3 ގުނަވަނަކަށް ސަމާލުކަން ދީފިނަމަ ރަމަޟާން މަސް ނިމޭއިރު ހުރެވޭނީ އެންމެ ކާމިޔާބު މީހެއްގެ ގޮތުގަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
3 ގުނަވަނަކަށް ސަމާލުކަން ދީފިނަމަ ރަމަޟާން މަސް ނިމޭއިރު ހުރެވޭނީ އެންމެ ކާމިޔާބު މީހެއްގެ ގޮތުގަ! އިން ޝާ ﷲ

އަހުރެމެންނަށް ފާފަކުރަން ބޭނުންކުރެވޭ ގުނަވަން ތަފާތުވެދާނެއެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ގިނަ ފާފަތަކަށް އަރައިގަންނަން މަގުފަހިވަނީ 3 ގުނަވަނެއްގެ ސަބަބުންނެވެ. އެއީ ދުލާއި ކަންފަތާއި ލޮލެވެ.  

މިހެން ބުނަންޖެހޭ ސަބަބަކީ ފާފަކުރުމުގެ ޝައުޤުވެރިކަން ހިތަށް ފޯރުކޮށްދެނީ މި 3 ގުނަވަނުން ކަމަށްވާތީއެވެ. ހިތަކީ ހަމަ އޮވެފައި ކަންކަން ކުރަން ސިކުނޑިއަށް ސިގްނަލްދޭ ގުނަވަނެއް ނޫނެވެ. ހިތުން ސިކުނޑިއަށް ސިގްނަލް ދޭނީ ސަބަބެއް މެދުވެރިވުމުންނެވެ. ސިކުނޑިއަށް ސިގްނަލް ލިބުމުން ގުނަވަންތަކަށް ސިގްނަލް ފޮނުވާލަނީ ސިކުނޑިއެވެ.  

ވީމާ ދުލާއި ދެކަންފަތާއި ދެލޯ ރައްކައުތެރިކުރެވިއްޖެނަމަ އެމީހަކަށް ފާފަކުރުމުގެ ފުރުޞަތު ނެތިގެންދާނެކަމަށް ބުނަން ޖެހިލުމެއް ނުވަމެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ރަމަޟާން މަހު އެއްވެސް ފާފައެއް ނުކޮށް ހުރުމަކީ ތިމާއަށް ކުރެވިފައިވާ ހުރިހާ ކުދި ފާފަތަކެއް ފުއްސަވައިދެއްވަވާނެ ސަބަބެކެވެ. މިވާހަކަ ވަރަށް ގިނައިން ކިޔައިދީފީމެވެ. ބޮޑެތި ފާފަތައްވެސް ތައުބާވުމުން ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

ވީމާ ބުނެލަން އޮތީ މި 3 ގުނަވަން ރައްކައުތެރިކުރަން ދޭންޖެހޭ ސަމާލުކަން ދީފިނަމަ ރަމަޟާން މަސް ނިމޭއިރު ހުރެވޭނީ އެންމެ ކާމިޔާބު މީހެއްގެ ގޮތުގައެވެ. އެހެނީ އެމީހަކަށް އެއްވެސް ފާފައެއް ނުކޮށް ހުރެވޭނެއެވެ. އެއިރުން އެމީހާގެ ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. ސުވަރުގެ ލިބޭ މީހުންގެ ތެރޭގައި ހިމެނިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން