ހުރިހާ ބަލިމީހުންނާއިމެދު ކަންކަން މެދުވެރިވަނީ އެއްގޮތަކަށް ނޫނެވެ. ބަލީގެ ދުރަތަމަ ސްޓޭޖްގައި އެންމެ ފެންވަރު ރަނގަޅު ފަރުވާ ދެނިކޮށް އެބަ މަރުވެއެވެ. އަދި އެންމެ ނުރައްކާ ސްޓޭޖްގައި މާބޮޑު ފަރުވާއެއް ނުދެވުނަސް އެބަ ގަދަވެއެވެ. މިވަނީ ކިހިނަކުންހެއްޔެވެ؟
ޖަވާބަކީ ޝިފާލިބުން އޮތީ ބަލީގެ ސްޓޭޖަކުން ނުވަތަ ކުރާ ބޭހަކުން އެކަނި ނޫންކަމެވެ. ހަމައެކަނި ﷲ ތަޢަލާގެ ޙަޟްރަތުން ކަމެވެ.
ކޮންމެ މީހަކަށް ކޮންމެ މުޞީބާތެއް ކުރިމަތިވިނަމަވެސް ޔަޤީންކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މި ޙަދީޘްފުޅު ހިތްމައްޗަށް ގެނެސް މި ޙަދީޘްފުޅަށް އެންމެ ފުރިހައަށް އިތުބާރު ކުރުމެވެ.
އެ ޙަދީޘްފުޅަކީ ދުނިޔޭގެ އެންމެން އެކުވެގެން ތިބާއަށް ދެރައެއް ދޭން ނުވަތަ މޮޅެއް ހޯދައިދޭން މަސައްކަތްކުރި ނަމަވެސް ތަޤްދީރުގައި އެކަން މިންވަރުކުރައްވަވާ އެއްވެސް ގެއްލުމެއް ނުދެވޭނެ ކަމަށާއި އަދި އެމީހަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައި ނުވާ މޮޅުކަމެއްވެސް ހޯދައި ނުދެވޭނެކަން ބަޔާންކުރައްވަވާފައިވާ ޙަދީޘްފުޅެކެވެ.
ހަމަ އެއާއިއެކު ޔަޤީންކުރަންވީ ތިމާއަށް ކުރިމަތިވާ ކޮންމެ ކަމެއް ވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާ ކަމާއި ޙައްލުކުރައްވަވައި ނުދެއްވެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމެވެ.
ނަމަވެސް މިއަދުމިވާގޮތަކީ މިސާލަކަށް މީހަކަށް ކެންސަރުޖެހެނީ އެވެ. އޭނާގެ ހާލަތުހުރީ 4 ވަނަ ސްޓޭޖްގައިކަމަށް ޑޮކްޓަރުން ބުނެފިނަމަ އެމީހަކު ގަދަވާނެކަމަށް ނުވަތަ އެމީހަކަށް ޝިފާ ލިބޭނެކަމަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރެއެވެ. އެހިސާބުން އެމީހާ އެބަލީގައި މަރުވާނެކަމަށް ޔަޤީންކުރަނީއެވެ. ﷲ ތަޢާލާއަށް ކުރަންޖެހޭ އިތުބާރުކޮބައިހެއްޔެވެ؟ ޝިފާދެނީ ޑޮކްޓަރުންނެއް ނޫނެވެ! އެކަން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ!
މީސްތަކުންނޭވެ! ފުރިހަމަ ޔަޤީންކަމާއިއެކު ދުޢާކުރުމުން ޝިފާ ލިބިފައިވަނީ 4 ވަނަ ސްޓޭޖްގައި ތިބި ކިތައް ބަލި މީހުންނަށް ހެއްޔެވެ؟ އެއްވެސް މީހަކު އެކަމަށް ސަމާލުކަމެއް ނުދެއެވެ. ނިކަން ފުރިހަމަ ޔަޤީންކަމާއިއެކު ދުޢާކޮށްބަލާށެވެ! ޙާލަތު މުޅިން އެހެން ގޮތަކަށް ބަދަލުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ކެންސަރަކަށްވެސް އެހެން ބައްޔަކަށްވެސް އެއްވެސް މީހެއްގެ ފުރާނަ ނުގެންދެވޭނެއެވެ! ފުރާނަ ހަށިގަނޑުން ބޭރުވާނީ ﷲ ތަޢާލާ އެކަމަށް މިންވަރުކުރައްވަވާފައިވާ ވަގުތުގައި މަލާއިކަތުން ވަޑައިގެން ފުރާނަ ހަށިގަނޑުން ނެރުއްވެވުމުންނެވެ. އެކަމަށް އިތުބާރުކޮށްބަލާށެވެ!
- ޝައިޚް މުޙައްމަދު ބައުޖޯރުގެ ދަރުސަކުން