ބައެއް ޢިލްމްވެރިން ދެމަފިރިން ސިފަކުރައްވަނީ އިންޖީނާއި ހުންގާނުގެ ގޮތުގައެވެ. އިންޖީނު ނުހިނގާނަމަ ކުރިއަކަށް ނުދާނެއެވެ. ހުންގާނު ނުހިފޭނަމަ ސީދަލަކަށްވެސް ނުދުއްވޭނެއެވެ. ވީމާ ދާން ބޭނުންވާ މަންޒިލަށް ދެވޭނީ އިންޖީނުވެސް ހިނގައި އަދި މިސްރާބަށް ހުންގާނުވެސް ސީދާކުރެވިގެންނެވެ.
އަނބިންނަކީވެސް އިންސާނުންނެވެ. ކޮންމެ އިންސާނެއްގެ ކިބައިގައިވެސް އެހެން މީހުން ނުރުހޭ ސިފަތައް ހުންނާނެއެވެ. އެންމެން ރުހޭ ހުރިހާ ސިފަތަކެއް ހުރި ހަމައެކަކު ވެސް ދުނިޔޭގައި ހުރުމަކީ ނާދިރުކަމެކެވެ. ޚުދު ތިމާގެ ކިބައިގައިވެސް އަނބިމީހާވެސް އެހެން މީހުންވެސް ނުރުހޭ ބައިވަރު ސިފަތައް ހުންނާނެއެވެ.
ދެމީހުން ވެސް އުޅެ ބޮޑުވީ ތަފާތު ދެ މާހައުލެއްގައެވެ. ވީމާ އަށަގެންފައި ހުންނަ ސިފަތަކާއި އާދަތައް ތަފާތުވާނެއެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. ކއިވެންޏަށްފަހު ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ އާދަތައް ފާހަގަކޮށް ދެމީހުން އެދޭ ސިފަތައް އެއްގޮތްކުރުމަށެވެ. އެއްވެސް މީހެއްގެ ކިބައިގައި ހުންނަ އެއްވެސް ސިފައަކީ އެކަންކަން ބަދަލުކުރަން މަސައްކަތްކުރުމުން ބަދަލުނުކުރެވޭނެ ކަންކަމެއް ނޫނެވެ.
ވީމާ ރަނގަޅު ނިޔަތުގައި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދި ދުޢާކުރަމުން ދެމީހުންނަކީވެސް އެކަކު އަނެކަކު ރުހޭ ސިފަތައް ހުންނަ މީހަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާ އެކަން މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ކަނަކްނަ ހުރީ މިމަގުން ނަމަވެސް އަހަރެމެންގެ ތެރެއިން ބައެއް ފިރިހެނުން ޒަވާޖީ ޙަޔާތުގައި ދިރިއުޅެމުންދާއިރުވެސް އަނބިންނަށް ނަފްރަތުކުރެއެވެ. އަބަދުވެސް މަސައްކަތްކުރަނީ ކޮންމެވެސް ގޮތަކުން އަނބިމީހާގެ ކުށެއް ހޯދުމަށެވެ. ކިތަންމެ ކުޑަ ކުށެއް ފެނުނު ނަމަވެސް އެއީ މިކައުނު ފުރޭވަރުގެ ބޮޑު މައްސަލައަކަށް ހަދައެވެ. މިއީ ވަރަށް ދެރަ ކަމެކެވެ.
އަންނަނިވި ޙަދީޘްފުޅަށް ވިސްނައިލާށެވެ!
Abu Hurairah (May Allah be pleased with him) narrated that the Prophet (peace and blessings be upon him) said :
“A believer must not hate a believing woman (i.e., his wife); if he dislikes one of her traits he will be pleased with another.” (Muslim)
މި ޙަދީޘްފުޅުން އެނގިގެންދަނީ އީމާންވެގެންހުރި މީހަކު އޭނާގެ އަނބި މީހާއަށް ނަފްރަތުކޮށްގެން ނުވާނެކަމެވެ. ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވި ނަމަވެސް ނަފްރަތުކުރުންމަތީގައި ދެމިހުރެގެން ނުވާނެ ކަމެވެ. ނުރުހޭ ސިފައެއް އަނބިމީހާގެ ކިބައިގައި ހުރިނަމަވެސް އޭނާގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކަށް ވިސްނަން ޖެހޭނެ ކަމެވެ.
ހަމަ އެންމެ ސުވާލެކެވެ؟ ތިބާގެ ހަމަ އެއްވެސް ކުށެއް ނެތީހެއްޔެވެ؟ ހަމަޤައިމުވެސް ތިބާއަށް ކުރެވޭ ކުށްތައް ތިބާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެންވީމާ ތިބާ އަމިއްލައަށް ތިބާއަށް އަދަބުނުދީ ތިއަ ހުންނަނީ ކީއްވެގެންހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން