ގިނަ ބައަކަށް އިސްކަންދެވެނީ ދުނިޔޭގެ އުފާވެރިކަމާއި ތަނަވަސްކަން ލިބޭނެ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުވުމަށެވެ. ނަމަވެސް ޞަޙާބީން އިސްކަން ދެއްވެވީ ދުނިޔެޢާއި ޢާޚިރަތް ލިބިގަނެވޭނެ ކަންކަން އުނގެނިވަޑައިގަތުމަށެވެ. އެހެންވެ އެފަދަ ކަމެއް އުނގެނިވަޑައިގަތުމަށ ލިބިވަޑައިގަންނަވާ ކިތަންމެ ކުޑަފުރުޞަތެއްވެސް ދޫކޮށެއް ނުލައްވަވައެވެ.
ނަމަވެސް މިއަދު ބައެއް މީހުންނަށް ނަޞޭޙަތަކަށްވަނީ ވަރަށް ބޮޑު އާދައާ ޚިލާފް ކަމެއް ކުރަން ބުނުމުންނެވެ. ޢާންމު ދިރިއުޅުމުގައި އިޞްލާޙްކުރަންޖެހޭ ކަންކަމުގެ ވާހަކަ ތަކާއި ކޮންމެ ދުވަހަކު ކުރިމަތިވާ ކަންކަމުގެ ވާހަކައިން ނަޞޭޙަތްދިން ކަމުގައިވީނަމަވެސް އެއީ ނަޞޭޙަތެއް ކަމަށް ބަލައިގަންނަން އޮންނަނީ އުނދަގޫވެފައެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫންކަން މި ޙަދީޘްފުޅުން އެނގިގެންދެއެވެ.
މިއީ މާތްﷲ ރުއްސުންލެއްވި ސަޙާބީބޭކަލެއްކަމުގައިވާ އަބޫޛައްރަށް ކީރިތި ރަސޫލާ صالله عليه وسلم ދެއްވެވި ނަސޭހަތްޕުޅެކެވެ. އަބޫ ޛައްރަށް އެކަލޭގެފާނު ގިނިކަންޏާ މަދީނާގެ މިސްކިތުގައި އިންނެވިތަން ފެނިވަޑައިގެން އެއީ އެކަލޭގެފާނުގެ އަރިހުން މުހިއްމު އެއްޗެއް އުނގެނިވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތެއްގެގޮތުގައި ބައްލަވައި އެކަލޭގެފާނުގެ އަރިހުން ނަސޭހަތްޕުޅެއްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ތިރީގައިމިވަނީ ކީރިތި ރަސޫލާ ﷺ އަބޫ ޛައްރަށް ދެއްވި ނަޞޭހަތްޕުޅުގައި ހިމެނޭ ބައެއް ކަންތައްތަކެވެ.
• ތިބާގެ ޒުވާންކަމާއި، ސިއްޙަތާއި، މުދަލާއި ވަގުތު އަދި ދިރިއުޅުމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.
" އޭ އަބޫ ޛައްރު ! މި 5 ކަންތައް ތިބާގެ މައްޗަށް ބާރުފޯރުވުމުގެ ކުރިން އޭގެ ފައިދާ ހެޔޮގޮތުގައިހިފާށެވެ. މުސްކުޅިވުމުގެ ކުރިން ތިބާގެ ޒުވާންކަމާއި، ބަލިވުމުގެ ކުރިން ތިބާގެ ސިއްޙަތާއި، ފަޤީރުވުމުގެ ކުރިން ތިބާގެ މުދަލާއި، އަވަދިނެތި އުޅުމުގެ ކުރިން ހުސްވަގުތާއި އަދި މަރުވުމުގެ ކުރިން ތިބާގެ ދިރިއުޅުމެވެ. "
• ކަންތައްތައް ފަހުން ކުރަން ބެހެއްޓުން
" އޭ އަބޫ ޛައްރު ! ކަންތައްތައް ފަސް ކުރުމާމެދު ތިބާ ސަމާލުވާށެވެ ! އެއީ ތިބާ ދުނިޔޭގައި ތިހުރީ މިއަދެވެ. އަދި ތިބާއަށް މާދަން އަތުވެއްޖެނަމަ އެއީ މިއަދު ކަމުގައި ދެކޭށެވެ. ތިބާއަށް މާދަން ނައިއްސިކަމުގައިވާނަމަ އޭގެ ބޭނުން ނުހިފުނު ފުރުސަތުތަކާއި މެދު ތިބާ ހިތާމަކުރާނެތެވެ. "
• ވަގުތު ބޭކާރުނުކުރުން
" މިކަން ތިބާ ދެނެގަންނާށެވެ. ތިބާގެ ކިބައިގައި ނުރައްކާތެރި 2 ސިފައެއްވާނެތެވެ. އެއީ މަޖާނޫންކަންކަމަށް ހުނުމާއި ވަރުބަލިނޫންހާލުގައިވެސް ކަންނެތްވުމެވެ. "
• ތިބާދޭ ނަޞޭހަތާއި އެއްގޮތަށް ޢަމަލުކުރުން
" އޭ އަބޫ ޛައްރު! ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ބަޔަކު، ނަރައިކެ އަހުލުވެރިންގެ ތެރެއިން ބައެއްގެ މަތީ ތިބޭނެ ދުވަހެއްއަންނާނެތެވެ. އަދި ސުވަރުގޭގެ އަހުލުވެރިން ބުނާނެތެވެ. ' ތިޔަބައިމީހުން ނަރަކައަށް ދާން ޖެހުނީ ކޮން ސަބަބަކާހުރެ ހެއްޔެވެ ؟ ހަމަގައިމުވެސް ތިމަންމެން ސުވަރުގެއަށް ވަދެވުނީ ތިޔަބައިމީހުން ދެއްވި އިރުޝާދާއި ދެއްވި ޢިލްމުގެ ސަބަބުންނެވެ. ' ދެން އެހިނދު އެބައިމީހުން ބުނާނެތެވެ. ' ތިމަންމެން، އެހެންމީހުންނަށް ހެޔޮ ޢަމަލުތައް ކުރުމަށް ނަސޭހަތްތެރިވެ އުޅުނީމެވެ. އެހެންނަމަވެސް ތިމަންމެން އެ ޢަމަލުތައްކޮށެއްނޫޅެމެވެ.
• ތިބާއަށް ކުރެވޭ ފާފަތަކަކީ ކުޑައެއްޗެއް ކަމުގައި ނުދެކޭށެވެ.
" ހަމަގައިމުވެސް މުއުމިނުން، އެބައިމީހުންނަށް ކުރެވޭ ފާފަތަކަކީ ހިލަގަނޑެއްގެގޮތުގައި މެނުވީ ނުދެކެއެވެ. އަދި އެހިލަގަނޑު އެބައިމީހުންގެ މައްޗަށް ވެއްޓިދާނެތީ ބިރުގަންނާނެތެވެ. އަދި ކާފަރުންނަށް، އެބައިމީހުންނަށް ކުރެވޭ ފާފަތަށް ނޭފަތް ކައިރިންލާފައިދާ މެއްސެއްފަދައެވެ. އޭ އަބޫ ޛައްރު! ހަމަކަށަވަރުން، ﷲ ސުބުޙާނަހޫ ވަޠަޢާލާ އެކަލާނގެ އަޅާއަށް ހެޔޮގޮތް އެދޭނަމަ، އެމީހެއްގެ ފާފަތައް އެމީހާއަށް ދައްކަވާނެތެވެ. އަދި ނުބައިގޮތް އެދޭނަމަ އެމީހެއްގެ ފާފަތައްމަތިން ހަނދާންނައްތުވާލާނެތެވެ. "
• ނަމާދުތަކަށް އިސްކަންދޭށެވެ.
" އޭ އަބޫ ޛައްރު! ހަމަކަށަވަރުން، ތިބާ ނަމާދުގައި ހުންނަ ހިދު ތިބާ ތި ޓަކި ޖަހަނީ އެންމެ މަތިވެރިވެގެންވާ ރަސްކަލާނގެ ދޮރުކޮޅުގައެވެ. އަދި ގިނަގިނައިން އެކަލާނގެ ދޮރުކޮޅުގައި ޓަކިޖަހާކަމުގައިވަނީނަމަ އެކަލާނގެ އެމީހަކަށް އެދޮރުކޮޅު ހުޅުއްވައިދެއްވާނެތެވެ. "
• މިދުނިޔެއަށް ތިބާ ނުހެއްލޭށެވެ.
" އޭ އަބޫ ޛައްރު! މުއުމިނުންނަށް މިދުނިޔެއަކީ ޖަލެކެވެ. އަދި ކާފިރުވިމީހުންނަށް މީ ސުވަރުގެއެކެވެ. "
• ހިތްހަމަޖެހުމުގައިވާ ހާލު އެކަލާނގެ ހަދުމަކުރާށެވެ
" ހިތްހަމަޖެހުމާއި އުފާވެރިކަމުގައިވާ ހާލު އެކަލާނގެމަތިން ހަނދުމަކުރާށެވެ. އޭރުން، ތިބާގެ ދަތި އުނދަގޫ ވަގުތުތަކުގައި އެކަލާނގެ ތިބާ ހަނދުމަކުރާނެތެވެ. "
• ޣީބަ ބުނުމުން ދުރުހެލިވާށެވެ. "އޭ އަބޫ ޛައްރު! ޣީބަ ބުނުމުން ތިބާ ރައްކާތެރިވާށެވެ! އެހެނީ، އެއީ ޒިނޭކުރުމަށްވުރެވެސް ނުބައިވެގެންވާ ޢަމަލެކެވެ." ދެން އެހިނދު އަބޫ ޛައްރު ބުންޏެވެ. " އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކީއްވެގެންހެއްޔެވެ ؟ " އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " އެއީ، ޒިނޭކުރާމީހާ އެކަންކުރުމަށްފަހު ﷲގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވައިފިނަމަ އެކަލާނގެއަށް އެމީހާގެ ފާފަ ފުއްސެވޭނެތެވެ. ނަމަވެސް ޣީބަ ބުނާމީހާއަށް އެބަސްތައް ރައްދުވާ މީހާ މަޢާފް ކުރުމުން މެނުވީ އެކަލާނގެ އޭނާގެ ފާފަ ނުފުއްސަވާނެތެވެ. "
އެހެންކަމުން އަބޫ ޛައްރަށް ކީރިތި ރަސޫލާ صالله عليه وسلم ދެއްވެވި ނަޞޭހަތްޕުޅުން ޢިބުރަތްލިބިގަނެ ތިބާގެ އާޚިރަތްކާމިޔާބުކުރުމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާށެވެ.
" ހެޔޮ ޢަމަލުކުރާ މީހުންނަށް އެންމެ ހެޔޮ ޖަޒާ ހުށްޓެވެ. އަދި އޭގެ އިތުރަށްވެސް ހުށްޓެވެ. އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެއުރެން އެތާގައި ދެމިތިބޭހުށްޓެވެ. " سورة يونس: 26
--ކިޔައި ޢަމަލުކުރުމުން އެމީހަކަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ- އިން ޝާ ﷲ