"އައްނޫރުލް މުބީން" ބައިނަލްއަގުވާމީ ޤުރްއާން މުބާރާތް ގިނަ އަހަރުތަކަކަށްފަހު ބާއްވަން ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) އިން މިއަހަރު ނިންމައިފިއެވެ. މި މުބާރާތަކީ 2018 ވަނަ އަހަރުން ފެށިގެން ޕީއެސްއެމްއިން ބާއްވަމުން އައި މުބާރާތެކެވެ.
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ނަސްރީން މުޙައްމަދު ވިދާޅުވި ގޮތުގައި، މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ މުޅި އަހަރަށް ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ފެތުރުމާއި، ޚާއްޞަކޮށް ރަމަޟާން މަހު ރައްޔިތުން ޝައުޤުވެރިވާ ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ޕީއެސްއެމްގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން އަހަރު ދުވަހަށް ބަހާލައިގެން ތަފާތު އެތައް ޕްރޮގްރާމެއް ގެނެސްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަކިން ޚާއްޞަކޮށް ރަމަޟާން މަހުގެ ކޮންޓެންޓުތައް ބައްޓަންކޮށްފައިވާނީ ދީނީ ކަންކަމަށް އިސްކަންދީގެން. އަދި ދީނީ ކަންކަމަށް މީހުން އަހުލުވެރި ކުރުވުމަށް ޚާއްޞަ އިސްކަމެއް ދެވިފައިވާނެ،" ނަސްރީން ވިދާޅުވިއެވެ.
މި އަހަރުގެ އެންމެ ޚާއްޞަ ޕްރޮގްރާމްގެ ގޮތުގައި "އައްނޫރުލް މުބީން" ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތަކީ 2018 ވަނަ އަހަރުވެސް ޕީއެސްއެމްއިން ބާއްވާފައިވާ މުބާރާތެކެވެ. އޭރު ބޭއްވުނު މުބާރާތުގައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް ނިސްބަތުން ގިނަ ޤައުމުތަކުން ބައިވެރިވެފައިވާ ކަމަށް ނަސްރީން ފާހަގަކުރެއްވިއެވެ.
މި މުބާރާތް ބާއްވާ ތާރީޚާއި ތަފްޞީލީ މަޢުލޫމާތު އަދި ހާމަކޮށްފައި ނުވިނަމަވެސް، ކޮންމެ ޤައުމަކުންވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.