައި ކަމަނާއާމެދު އެއްވެސް ކޫރުމެއް ނުވެއެވެ.]

އުއްމުޙަބީބާ ވިދާޅުވިއެވެ. [ކަމަނާ އަޅުގަނޑު އުފާކޮށްދެއްވައިފީމެވެ. މާތް ކަމަނާ އުފަލުގައި ލަހައްޓަވާށިއެވެ.] 

އަދި އުއްމުލް މުއުމިނީން އުއްމު ސަލަމަތުގެފާނު ބަލައިފިނުއްވައިގެން ގެންނަވައިގެންވެސް ހަމަ މިމޭރުމުން އެކަމަނާއާ ވާހަކަފުޅު ދެއްކެވިއެވެ. އުއްމު ޙަބީބަތުގެފާނު އަވަހާރަވީ އެ އާލާސްކަންފުޅުގައި އޮންނަވައި ހިޖުރައިން 44 ވަނަ އަހަރުގެ ތެރޭގައެވެ.{އިބްނު ސަޢުދު، ޠަބަޤާތު}

މިއަދު އޮންލައިން